ޝަރުތުތަކަކާއި އެކު ވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ސަލާމަތްވުމަކީ ލިބުނު އުފަލެއް އަދި ހިތްވަރެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ޝަރުތުތަކަކާއި އެކު ގާސިމް ދޫކޮށްލަން އިއްޔެ ކްރިމިނަލް ކޯޓުން އަމުރު ކުރުމުން ކުރެއްވި ޓްވީޓެއްގައެވެ.
ކޯޓުން އިއްޔެ ގާސިމް ދޫކޮށްލާފައި ވަނީ ހަތް ޝަރުތެއް ކުރުމަށް ފަހުއެވެ.
އެޝަރުތުތަކަކީ ތަހުގީގަށް އެއްބާރުލުން ދެއްވުމާއި ފުލުހުންގެ ހުއްދަ ލިބިގެން ނޫނީ ރަށުން ބޭރަށް ވަޑައިނުގަތުމަށާއި ފިތުނަ އުފެދޭ ފަދަ ވާހަކަތައް ދައްކާ މީހުންނާ އެކު ބައްދަލުވުންތައް ނުބޭއްވެވުމަށާއި ހެކި ގެއްލިދާނެ ފަދަ ނުވަތަ ހެއްކަށް ނުފޫޒު ފޯރާ ފަދަ އެއްވެސް ކަމެެއް ނުކުރެއްވުމަށާއި ފިތުނަ އުފެދޭ ވާހަކަތައް ނުދެއްކެވުމާއި ފިތުނަ އުފެދޭ ވާހަކަތައް ދެއްކެވުމަށް ގާސިމްގެ ގޯތިގެދޮރު ބޭނުން ނުކުރެއްވުމާއި އެފަދަ ކަންކަމަށް މީހުންނަށް ތަންތަން ދޫ ނުކުރެއްވުމާއި ދައުލަތުގެ ތިން ބާރާއި އެ ބާރުގެ ވެރިންނާ ބެހޭގޮތުން ނުތަނަވަސްކަން އުފެދޭ ވާހަކަތައް ނުދެއްކެވުމެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހު ގާސިމް ހައްޔަރު ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން 42 މެމްބަރުންގެ ސޮއި ހޯދަން، "ގަވާއިދާ ހިލާފަށް" މަސައްކަތްކުރެއްވުމާއި ސަރުކާރު ވައްޓާލަން މަސައްކަތްކުރައްވާކަމުގެ ތުހުމަތުގައެވެ.
ހައްޔަރުކުރުމަށްފަހު މިދިޔަ މަހުގެ 21 ވަނަ ދުވަހު ގާސިމް ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ. ކްރިމިނަލް ކޯޓުގެ އެ ނިންމުމަށް ހައިކޯޓުން ވެސް ތާއީދުކުރިއެވެ. އަދި މިމަހުގެ ފަސްވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ގާސިމްގެ ބަންދަށް އިތުރު ހަތަރު ދުވަސް ޖަހާދީފައެވެ. އެ މުއްދަތު ހަމަވީ އިއްޔެ އަށެވެ.
ގާސިމް މިއަދު ދޫކޮށްލިއިރު އޭނާ އާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާއެއްގެ ޝަރީއަތް މިހާރު ވަނީ ފެށިފައެވެ.
ގާސިމްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދޭން އުޅުމުގެ ދައުވާ އާއި ރަސްމީ ގޮޮތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އެވެ.
ޝަރުތުތަކަކާއި އެކުވެސް ގާސިމް ސަލާމަތްވުމަކީ ލިބުނު އުފަލެއް – ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ