ލާދީނީ މީހުން މަސައްކަތްކުރަނީ ވަކި އުސޫލުތަކެއް ގާއިމުކުރަން - މައުމޫން

ރާއްޖޭގައި މިހާރު އޮތީ "އިސްލާމީ ގައުމީ ވިސްނުމާ"އި "ލާދީނީ، ލާގައުމީ" ވިސްނުން ކަމަށާއި ލާދީނީ ވިސްނުމުގެ މީހުން މަސައްކަތް ކުރަނީ އެމީހުންގެ ވަކި ކަހަލަ އުސޫލުތަކެއް ގާއިމުކުރަން ނުވަތަ ބޭރު ދުނިޔޭގެ ތަނެއްގެ ގޮތުގައި ރާއްޖެ ހެދުމަށް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ޔުމްނާ މައުމޫން އިސްތިއުފާ ދެއްވާތީ، އެކަމަނާ ކުރެއްވި މަސައްކަތްތަކުގެ އަގު ވަޒަންކުރުމަށް ނަސަންދުރަ ޕެލަސް ހޮޓަލުގައި ބޭއްވި ހަފްލާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގައި އޮތީ ސިޔާސީ ދެ ފިކުރެއް ކަމަށް ވަރަށް ގިނަ މީހުން ބުނަމުންދާ ކަމަށާއި އެއީ ލާދީނީ ފިކުރާއި ގައުމީ އަދި ދީނީ ފިކުރު ކަމަށެވެ.
މިދެފިކުރުގެ ތެރެއިން ކޮންމެވެސް އެއް ފިކުރެއް ދިވެހި ރައްޔިތުން އިހްތިޔާރުކުރަން ޖެހިފައިވާ ކަމަށާއި ޕީޕީއެމްއަކީ އިސްލާމީ ގައުމީ ވިސްނުން ތަމްސީލްކުރާ ޕާޓީ ކަމަށެވެ. އޭގެ އަނެއްކޮޅުގައި ތިބިމީހުން ސައްކަތްކުރަނީ އެ މީހުންގެ ވަކި ކަހަލަ އުސޫލްތަކެއް ގާއިމްކުރަން. ނުވަތަ ބޭރު ދުނިޔޭގެ ތަނެއްގެ ގޮތުގައި ރާއްޖެ ހެދުމަށް ކަމަށް މައުމޫން ވިދާޅުވި އެވެ.
"އިސްލާމީ ގައުމީ ވިސްނުން ތަމްސީލު މިކުރަނީ ޕީޕީއެމުން. ޕީޕީއެމްގެ އުސޫލްތަކަށް ތާއީދުކުރާ އެހެން ފަރާތްތަކުން. އޭގެ އަނެއްކޮޅުގައި އެތިބީ ލާދީނީ އަދި ލާ ގައުމީ ބައެއް. އެ މީހުން މަސައްކަތްކުރަނީ އެ މީހުންގެ ވަކި ކަހަލަ އުސޫލްތަކެއް ގާއިމްކުރަން. ނުވަތަ ބޭރު ދުނިޔޭގެ ތަނެއްގެ ގޮތުގައި ރާއްޖެ ހެދުމަށް،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި އެމީހުން އެ އުޅެނީ ރާއްޖެއަކީ ބޭރު ދުނިޔޭގެ ކޮންމެވެސް ކަހަލަ ޖަމާއަތެއްގެ ބަޔަކަށް ހެދުމަށް ކަމަށާއި އެހެން ކަހަލަ ސަގާފަތްތަކެއް އަދި ރާއްޖެގެ ރައްޔިތުންނާއި ބީރައްޓެހި ލާދީނީ ސަގާފަތެއް ރާއްޖެ ގެނެވޭތޯ ކަމަށެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ އިސްލާމް ދީނަށް ފުރައްސާރަކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ޑެންމާކުގައި ވާހަކަ ދެއްކެވި ކަމަށް ބުނާ މައްސަލަ ހޫނުވެ ސިޔާސީ ބައެއް ޕާޓީތަކުން އެކަން ކުށްވެރިކޮށް މާލޭގައި މުޒާހަރާތައް ފަށާފައިވާ ދަނޑިވަޅެއްގައި އެވެ.
ޕީޕީއެމް އާއި ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ މިވަގުތު މިވަނީ ކުރިން ހީނުކުރާ ފައްތަރެއްގައި ކަމަށާއި އެހެންކަމުން ޕީޕީއެމް މެންބަރުން ވަރަށް ބޮޑަށް އެކަތިގަނޑަކަށްވެ އެކުވެރިވާން ޖެހޭ ކަމަށެވެ. އަދި ޕީޕީއެމްއިން ދަތުރުކުރަނީ ވަރަށް ގަދަ ކަނޑެއްގައި ކަމަށާއި އެހެންކަމުން ގަދަ ކަނޑެއްގައި ދަތުރުކުރާއިރު ވައި ހުންނަ ގޮތަކުން މިސްރާބު ބަދަލުވާފަދައިން ބައެއް ބޭފުޅުންނަށް އެހެންވަމުންދާ ކަމަށެވެ.
"އެކަމަކު އެއީ ހަގީގަތުގައި އެކަން ވާންވި ގޮތެއް ނޫން، އަޅުގަނޑުމެންގެ ޕާޓީއަކީ އެއަށްވުރެން މާ ހަރުދަނާ މާވަރުގަދަ ޕާޓީއެއް، އެހެންވީމަ މިޕާޓީއަކަށް އެއްވެސް ކަހަލަ ލޮޅުމެއް ނާންނާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން، މާތް ﷲ ވާގިފުޅާއެކީގައި އަޅުގަނޑުމެން އަބަދުވެސް ތިބޭނީ ވަރުގަދަ އެއްބައިވަންތަ ޕާޓީއެއްގެ ގޮތުގައި." މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ކުރިއަށް އޮތީ ވަރުގަދަ ޖިހާދެއް ކުރުން ކަމަށާއި އެއީ ރިޔާސީ އިންތިހާބު ކާމިޔާބުކުރުން ކަމަށްވާތީ ޕީޕީއެމްގެ ހުރިހާ މެންބަރުން ވެސް އެކަމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެކަން ކުރެވޭނީ އެއްބައިވަންތަ ޕާޓީއެއްގެ ގޮތުގައި ތިބެވިގެން ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ރިޔާސީ ޓިކެޓު ހަވާލުކުރެއްވުމުން ހުރިހާ ފަރާތްތަކުން ވެސް ތިބެންޖެހޭނީ ޔާމީން ފަހަތުގައި ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ޔާމީން ހޮއްވެވުމަށް މަސައްކަތްކުރައްވަންޖެހޭނީ އެއްވެސް ވަރުބަލި ކަމެއް ނެތި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ