މޭޑޭގައި ފުލުހުން ވަނީ އެކަށީގެން ނުވާ މިންވަރަށް ބާރުގެ ބޭނުންކޮށްފައި – ސީއެޗްއާރްއައި

އަނިޔާވެރިކަމާ ދެކޮޅަށް ކަމަށް މިމަހުގެ އެއް ވަނަ ދުވަހު އިދޮކޮޅު ފަރާތްތަކުން މާލޭގައި ކުރި ބޮޑު މުޒާހަރާ ރޫޅާލުމުގައި ފުލުހުން އެކަށީގެން ނުވާ މިންވަރަށް ބާރުގެ ބޭނުންކޮށްފައިކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމުގައިވާ ކޮމަންވެލްތް ހިއުމަން ރައިޓްސް އިނިޝިއޭޓިވް (ސީއެޗްއާރްއައި) އިން ބުނެފިއެވެ.
އެޖަމިއްޔާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މޭޑޭގެ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ބާރުގެ ބޭނުން ހިފާފައިވަނީ އެކަށީގެންވާ މިންވަރަކަށް ނޫން ކަމަށާއި ރާއްޖޭގެ މިނިވަން މުއައްސަސާތަކުން އެމައްސަލަ ބަލަން ޖެހޭނެ ކަމަށެވެ. އެޖަމިއްޔާއިން ބުނެފައިވާ ގޮތުގައި އެދުވަހުގެ މުޒާހަރާއިން ޖުމްލަ 200 މީހަކު ހައްޔަރުކޮށް ބަޔާން ނަގާ 175 މީހުން ބަންދު ކޮށްފައިވެއެވެ.
ސީއެޗްއާރްއައި އިން އިތުރަށް ބުނެފައިވަނީ ފުލުހުން ކުރާ ކޮންމެ ކަމެއް ކުރަންޖެހޭނީ ގާނޫނުގެ ތެރެއިން ކަމަށާއި އަދި ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ރާއްޖެއިން ކުރާ މަސައްކަތް އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަމަށްވެސް އެޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން އެއްވެ އުޅުމުގެ ހައްގު ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާއިރު އެއްވެއުޅޭ މީހުން ހިފައި ހައްޔަރުކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި މޭޑޭގެ މުޒާހަރާއިން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރި މައްސަލައާއި ރައްޔިތުންނަށް ފުލުހުން ކުރި އަނިޔާގެ މައްސަލަތައް އިންސާނީ ހައްގުތަކުގެ ކަންކަން ބަލަމުންގެންދާ ބައިނަލްއަގްވާމީ ފަރާތްތަކުން ތަހުގީގުކުރުމަށްފަހު ފިޔަވަޅު އެޅުމަށްވެސް އެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ