ޔާމީންގެ ދެވަނަ ދައުރެއް ރައްޔިތުން ތަޖުރިބާ ކުރާކަށް ނޫޅޭ: އިބޫ

ޕީޕީއެމްގެ ފަރާތުން ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަ ކުރައްވާ ރައީސް އަބްދުﷲ ޔާމީންގެ ދެވަނަ ދައުރެއް ރައްޔިތުން ތަޖުރިބާ ކުރާކަށް ބޭނުން ނުވާ ކަމަށް، އިދިކޮޅު ކޯލިޝަން ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.
ވީޓީވީން މިރޭ ގެނެސްދިން "އިބޫއާއެކު އެއް ގަޑިއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ގުޅިފައި އޮތް ޕާޓީތަކުން އެކުވެ އުފައްދާފައިވާ ކޯލިޝަން ސަރުކާރުން ވަރަށް ތަފާތު މަންޒަރެއްް ރައްޔިތުންނަށް ފެނިގެންދާނެ ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ތަޖުރިބާއެއް ރައްޔިތުން އަލުން ކުރަން ނޫޅޭ ކަމަށާއި، އެ ތަޖުރިބާގެ އަލީގައި ރައީސް ޔާމީންގެ ސަރުކާރަށް ނޫނެކޭ ބުނެ، ރައްޔިތުން ތިބިތަން ފެނިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސް ޔާމީން ވެރިކަން ކުރެއްވި ތަޖުރިބާއެއް ދެން ރައްޔިތުން އަލުން ތަޖުރިބާ ކުރާކަށް ނޫޅޭ. އަޅުގަނޑު ހިތުން އެތަޖުރިބާގެ އަލީގައި ސަރުކާރަށް ނޫނެކޭ ބުނެ ތިބޭތަން އަޅުގަނޑުމެންނަށް މިފެންނަނީ. އެހެންވީމާ އެއީ އެއް ނޫން ރައްޔިތުން މި ބޭނުންވާ ތަޖުރިބާ އަކީ" އިބޫ ވިދާޅުވިއެވެ.
އިބޫ ވަނީ އޭނާއަށް ސަރުކާރެއް ހިންގުމުގެ އެއްވެސް ތަޖުރިބާއެއް ލިބިވަޑައިގެންފައި ނުވާ ކަމަށް ރައީސް ޔާމީނާއި މި ސަރުކާރު ހިންގާ ބައެއް އިސްވެރިންގެ ފާޑު ކިޔުުންތަކަށް ވެސް ރައްދުދެއްވާފައެވެ.
އެގޮތުން އިބޫ ވިދާޅުވީ، އެނާ ދެކެވަޑައިގަންނަވާ ގޮތުގައި ރައްޔިތުންގެ ވެރިކަމެއްގައި އެންމެ މުހިންމު މުއައްސަސާއަކީ ރައްޔިތުންގެ މަޖިލީސް ކަމަށެވެ. ރައްޔިތުންގެ ބަސް އިއްވާ ތަނަކީ އެއީ ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވާ ތަނަކީ ވެސް އެއީ ކަމަން އިބޫ ފާހަގަ ކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި 25 އަހަރު ހޭދަކުރެއްވިފައި ވާއިރު ސަރުކާރުތަށް ހިންގަމުންދާ ގޮތް ވަރަށް ރަނގަޅަށް ފެނިވަޑައިގެންފި ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައްޔިތުންގެ ވެރިކަމެއްގައި އެންމެ މުހިންމު މުއައްސަސާއަކީ ރައްޔިތުންގެ މަޖިލީސް އަޅުގަނޑު ދެކޭގޮތުގައި. ރައްޔިތުންގެ ބަސް އިއްވާ ތަނަކީ އެއީ. އެއީ ސަރުކާރު ޖަވާބުދާރީ ކުރުވާ ތަނަކީ ވެސް. އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގައި ހޭދަކުރަމުން މިދަނީ 25 ވަނަ އަހަރު. 25 އަހަރު ހަމަވަމުންދާ އިރުގައި ސަރުކާރުތަށް ހިންގަމުންދާ ގޮތް އަޅުގަނޑަށް ފެނިއްޖެ. ދަސްވެއްޖެ" ރައީސް ޔާމީނަށް ރައްދުދެއްވައި ހިންނަވަރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ އިބޫ ވިދާޅުވިއެވެ.
ސަރުކާރެއް ޖަވާބުދާރީ ވާންޖެހޭ ކަންތައް ފާހަގަ ކުރެވިއްޖެ ކަމަށާއި، އެކަމަށް މަސައްކަތް ވެސް ކޮށްފައިވާ ކަން ފާހަގަ ކުރައްވަމުން އިބޫ ވިދާޅުވީ، ސަރުކާރެއް ހިންގަންވާނެ ގޮތް ވަރަށް ސާފުކޮށް އޭނާއަށް މިހާރުއްސުރެވެސް މަންޒަރު ސިފަކުރެއްވޭ ކަމަށެވެ. އަދި ކޯލިޝަންތެރޭގައި ތިއްބެވީ ސަރުކާރެއް ހިންގުމުގެ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި އެންމެ ސީނިޔާ ބޭފުޅުން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކޮށްފިން. ބަޖެޓް ކޮމިޓީގައި މަސައްކަތް ކޮށްފިން. މާލިއްޔަތު ކޮމިޓީގައާއި ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީގައި އަދި އެނޫން ކޮމިޓީ ތަކުގައި މަސައްކަތް ކޮށްފިން. އެހެންވީމާ ސަރުކާރެއް ހިންގާނެ ގޮތް ވަރަށް ސާފު. އަނެއްކޮޅުން އަޅުގަނޑުމެންގެ ތެރޭގައި މިތިބީ ސަރުކާރެއް ހިންގުމުގެ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި އެންމެ ސީނިޔާ ބޭފުޅުން. ރާއްޖޭގައި އެކަމަށް ނެގޭނެ އެންމެ ސީނިޔާ އެންމެ ކޮލިފައިޑް ބޭފުޅުން އެބަތިއްބެވި" އިދިކޮޅު ކޯލިޝަންގެ ތިއްބެވި ތަފާތު ހިދުމަތްތެރިންގެ ތަޖުރިބާއަށް އިޝާރަތް ކުރައްވަމުން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި އެހެން ކަމުން ރައްޔިތުން އެކަމާ އެއްވެސް ވަރަކަށް ޖެހިލުންވާނެ ކަމެއް ނެތް ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ