ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލާ 78 ވަކީލުންގެ ބަޔާނެއް
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލާ 78 ވަކީލުން ބަޔާނެއް ނެރެފިއެވެ. ވަކީލުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރަކީ އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ބާރުން ނެރުއްވާފައިވާ އަމުރަކަށް ވާތީ އެއީ ވަގުތުން ތަންފީޒު ކުރަން ޖެހޭ އަމުރެއް ކަމަށެވެ. "އެ އަމުރަކީ އިތުރު ދިރާސާއެއް، ރައުޔެއް ހޯދުމެއް ނެތި ވަގުތުން ތަންފީޒު ކުރަން ޖެހޭ އަމުރެއް" ވަކީލުންގެ ބަޔާނުގައި ބުނެފައިވެއެވެ. އަމުރުގައި ނަން ފާހަގަކޮށްފައިވާ ނުވަ ސިޔާސީ ފަރާތް ބަންދުކުރި ސަބަބުތައް ޝަރުއީ އަދި ގާނޫނީ ސަބަބުތައް ސައްހަ ނޫން ކަމަށް އަމުރުގައި ބުނެފައިވާތީ އެކަން ވަކީލުންގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ބުނެފައިވަނީ ގާނޫނުއަސާސީގެ 145 ވަނަ މާއްދާގައި ބުނެފައިވާ ފަދައިން ގާނޫނުއަސާސީއާއި ގާނޫނު މާނަކުރުމުގައި އަދި ޝަރުއީ ކޯޓުތަކުން ނިންމާ ނިންމުންތަކާ މެދު އެންމެ ފަހުބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށް ބުނެފައިވާތީ ކޯޓު އަމުރަށް ތަބާވުމަކީ އެންމެންގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ. ބަޔާނުގައި ބުނެފައިވަނީ އެެއްވެސް މީހަކާ މެދު ގާނޫނީ އިޖުރާއަތު ތަކުން ބާރުން އަދި އާބިޓްރަރީ ގޮތެއްގައި އަމަލުކުރުން ހުއްޓުވުމުގެ ގޮތުން އަދުލުވެރިކަމާއި ހަމަހަމަކަމާއެކު ޝަރީއަތް ކުރެވުމުގެ ހައްގު ހިމާޔަތް ކޮށްދޭން ޖެހޭ ކަމަށެވެ. ވަކީލުން ވަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް ގޮވާލައިފައެވެ. އަދި ރާއްޖޭގެ އަމާންކަން ނުގެއްލޭ ގޮތަށް އަސާސީ ހައްގުތައް ހިމާޔަތް ކުރުމަށް ރައްޔިތުންގެ ކިބައިން ވަނީ އެދިފައެވެ. ސުޕްރީމް ކޯޓުން ނެރުނު ކޯޓު އަމުރުގައި ބުނެފައިވަނީ "ޖިނާއީ ތަހުގީގުގެ މައްޗަށް ބިނާކޮށް ދައުވާ އުފުލާ ފަރާތަށާއި ފަނޑިޔާރު ގެއަށް ނުފޫޒު ފޯރުވައިގެން ގާނޫނީ އިޖުރާއަތުތަކާ ހިލާފަށް ކޮށްފައިވާ ހުކުމްތަކުގެ މައްޗަށް ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކަށް ރިއާޔަތްކޮށް ބެލި އިރު، އެ މައްސަލަތަކަކީ ގާނޫނީ ހަމަތަކުގެ މަތީން އަލުން ބަލައި ޝަރީއަތުގެ ފަރާތުން ގޮތް ކަނޑައަޅަން ޖެހޭ މައްސަލައަކަށް ވާތީ، އެ މައްސަލަތަކާ މެދު އަލުން ގޮތެއް ކަނޑައެޅެންދެން، ގ. ކެނެރީގޭ މުހައްމަދު ނަޝީދު، މ. ސީނުކަރަންކާގޭ މުހައްމަދު ނާޒިމު، މ. ކޮޅުފުށީ، މަލްހާރު، އިމްރާން އަބްދުﷲ، ހ. ސާމަރާ، އަހުމަދު އަދީބު އަބްދުލްޣަފޫރު، ގއ. މާމެންދޫ، ރަތްމަސްގޭ މުހުތާޒު މުހުސިން، މ. މާފަންނުވިލާ ގާސިމް އިބްރާހިމް، މއ. ކިނބިގަސްދޮށުގޭ ފާރިސް މައުމޫން، ގއ. މާމެންދޫ ވީނަސް، އަހުމަދު ނިހާން، މ. ޝޫރާމަންޒިލް ހާމިދު އިސްމާއިލް، އާއި މިފަރާތްތަކާ ބެހޭ މައްސަލަތައް ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން ބެލެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ވަގުތުން ދޫކޮށް މިނިވަން ކުރުމަށް އަމުރުކުރާ" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ