ފުވައްމުލަކު ކައުންސިލަށް ކައިރި އަތޮޅަކުން ފަޅުރަށެއް ލިބޭނެގޮތް ހައްދަވައިދެއްވުމަށް އެރަށު ކައުންސިލުން އެދިއްޖެ އެވެ.
އެ ކައުންސިލުން މިކަމަށް އެދުނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފުވައްމުލައް ސިޓީ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މިއަދު ކުރެއްވި މަޝްވަރާތަކުގަ އެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ފުވައްމުލައް ސިޓީ ކައުންސިލްގެ ކުރުދުމާ މާލަމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ ރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަން ހިއްސާކުރައްވާފައެވެ. އެގޮތުން ރަށުގެ ފެނާއި ކަރަންޓަށް މިހާރު ދިމާވެފައިވާ މައްސަލަ، ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ވީހާވެސް އަވަހަށް ހައްލުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވި އެވެ. މީގެއިތުރުން ރަށުން ފެން ކެނޑުމުގެ މައްސަލައާއި، ބޯން ބޭނުންކުރާ ފެނަކީ ރައްކާތެރި ފެންތޯ ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް ކައުންސިލުން ވަނީ އެދިވަޑައިގެންފަ އެވެ.
ރަށުގެ ކަރަންޓު ކެޕޭސިޓީ ދަށްވުމުމުގެ ސަބަބުން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާކަން ފާހަގަކުރައްވައި ރަމަޟާން މަހަށް އެ މައްސަލަ ހައްލުކޮށްދެއްވުމަށް ވެސް ކައުންސިލުން އެދިވަޑައިގެންނެވި އެވެ. މީގެއިތުރުން ރަށުގެ އިންޖީނުގެ، މީހުން ދިރިއުޅޭ ހިސާބުގައި ހުރުމުން ދިމާވާދަތިތައް ހައްލުކޮށްދެއްވުމަށް، މިހާރު އަޅަމުންދާ އިންޖީނުގެ އަވަހަށް ނިންމަވައި އެ އިމާރާތަށް އިންޖީނުގެ ބަދަލުކޮށްދެއްވުމަށްވެސް ކައުންސިލުން ވަނީ އެދިވަޑައިގެންފަ އެވެ.
ރަށުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އޮފީސް ކޮމްޕްލެކްސް އިމާރާތަކީ ރަށުގައި މިހާރު ހިންގަމުން އަންނަ ސަރުކާރުގެ އޮފީސްތައް، އެއް އިމާރާތެއްގައި ހިންގުމަށް ވަރަށް މުހިންމު އިމާރާތަކަށް ވާތީ، އެ އިމާރާތުގެ މަސައްކަތް ނިންމަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވި އެވެ.
ރައީސް, ފުވައްމުލަކުގެ އިސްވެރީންނާއި ބައްދަލު ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް
ފުވައްމުލަކަކީ ފަތުރުވެރިކަން ކުރިއަރަމުން އަންނަ ރަށެއްކަން ފާހަގަކުރައްވައި، ކައުންސިލުން ވަނީ ރަށަށް ލިބޭ ޖީއެސްޓީ އަދި ޓީޖީއެސްޓީގެ ވަކި އިންސައްތައެއް، އުސޫލެއްގެ ދަށުން ކައުންސިލަށް ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް ވެސް އެދިވަޑައިގެންފަ އެވެ. އަދި ރަށުގައި ކުރިއަށް ގެންދާ ސިޓީ ހޮޓަލުގެ މަސައްކަތް އެމްއޭސީއެލް އިން ކުރިއަށް ގެންދަވާއިރު، ފުވައްމުލަކު ލޯކަލް ކައުންސިލް އޮތޯރިޓީއާއި ގުޅިގެން ކުރިއަށް ގެންދެވުމަށްވެސް ކައުންސިލުން ވަނީ އެދިވަޑައިގެންފަ އެވެ.
މީގެ އިތުރުންވެސް ރަށުގެ ތަރައްގީއަށް މުހިންމު މަޝްރޫޢުތައް ކަމަށްވާ އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއު އާއި، ކުނިކޮށީގައި ހުރި ކުނިތައް އުކާލުމާއި، އެތަނުގައި ހުރި ވެހިކަލްތައް ބައުވެ ހަލާކުވެފައި ހުރުމުން ވެހިކަލްގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވުމާއި، ގެދޮރުގެ ދަތިކަމާއި ފުވައްމުލަކު ކައުންސިލަށް ކައިރި އަތޮޅަކުން ފަޅުރަށެއް ލިބޭނެގޮތް ހައްދަވައިދެއްވުމަށްވެސް ކައުންސިލުން ވަނީ އެދިވަޑައިގެންފަ އެވެ.
މީގެ އިތުރުން ކައުންސިލުން ވަނީ، މިއަދު ފުވައްމުލަކުގައި އަމަލީ މަސައްކަތް ފެށި ހުރިހާ މަޝްރޫއުތަކެއް ހުއްޓުމެއްނެތި ނިންމަވައިދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި ސަރުކާރުން ކުރިއަށް ގެންދާ ކޮންމެ ކަމެއްގައި ކައުންސިލުން ދެއްވަންޖެހޭ އެއްބާރުލެއްވުން ސަރުކާރަށް ދެއްވާނެ ކަމުގެ ޔަގީންކަންވެސް ކައުންސިލުން މި ބައްދަލުވުމުގައި ވަނީ ދެއްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތަފްސީލްދެއްވާފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކުރައްވާފަ އެވެ.
ފަޅުރަށެއް ދިނުމަށާއި ފެން ޓެސްޓް ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދޭން ފުވައްމުލަކުން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ