ކުޑަ އެސްކެވޭޓަރަކުން ބަނދަރު ފުންކުރާތީ ޔާމީން ފާޑުވިދާޅުވެއްޖެ

އެމްޓީސީސީން ޅ. ކުރެންދޫ ބަނދަރުގެ މަސައްކަތް ކުރަނީ ކުޑަ ކެޕޭސިޓީއެއްގެ އެސްކެވޭޓަރެއް ބޭނުންކޮށްގެން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ފާޑުވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ހއ. އަތޮޅު ކައުންސިލުން ދޭ 'ތިލަ އުތުރު އެވޯޑު' ހަފްލާ ޝަރަފުވެރިކޮށްދެއްވައި މިރޭ ވާހަކަ ދައްކަވަމުން ޔާމީން ވަނީ މިއަދު އެމްޓީސީސީއާ ހަވާލުކުރި ކުރެންދޫ ބަނދަރުގެ މަސައްކަތް ފެށިއިރު ކުޑަ އެސްކެވޭޓަރެއް ބޭނުންކޮށްގެން މަސައްކަތް ކުރާ ތަން ފެންނަ ފޮޓޯތަކާއި ވީޑިއޯތައް އާންމުވެފައިވާތީ އެ ކަމަށް އިޝާރާތް ކުރައްވައި ފާޑުވިދާޅުވެފަ އެވެ.
ތަފްސީލް - ޔާމީން ވިދާޅުވީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ފަދަ ކަންތައްތަކަށް އެންމެ ކުޑަވެގެން 3.5 ނުވަތަ 4 މީޓަރު ފުންމިނަށް ކޮނެވޭވަރުގެ އެސްކެވޭޓަރު ބޭނުންވާނެ ކަމަށެވެ.
"ކުރެންދޫ ބަނދަރަށްވީ ކިހިނެއްތޯ؟ އެމްޓީސީސީން މި ކަން މި ކުރަނީ 5 ޓަނުގެ އެސްކެވޭޓަރެއް ހިފައިގެން. ފަސް ޓަނުގެ އެސްކެވޭޓަރެއްގެ ކެޕޭސިޓީއަކީ 1 މީޓަރުގެ ފުންމިން،" ޔާމީން ވިދާޅުވި އެވެ.
"ކިހިނެއްތޯ އެ ބަނދަރު ރައްޔިތުން އެދޭ ވަރަށް ފުންކޮށްދެއްވާނީ؟ ފަސް ޓަނުގެ އެސްކެވޭޓަރަކުން ކުރެވޭނީ ކޮން މަސައްކަތެއްތޯ؟ 1 މީޓަރުގެ ފުންމިނަށް ކޮނެވޭނީ."
މިއަދު ފެށި އެ މަސައްކަތަށް ފާޑުވިދާޅުވެ ޔާމީން ވިދާޅުވީ، ރައްޔިތުންނަށް ފާޅުގައި ފާޑުކިޔަން ނުކެރޭ ނަމަ، ސިޔާސީ މީހުން އެ ވާހަކަ ދައްކާނެ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންނަށް އެ ބޭނުންވެފައި ހުރި ކަންތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެއްވަން،" ޔާމީން ވިދާޅުވި އެވެ.
ޔާމީން މިރޭ ވިދާޅުވީ އެ މަނިކުފާނު އެވޯޑު ހަފްލާ ޝަރަފުވެރިކޮށްދެއްވަން ވަޑައިގަތީ ރައީސް މުހައްމަދު މުއިއްޒަށް އެ ހަފްލާއަށް ވަގުތު ނުދެއްވުމުން ލިބިވަޑައިގެންނެވި ދައުވަތެއްގައި ކަމަށެވެ. އެ ހަފްލާއަށް ވަޑައިނުގެން ޅ. އަތޮޅަށް ރައީސް މިއަދު ދަތުރުފުޅެއް ފައްޓަވާފައިވާތީ ޔާމީން ވަނީ ފާޑުވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ