ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ %35އަކީ، ޒުވާނުންނަށް ހަދަން ލާޒިމްކޮށް، ގާނޫނުއަސާސީ އިސްލާހު ކުރުމަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހަށް އެމްޑީޕީގެ ބައެއް މެންބަރުން ވެސް ފާޑުކިޔައިފި އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީގެ ފަރާތުން ގާނުނުއަސާސީއަށް މި އިސްލާހު ހުށަހެޅުއްވީ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް އެވެ. ބިލު ހުށަހަޅާ ސަބަބެއްގެ ގޮތުގައި އޮތީ، ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ޒުވާނުން ހިއްސާ ކުރާއިރު، ސިޔާސަތު އެކުލަވާލުމާއި ގައުމުގެ މުހިންމު ނިންމުންތައް ނިންމުމުގައި ބަސްބުނުމުގެ ހައްގު އެންމެ ފުޅާ ދާއިރާއެއްގައި ޒުވާނުންނަށް ހޯދައިދިނުމަށް ކަމަށެވެ.
ތަފްސީލް - މި އިސްލާހު ހުށަހަޅައި ބިލުގެ ކޮޕީއެއް މީކާއިލް އިއްޔެ 'އެކްސް'ގައި ހިއްސާކުރެއްވުމުން، އެ ބިލަށް ފާޑުކިޔުއްވި އެމްޑީޕީ މެންބަރުންގެ ތެރޭގައި މަޖިލީހުގެ މީދޫ ދާއިރާގެ ކުރީގެ މެމްބަރު ރޮޒައިނާ އާދަމް ހިމެނެ އެވެ.
މީކާއިލްގެ މި ބިލު ރީޕޯސްޓުކުރައްވައި، މަޖިލީހުގެ މެންބަރުކަން 15 އަހަރު ކުރެއްވި ރޮޒައިނާ ވިދާޅުވީ، ރާއްޖޭގެ އާބާދީގެ %50 އަކީ އަންހެނުން ކަމުން، 19 ވަނަ މަޖިލީހުގައި އޭނާ ހޭދަކުރެއްވި ފަހު ދައުރުގައި، މަޖިލީހުގެ %33 ގޮނޑި އަންހެނުންނަށް ހާއްސަކުރަން ޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން އޭނާ ހުށަހެޅުއްވި ބިލު އަލުން މަޖިލީހަށް ހުށަހަޅައިދިނުން އެދޭ ކަމަށެވެ.
"މިވަގުތު މަޖިލީހުގެ މެންބަރުކަމުގައި ތިއްބެވި އަންހެން މެންބަރުންގެ ކިބައިން [އެފަަދަ ބިލެއް ހުށަހެޅުއްވުމަށް] އެދިފައިވީނަމަވެސް، އެފަދަ ކަމެއް އެބޭފުޅުންނަށް ކުރެވޭނެ ކަމަކަށް ނުފެނޭ. އެހެންވީމާ މިކަން އަޅުގަނޑުމެން [އަންހެނުންނަށް]ޓަކައި ކޮށްދެވެން އޮތީ މީކާއިލް ފަދަ މެންބަރުންނަށް،" މީކާއިލަށް ޓެގުކުރައްވާ ރޮޒައިނާ ކުރެއްވި ޕޯސްޓުގައިވެ އެވެ.
މީގެ އިތުރުން، އެމްޑީޕީގެ އިސް ސަފުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވުމަށް ފަހު، މިދިޔަ ސަރުކާރުގައި އުފެދުނު ހިތްހަަމަނުޖެހުންތަކުގެ ތެރެއިން އެމްޑީޕީން ވަކިވި އެ ޕާޓީގެ ތަރުޖަމާން އިމްތިޔާޒް ފަހުމީ ވެސް މި ބިލަށް ފާޑުވިދާޅުވި އެވެ.
މީކާއިލް އެ ބިލު ހުށަހެޅުއްވިކަން ހާމަކޮށް ޕޯސްޓުކޮށްފައިވަނިކޮށް، އެމްޑީޕީގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރުކަން ވެސް ކުރެއްވި އިމްތިޔާޒު ކުރެއްވި ޕޯސްޓެއްގައި ވަނީ، އެމްޑީޕީ އިން ވެސް މިހާރު މަޖިލީހަށް ހެއްވާ ޒާތުގެ ކަންކަން ހުށަހަޅަން ފަށާފައިވާ ކަމަށެވެ. އަދި، މިހާރު އެމްޑީޕީ ދާ މިސްރާބާމެދު ވެސް އޭނާ ސުވާލުއުފެއްދެވި އެވެ.
"އެމްޑީޕީ އިން ވެސް މިހާރު މަޖިލިސް އަށް ހެއްވާ ޒާތުގެ ކަންކަން ހުށަހަޅަން ފެށީމާ އަޅުގަނޑުމެން ކޮންދިމާލަކަށްބާ މިހާރު މި ދަނީ؟،" ވަކި މީހެއްގެ ނަމެއް ނުގެންނަވާ އިމްތިޔާޒް ކުރެއްވި ޕޯސްޓުގައިވެ އެވެ.
މިފަދަ ފާޑުކިއުންތަކެއް އަމާޒުވެފައިވާއިރު، އެ ބިލާއެކު މީކާއިލް އިއްޔެ ކުރެއްވި ޕޯސްޓު މިހާރު ވަނީ ޑިލީޓުކޮށްލާފަ އެވެ.
އެނގުން މުހިންމު - މީކާއިލް އިސްލާހު ހުށަހެޅުއްވީ ގާނޫނުއަސާސީގައި މެންބަރުން އިންތިހާބު ކުރާ ގޮތް ބަޔާން ކުރާ 72 ވަނަ މާއްދާއަށް އަކުރެއް އިތުރު ކުރުމަށެވެ.
އެ އިސްލާހުގައި ބުނީ:
ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރާއިރު، މެންބަރުންގެ އަދަދު ކަމަށް ކަނޑައަޅާ ޖުމްލަ އަދަދުގެ %30 ދާއިރާއަކީ ޒުވާނުންނަށް ހާއްސަ ދާއިރާތަކެއްގެ ގޮތުގައި އެކަށައަޅަން ޖެހޭ
މިގޮތަށް ޒުވާނުންނަށް ހާއްސަ ކުރާ ދާއިރާތައް ކަނޑައަޅާނޭ ގޮތުގެ ތަފްސީލު ބަޔާން ކުރުން އޮތީ ގާނޫނަކުން ކަނޑައެޅުމަށް
ޒުވާނެއްގެ ގޮތުގައި މި އިސްލާހުގައި ބަލަނީ، 35 އަހަރު ނުފުރޭ މީހުންނަށް
މިއަށް އަމަލު ކުރަން ފަށަން ހިމަނާފައި އޮތީ، މަޖިލީހުން ފާސްކޮށް، ތަސްދީގުކުރާ ދުވަހުން ފެށިގެންނެވެ.
މަޖިލީހުގެ %35 ޒުވާނުންނަށް ހަދަން މީކާއިލް ހުށަހެޅުޅުއްވުމުން އެމްޑީޕީގެ ބައެއް މެންބަރުންގެ ފާޑުކިއުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ