ސެލޫނަކަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށް ސަސްޕެންޑްކޮށްފި

މާލޭގައި ހުންނަ ސެލޫނެއްގެ ތެރެއަށް ވަދެ ހަމަނުޖެހުން ހިންގައި، އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށް، ސަސްޕެންޑްކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، މި ހާދިސާ ފުލުހުންނަށް ރިޕޯޓްކުރެވުނީ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 5 ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ މީހަކު ސެލޫނަކަށް ވަދެ ހަމަނުޖެހުން އުފައްދައި، ތަކެއްޗަށް ގެއްލުންދީ އަދި އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގާފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / އަސަރީވިލާ، ޢަލީ މަނިކު (43އ) ކަމަށެވެ.
ފުލުހުން އިތުރަށް ބުނި ގޮތުގައި، މި ހާދިސާގައި ހައްޔަރުކޮށްފައި ވަނީ ފުލުހެކެވެ. މި ހާދިސާ ހިނގި ތަނަށް ދިޔަ ފުލުހަކާ އޭނާ ވަނީ ކުރިމަތިލައި ހަމަލާދީ، ފުލުހުންގެ މަސައްކަތަށް ހުރަސްއަޅާފައިކަމަށް ފުލުހުން ބުންޏެވެ.
ހައްޔަރުކުރެވުނު ފަރާތަކީ ފުލުހެއްކަމަށް ވާތީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިނާއީ މައްސަލައާ ގުޅިގެން ހައްޔަރުކުރުމާ އެކު، 2025 ޑިސެންބަރު 6 ވަނަ ދުވަހުން ފެށިގެން މުސާރަ ނުލިބޭ ގޮތަށް ވަޒީފާއިން ވަކިކޮށް (ސަސްޕެންޑްކޮށް) ހުއްޓާލާފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އޭނާގެ މައްޗަށް ކުރެވުނު ޖިނާއީ ތުހުމަތުތައް މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. އަދި މި މައްސަލައާ ގުޅިގެން އިދާރީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ދަނީ ކުރަމުންނެވެ.
ޢަލީ މަނިކު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 5 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ