މިނިވަން މުއައްސަސާތަކަށް މީހުން އައްޔަންކުރުމުގެ އިޖުރާއާތުތަކާ މެދު ސުވާލު އުފެއްދުމުގެ އެއްވެސް ޖާގައެއް އިދިކޮޅު ފަރާތްތަކަށް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.
މި ބަހުސަކީ މިނިވަން މުއައްސަސާތަކަށް މީހުން އައްޔަންކުރާ އުޞޫލުތައް މުރާޖަޢާކޮށް، އިޞްލާޙުތައް ހުށަހެޅުމަށް އެކުލަވާލި ކޮމިޓީގެ ރިޕޯޓާ ގުޅޭގޮތުން ކުރިއަށްދިޔަ ބަހުސެކެވެ. މި ރިޕޯޓަކީ ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ހުށަހެޅުއްވުމަކަށް ބިނާކޮށް، މުޙައްމަދު ޝަކީލް ހިމެނޭހެން އެކުލަވާލި ކޮމިޓީއަކުން ދިރާސާކުރުމަށްފަހު ހުށަހެޅި ރިޕޯޓެކެވެ.
ބަހުސްގައި ވާހަކަދައްކަވަމުން ފަލާޙް ވިދާޅުވީ، ކޮމިޓީން މި މަސައްކަތް ކޮށްފައިވަނީ ވަރަށް ފުރިހަމައަށް ދިރާސާކުރުމަށްފަހު ކަމަށާއި، މިކަމުގައި ސިޔާސީ ގޮތުން މާނަކުރުންތައް ނެރުމުގެ ބަދަލުގައި ބަލަންޖެހޭނީ ރިޕޯޓުގެ ހޯދުންތަކަށް ކަމަށެވެ. އަދި މި މަސައްކަތުގައި ޝަކީލް ފަދަ ތަޖުރިބާކާރު ބޭފުޅުން ބައިވެރިވެވަޑައިގަތުމަކީ ރިޕޯޓުގެ ފެންވަރު އަންގައިދޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެމްޑީޕީގެ ޖަގަހަތަކުން މީހުން ނަގައިގެން މަގާމުތަކަށް އައްޔަންކުރި މަންޒަރު ފެނުނު، ނަމަވެސް އެއީ ގާބިލު ބޭފުޅުން ކަމަށްވާތީ އެކަމާ އިއުތިރާޒު ނުކުރަން
އިދިކޮޅު އެމްޑީޕީއަށް އަމާޒުކުރައްވައި ފަލާޙް ވިދާޅުވީ، ކުރީގެ ސަރުކާރުން ޝަރުޢީ ދާއިރާއާ މެދު ކަންކޮށްފައިވާ ގޮތް ރައްޔިތުން ހަނދާން ނެތޭނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށެވެ. އެގޮތުން، މުޒާހަރާއެއްގެ ތެރެއިން ފަނޑިޔާރަކު ނަގައިގެން ގެންގޮސް ސުޕްރީމް ކޯޓަށް އައްޔަންކޮށް މަޤާމުގެ ހުވާކުރުވި ހާދިސާއެއް އޭނާ ހަނދާންކޮށްދެއްވިއެވެ. ފަލާޙް ވިދާޅުވީ އެ ދުވަހު އެކަން އެގޮތަށް ކުރީ އެ ބޭފުޅާގެ ޝަރުޠު ހަމަވާތީ ކަމަށް ބުނެ އެކަން ބަލައިގަތް އިރު، މިއަދު ސަރުކާރުން ކުރާ އައްޔަންކުރުންތަކާ މެދު ސުވާލު އުފެއްދުމުގެ އެއްވެސް އުޞޫލީ ހަމައެއް އިދިކޮޅު ފަރާތްތަކަށް ނެތް ކަމަށެވެ.
މީގެ އިތުރުން، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ޝަރީފް މަޤާމުން ވަކިވެވަޑައިގަތުމާއެކު އެސްޓީއޯގެ އިސް މަޤާމަކަށް އައްޔަންކުރި ކަންވެސް ފަލާޙް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ އޭރު އެފަދަ ނިންމުންތަކަށް ފާޑުނުކިޔާ، މިއަދު މުއައްސަސާތަކުގެ އިޞްލާޙީ މަސައްކަތްތަކަށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަޖިލީހުގެ ކަންކަން ކުރިއަށްގެންދަނީ ދެފުށް ފެންނަ ގޮތަށް ކަމަށް ފަލާޙް ވިދާޅުވިއެވެ. އަދި ކުރީގެ ސަރުކާރުގައި އިންތިޚާބީ ކަންކަމަށް ނުފޫޒު ފޯރުވައި، އިލެކްޝަންސް ކޮމިޝަންގެ މައްސަލަތައް ހައިކޯޓާ ހަމައަށް ދިޔަ ކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރު މަޖިލީހުގެ ވޯޓަށް ސަރުކާރުން ނުފޫޒު ނުފޯރުވާ ކަމަށާއި، އިދިކޮޅު މެންބަރުންނަށް މިނިވަންކަމާއެކު ބަހުސްގައި ބައިވެރިވެވުމަކީ އޭގެ ހެއްކެއް ކަމަށް ވިދާޅުވިއެވެ.
ސަރުކާރާއި މެދު އުފައްދާނެކަމެއް ނެތް، އެމްޑީޕީއަކީ މުޒާހަރާއިން ނަގާ މީހުން ފަނޑިޔާރުންނަށްލީ ބައެއް: ފަލާޙް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ