ﷲ ގެ އިމްތިހާން ނިކަން ދެކެބަލާށެވެ!
އެކުވެރި އަޑުއެހުންތެރިން! މުސްލިމް ދީންވެރި އަންހެން ކުއްޖަކު ޢިއްފަތްތެރިކަމާއި ރައްކާތެރިކަމުގައި ހިފި. ދީނުގައި ސާބިތުވި. ނިވާވުމާއި ހިޖާބުގައި އޭނާގެ މުޅި ހަށިގަނޑު ހިލޭ ފިރިހެނުންނަށް ނިވާކުރި. އޭނާގެ ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނާއަށް ޞާލިޙު ތަޤުވާވެރި ފިރިއަކު ދެއްވެވުން.
އެހެންނަމަވެސް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރޭއްވުން އެއަށްވުރެ މާ ފުރިހަމަވެފައި ވަރުގަދަ. އެ އިލާޙުގެ އިމްތިހާނު ކުރެއްވުން މާ ފުރިހަމަ. ﷲ ސުބުޙަނަހޫ ވަތަޢާލާގެ އިރާދައާއި މިންވަރުފުޅުން މި މުސްލިމް އަންހެން ކުއްޖާއަށް ކައިވެނީގެ ގޮތުން ގުޅުމަށްޓަކައި ޒުވާނަކު ހުށައެޅި. މި ހުށައެޅުމާއި ޤަބޫލު ވުމަށްޓަކައި އޭނާގެ މޫނާއި ބޮލާއި ކަނދުރާ އަދި ހަށިގަނޑުގެ ވަނާތައް ހިލޭ ފިރިހެނުންނަށް ދައްކާކަށް ނުޖެހުނު. ދެ ޖިންސުގެ މަސްހުނިވުންތަކުގެ ތެރެއަށް ދާކަށް ނުޖެހުނު. ހިލޭ ފިރިހެނުންނާ ހީ ސަމާސާ ކޮށް އުޅޭކަށް ނުޖެހުނު. އިސްތިޚާރާކޮށް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ދެންނެވިފައިވާ ހާލުގައި ކައިވެނި ކުރެވިއްޖެ.
އިސްލާމީ އުސޫލުން ކައިވެނީގެ ހަފްލާވެސް ލުއި ގޮތަކަށް ނިމިއްޖެ. މިއީ ކައިވެނީގެ ފުރަތަމަ ރޭ. އެ ދެ ޒުވާނުންނަށް ޚާއްސަ ކުރެވިފައިވާ ގޭގައި އެ ދެމަފިރިންގެ ފުރަތަމަ އެކަނިވުން އައި. އެ ރޭގެ ރޭގަނޑުގެ ކެއުމުގެ ސުފުރާގެ މަތިން. އަންހެންކުއްޖާ އޭނާގެ އަލަތު ފިރިމީހާއަށް ކެއުން ތައްޔާރު ކުރި. ކެއުމުގެ ވަގުތުގައި ސުފުރާގެ ކައިރީގައި ހަމަ އިށިއިންތަނާ ގޭގެ ދޮރުގައި ޓަކި ޖަހާލި. ކުއްލިއަކަށް ފިރިމީހާ ރުޅިވެރިކަމާއެކު ބުނި. މިފަދަ މުހިއްމު ވަގުތުގައި ކާކު؟ އަނބިމީހާ ތެދުވެގެން ގޮސް އަވަސްއަވަހަށް ދޮރާ ހަމައަށް ހިނގައްޖެ، އަދި ސުވާލު ކޮށްލި. ދޮރުގައި ޓަކި ޖަހަނީ ކާކުތަ؟ ދޮރުގެ ބޭރުން ޖަވާބު ދިން. ސަލާންޖަހާ މީހެއް. ކާއެތިކޮޅެއް ލިބޭތޯ.
އަނބިމީހާ އެނބުރި އޭނާގެ ފިރިމީހާ ކައިރިއަށް ދިޔަ. އަދި ފިރިމީހާ ވަރަށް ހަރުކަށި އަޑަކުން އަހާލި. އެއީ ކާކު؟ އަނބިމީހާ ޖަވާބުގައި ބުނެލި. ސަލާންޖަހާ މީހެއް. ކާއެތިކޮޅެއް ލިބޭތޯ. ފިރިމީހާ ވަރަށް ބާރު އަޑަކުން ބުނެލި. އަހަރެމެންގެ ކައިވެނީގެ ފުރަތަމަ ރޭ އުނދަގޫ ކުރަން އައީ ކާކު؟ އަދި ކުއްލިއަކަށް ތެދުވެގެންގޮސް ދޮރު ހުޅުވާލި. އަދި އެ ސަލާންޖަހާ މީހާގެ ގައިގައި ވަރަށް ބާރަށް ތަޅައިގަނެ އޭނާއާއި މެދުގައި ވަރަށް އިހާނެތިކޮށް ހަދާފައި އޭނަ ފޮނުވާލި. އެފަޤީރު ނިކަމެތި މިސްކީނު މީހާގެ ބަނޑުހައިހޫނުކަމުގެ ވޭނަށްވުރެ ބޮޑު ވޭނެއް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ފަޤީރު މީހާއަށް ފިރިހެން މީހަގެ ފަރާތުން ލިބުނު.
އެއަށްފަހު ފިރިމީހަ އޭނާގެ އަލަތު ކައިވެނީގެ އަނބިމީހާ ކައިރިއަށް އެނބުރި އައި. އެކަމަކު އޭނާ ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ. ވަރަށް ހާސްވެފަ. ހަޅޭލަވަމުން އޭނާގެ އަނބިމީހާ ކައިރިން ދުރަށް ހިނގައްޖެ. އަދި ގެއިންވެސް ނިކުމެގެން ހިނގައްޖެ. ކައިވެނީގެ ފުރަތަމަ ރޭ ފިރިމީހާ އެ އަންހެން ކުއްޖާ ދޫކޮށް ހިނގައްޖެ. ދިޔައީ ކޮންތާކަށް ކަންވެސް ނޭންގޭ ހިސާބަށް. މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހިކްމަތްތެރި ރޭއްވެވުމާއި އެއިލާހުގެ މިންވަރު.
ލޮބުވެތި އަޚުންނާއި އުޚްތުން. އެކުވެރި އަޑުއެހުންތެރިން. މި ޢިއްފަތްތެރި ޒުވާން އަންހެންކުއްޖާ ކެއްތެރިވި. އަދި ﷲ ގެ ހަޒްރަތުގައިވާ އަޖުރަށް އެދުންވެރިވެގެން ހުރި. ކެއްތެރިކަމުގައި 15 އަހަރު ވޭތުވެގެން ހިނގައްޖެ. އެ ފިރިހެނާގެ އެއްވެސް ޚަބަރެއްނުވެ. 15 އަހަރުގެ ދިގު އިންތިޒާރަކަށްފަހު ޢިއްފަތްތެރިކަމުގެ ބަދަލު ﷲ ސުބުޙާނަހު ވަތަޢާލާ ދެއްވާގޮތް ނިކަން ވިސްނަވާ.
އެ އަންހެން ކުއްޖާއަށްޓަކައި ﷲ ސުބުޙާނަހޫ ވަތަޢާލާ ޚާއްސަ ކުރައްވާފައިވާ ދީންވެރި ޒުވާނާއާއި ބައްދަލުވި. ޚުލްޤު ހެޔޮ ދީންވެރި ޒުވާނަކު އެ އަންހެން ކުއްޖާގެ ކައިވެންޏަށް އެދުނު. އަދި އެ ކައިވެނީގެ ފުރަތަމަ ރޭ އަތުވެއްޖެ. އެރޭގެ ރޭގަނޑުގެ ކެއުމުގެ ސުފުރާއިން ދެމަފިރިން އެކަނިވި. އަލަތު ކައިވެނީގެ ދެބައިވެރިންނަށް ޚާއްސަ ކުރެވިފައިވާ ގޭގައި ރޭގަނޑުގެ ކެއުމުގެ ވަޤުތު ޖެހުމުން، ސުފުރާގެ ކައިރީގައި ހަމަ އިށިއިންތަނާހެން ދޮރުގައި ޓަކި ޖަހާލި.
ފިރިމީހަ އަނބިމީހާއަށް ބުނެލި. ގޮސް ދޮރު ހުލުވާލަބަލަ. ކާކުތޯ ބަލާލަބަލަ. އަނބިމީހާ ދޮރުގެ ކައިރިއަށް ގޮސް ޓަކި ޖަހަނީ ކާކުތޯ އަހާލި. ބޭރުން ޖަވާބުގައި ބުނެލި. ސަލާން ޖަހާ މީހެއް. ކާއެތިކޮޅެއް ލިބޭތޯ. އަނބިމީހާ ފިރިމީހާ ކައިރިއަށް އެނބުރި ދިޔަ. ދޮރުގައި ޓަކި ޖަހީ ކާކުތޯ ފިރިމީހާ އަހާލި. އަނބިމީހާ ޖަވާބު ދިން، ސަލާންޖަހާ މީހެއް. ކާއެތިކޮޅެއް ލިބޭތޯ. ފިރިމީހާ ކުރިމަތީގައި ހުރި ކާނާގެ ދޮލަނގު އުފުލާލައިފައި ބުނެލި. ގެންދޭ. ގެންގޮސް އެމީހާއަށް ކާން ދީ. އޭނާ ކައިފަ އިތުރަށް ހުރިއްޔާ އަހަރެމެން ކާނީ.
ދޮލަނގު ހިފައިގެން އަނބިމީހާ ހިނގައްޖެ. އަދި ދޮރުހުޅުވާލާ އެމީހާއަށް ދިއްކޮށްލި. އަދި ވަރަށް އަވަހަށް އެނބުރި ފިރިމީހާ ކައިރިއަށް އައި. އަނބިމީހާ ދަނީ ގިސްލާ ރޮމުން. އޭނާގެ ކަރުނަތައް ކޯތާފަތް މަތިން ފައިބަމުން ދޭ. ފިރިމީހާ ސުވާލު ކުރި. ކިހިނެއްވީ؟ ކީއްވެ ރޮނީ؟ ކޮންކަމެއް ދިމާވީ؟ އޭނާ އެއްޗެތި ކީތަ؟ އަނބިމީހާ ޖަވާބު ދިން. ނޫން. ފިރިމީހާ އަހާލި. މަލާމާތް ކުރީތަ؟ އަނބިމީހާ ބުނެލި. ނޫން. އުނދަގުލެއް ކުރީތަ؟ އަނބިމީހާ ޖަވާބުގައި ނޫނެކޭ ބުނެލި. ދެން ކީއްވެ ތި ރޮނީ؟
އަނބިމީހާ ކިޔައިދިން:
ލޮބުވެތި އަޚުންނާއި އުޚްތުން. އެކުވެރި އަޑުއެހުންތެރިން. ނިކަން ކަނުލާ އަޑުއައްސަވާ. އަނބިމީހާ ފިރިމީހާއަށް ބުނި. ތިބާގެ ގޭގެ ދޮރުގެ ކައިރީގައި ތިބާގެ ކާނާ ކާން އެހެރަ މީހަކީ މީގެ 15 އަހަރު ކުރިން އަހަރެންގެ ފިރިމީހާ. ކައިވެނީގެ ފުރަތަމަ ރޭ ސަލާންޖަހާ މީހަކު އައި. އޭނާއަށް ވަރަށް އަނިޔާކޮށް އިހާނެތިކޮށް ހިތާފަ ފޮނުވާލީ. އެއަށްފަހު އޭނާއެކޭ ޖިންނިއެކޭ އެއްފަދަ. ނުވަތަ ޖިންނި މޮޔަވެފައި އޮތް މީހެކޭ އެއްފަދަ. ހަޅޭއްލަވަމުން އަޑުގަދަ ކުރަމުން އަހަރެން ދޫކޮށްލާފައި ދިޔަ. އެއީ އަހަރެންގެ ކައިވެނީގެ މިފަދަ ފުރަތަމަ ރޭ. އެއަށްފަހު އޭނާގެ އެއްވެސް ހަބަރެއް ނުވޭ. އޭގެ 15 އަހަރު ފަހުން އަހަރެން އޭނާ މި ދުށީ މިރޭ. މީސްތަކުންގެ ކައިރީގައި ހިނގާ ސަލާންޖަހަމުން މިއަދު އެދަނީ އޭނާ. އަނިބިމީހާގެ ވާހަކަ ނުނިމެނީސް ކުއްލިއަކަށް ފިރިމީހާ އަޑުން އަޑުނަގާ ރޯންފެށި. އަނބިމީހާ ސުވާލު ކުރި. ކީއްވެ ތިހާ ބާރަށް ތި ރޮނީ. ފިރިމީހާ ބުނެލި. އެދުވަހު ތިބާގެ ފިރިމީހާ އެ ތަޅާ އަނިޔާކޮށްފައި ފޮނުވާލީ ކާކުކަން އެނގޭތަ؟ އަނބިމީހާ ބުނެލި. ނޫން. އެއީ ކާކު އަނެއްކާ. ފިރިމީހާ ބުނެލި. އެމީހަކީ އެއީ އަހަރެން.
ސުބުޙާނަﷲ. ޢަޒީޒްވަންތަ ﷲ ތަޢާލާ އިންތިޤާމް ހިއްޕަވާ ގޮތް ނިކަން ބައްލަވާ. އެއިލާހުގެ އަޅުތަކުންކުރެ ފަޤީރު ނިކަމެތި އަޅަކު ސަލާން ޖަހަން އައުމުން އޭނާއާ މެދުގައި އިހާނެތިކޮށް ކަންތައްކޮށް އޭނާގެ ބަނޑުހައި ހޫނުކަމުގެ މައްޗަށް އަނިޔާއާއި ހިތްދަތިކަމުގެ ވޭން އިތުރު ކުރުމަށްފަހު ފޮނުވާލި މީހާއަށް މިއަދު އެވަނީ އެ ފަޤީރު މީހާ އުފުލަންޖެހުނު ހާލު އުފުލަން ޖެހިފަ. އަދި އޭނާ ކުރިން ހުރި މުއްސަނދިކަމާއި ތަނަވަސް ކަމުގެ މަޤާމުގައި މިއަދު އެހެރީ އެ ފަޤީރު އިންސާނާ. ﷲ ސުބުހާނަހޫ ވަތަޢާލާ އަނިޔާވެރިވުމަކަށް ރުހިވޮޑިއެއް ނުގަންނަވާ. އަދި އެ އިލާޙު ސުބުޙާނަހޫ ވަތަޢާލާގެ އެއްވެސް އަޅަކަށް އަނިޔާވެރި ވެއްޖެނަމަ އެމީހެއްގެ ކިބައިން އެ އިލާހު ބަދަލު ހިއްޕަވާ. ދީލަތިވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހުސް ޠާހިރުވަންތަ ކަމާއެވެ. އެ އިލާޙުގެ އަޅުތަކުން ކުރެ މުޢުމިނު އަންހެނަކު ކެއްތެރިވުމުގެ ސަބަބުން 15 އަހަރުގެ އިމްތިޙާނަކަށް ފަހު ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނާއަށްޓަކައި ޞާލިހު ފިރިހެނަކު މިންވަރު ކުރެއްވި. އޭގެ ކުރީގައި އަޚުލާޤު ނުބައި އަނިޔާވެރިއަކު އޭނާގެ ޙަޔާތާއި ކިތަންމެ ކައިރިވިކަމުގައި ވިޔަސް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކީރިތި ވަންތަކަމުން އެ އަންހެނާގެ ޙަޔާތުން އެ ފިރިހެނާ ދުރު ކުރައްވާ ތަޤުވާވެރިކަމާއި ޢިއްފަތްތެރިކަމުގެ ފުރިހަމަ އުޖޫރަ ދެއްވި. ﷲ ސުބޫޙާނަހޫ ވަތަޢާލާ ކެއްތެރި ތަޤުވާވެރިންނަށް ބަދަލު ދެއްވަނީ މިފަދައިން.
- ސޯޝަލް މީޑިއާއިން
މިވާހަކަ ކިޔުމަށްފަހު، ސަލާންޖަހާ ނިކަމެތިންނަށް އިހާނެތިކޮށްހިތާ މީހުން އެކަން ނުކުރާނެ ފަދަ ޢިބްރަތްތެރި އަސަރުގަދަ ވާހަކައެއް-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ