ޑިމޮކްރެޓިކް ރިޕްރެޒެންޓޭޝަނަށް އަސަރު ނުކުރާނެ ގޮތަށް ޚިޔާލު ހުށަހަޅުއްވައި ކަންއުންސިލްތަކުގެ ސައިޒު ނުވަތަ ކޮމްޕޮޒިޝަން ކުޑަކުރަން ޕަބްލިކް ޑިބޭޓަކަށް ދިއުމަށް ނުވަތަ އާންމުންގެ މެދުގައި މަޝްވަރާކޮށް ޚިޔާލު ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުޅުވާލައްވައިފިއެވެ.
މިރޭ ގދ. ފިޔޯރީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ، ކުރިންވެސް ކައުންސިލްތަކުގެ ޢަދަދު މަދުކުރުމުގެ ޚިޔާލު ފާޅުކޮށްފައިވާނެކަމަށާއި އަދި އެކަމަށްޓަކައި މަޝްވަރާކުރެވި ރައްޔިތުންގެ ޚިޔާލާއި ކަމާބެހޭ އެންމެންގެ މަޝްވަރާއާ އެކީގައި ގެންނަންވާ ބަދަލުތައް ގެންނަވާނެކަމަށް ވިދާޅުވެފައިވާނެކަމަށެވެ. މިގޮތުން ބަލާއިރު އެއް ކަންބޮޑުވުމަކަށްވީ ކައުންސިލަރުންގެ ޢަދަދު މަދުކޮށްފިނަމަ ޑިމޮކްރެޓިކް ރިޕްރެޒެންޓޭޝަނަށް އަސަރު ކޮށްފާނޭކަމުގެ ކަންބޮޑުވުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެހެންކަމުން ކައުންސިލަރުންގެ ޢަދަދު މަދުނުކޮށް، ފުލްޓައިމްކޮށް ތިބޭނީ ކައުންސިލްގެ ރައީސްއާ ނައިބު ރައީސް ގޮތުގައި ކަނޑައެޅުމަކީ ޚަރަދު ކުޑަކުރުމަށް ކުރެވިދާނޭ ކަމެއް ކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ. އަދި އިންތިޚާބުގައި ފުލްޓައިމް މަޤާމަކަށް އިންތިޚާބުކުރާނީ ކައުންސިލްގެ ރައީސްގެ މަޤާމަށާއި ކައުންސިލްގެ ނައިބު ރައީސްގެ މަޤާމަށް ނަގާ ދެމީހުންކަމަށް ކަނޑައަޅައި އަދި ހަމަ މިހާރުވެސް ތިބޭ ޢަދަދަށް ކައުންސިލަރުން އިންތިޚާބުކުރި ނަމަވެސް އެއީ ކޮންމެ ޖަލްސާއަކަށް އެލަވެންސް އެއް ލިބޭގޮތަށް ހެދުމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ. އަދި ތަރައްޤީވެފައިވާ ޤައުމުތަކުގައި މި ގޮތަށް ކައުންސިލަރުން ތިބޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއިން ޑިމޮކްރެޓިކް ރިޕްރެޒެންޓޭޝަން ބަދަލެއް ނުވަތަ އަސަރެއް ނުކުރާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އިތުރު ތަފްޞީލު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ހުށަހެޅުއްވި ގޮތަށް ކަންތައް ކުރުމުން މިހާރު ތިބި ޢަދަދަށް ކައުންސިލަރުން ތިބޭނެކަމަށާއި އެހެން ނަމަވެސް އޮފީހުގައި ފުލްޓައިމްކޮށް ޤާއިމުވެ، އޮފީހުގައި އޮފީސް ހިންގަން ތިބޭނީ ރައީސް އާއި ނައިބު ރައީސް ކަމަށެވެ. އަދި މިކަން ކުރެވިދާނެ އިތުރު ގޮތްތައް ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ރައީސް ކަމަށް ކުރިމަތިލާފައިތިބޭ މީހުންގެ ގޮތުގައި ރަނިންގ މޭޓެއް ކުރިމަތިލައިގެން އެމީހާއާ އެކުގައި ވޯޓުލައިގެންވެސް ކުރިއަށް ގެންދެވިދާނެކަމަށެވެ. އޭރުން އެއް ފިކުރެއްގެ އެއް ޚިޔާލެއްގެ އަދި އެއް ސިޔާސީ ފިކުރެއްގެ ދެމީހުން އައުމުގެ ފުރުޞަތުވެސް ލިބޭނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމަ މިގޮތަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީވެސް ބަދަލުކުރެވިދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އ.ތ.މ ކޮމިޓީގެވެސް ރައީސާ އާއި ނައިބު ރައީސާ އެއީ ފުލްޓައިމްގެ ދެމީހުންނަށް ހަދައި ދެންތިބި މެންބަރުންނަކީ 'ޕަރ ސިޓީންގ' ނުވަތަ ބައްދަލުވުމުގައި ބައިވެރިވާ ދުވަސްތަކަށް އެލަވެންސް ލިބޭ ފަރާތްތަކަށް ހެދިދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތަށް އެލަވެންސް ލިބޭ ބަޔަކަށް ކައުންސިލަރުން ބަދަލުވާއިރު، މިހާރު އ.ތ.މ ކޮމިޓީގެ މެންބަރުންގެ އޮތް ކަންބޮޑުވުން ދިމާނުވާގޮތަށް ޤާނޫނަށް އެގެންނަ އިޞްލާޙުގެ ތެރެއިން އެ ޕާޓްޓައިމްވާ ކައުންސިލަރުންނަށް އެލިބޭ އެލަވެންސަކީ ވެސް ހަމަ މުސާރައިގެ ސްޓޭޓަސް އޮންނަ އެލަވެންސްއަކަށް ޤާނޫނުގައި ހެދުމުން އެ ލިބެންޖެހޭ އިނާޔަތްތައް ލިބޭނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ސިޓީ ކައުންސިލްތަކުގައިވެސް މޭޔަރ އަދި ޑެޕިއުޓީ މޭޔަރ ފުލްޓައިމްކޮށް މަސައްކަތްކުރާ އެގްޒެކެޓިވް ދައުރު އަދާކުރާ މުވައްޒަފުންގެ ގޮތުގައި އިންތިޚާބުކޮށް ދެންތިބި މެންބަރުންނަކީ ހާޒިރުވާ ކޮންމެ ޖަލްސާއަކަށް އެލަވެންސް ލިބޭ ފަރާތްތަކަށް ހެދިދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން އެމަނިކުފާނު ހުށަހެޅުއްވި ގޮތަށް ޢަމަލު ކުރުމަށް ރައްޔިތުންނަށް ފެނިވަޑައިގަންނަވާނަމަ، ޕަބްލިކް ޑިބޭޓެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. ކުރިއަށް އޮތްތަނުގައި މިކަމަށް ރައްޔިތުން ވިސްނަވައި އެންމެ އެދޭގޮތް ހުށަހެޅުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. ހަމައެއާއެކު ވަރަށް ސީރިއަސް ގޮތެއްގައި ފަންނީ ފެންވަރުގައިވެސް އަދި އާންމު ރައްޔިތުންގެ ހޮޅުއަށިތަކުގައްޔާއި ގޭތެރޭގައިވެސް މިކަމަށް މަޝްވަރާކުރެއްވުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. މިކަމަށް އެންމެ އެކަށީގެންވާ ހައްލެއް ގެނައުމަކީ ކުރަންޖެހޭކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހުރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުންވެސް ވިދާޅުވީ މި ސަރުކާރުން ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ރައްޔިތުންގެ ޚިޔާލާ މަޝްވަރާއާއެކުގައިކަމަށެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުންގެ ގާތަށް ވަޑައިގެން، ރައްޔިތުން ބޭނުންވާ ކަންކަން އަޑުއަހައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރިއަށްގެންދުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކަންއުންސިލްތަކުގެ ސައިޒު ނުވަތަ ކުޑަކުރަން އާންމުންގެ މެދުގައި މަޝްވަރާކޮށް ޚިޔާލު ހުށަހެޅުމަށް ހުޅުވާއިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ