މިނިސްޓަރުގެ ނަސޭހަތެއް: ނަތީޖާ ދަށްވިޔަސް، ކިޔެވުން ހުއްޓާނުލާ!
ދަށް ނަތީޖާއެއް ލިބުނު ނަމަވެސް އެއީ ކިޔެވުން ދޫކޮށްލާ ސަބަބަކަށް ނުހެދުމަށް އެދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ރޭ ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފިއެވެ. މިނިސްޓަރު އެފަދައިން ނަސޭހަތްތެރިވެވަޑައިގެންނެވިއިރު މިއަދު އޯ-ލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރާނެއެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ދަރިވަރުންނަށް އެޑްރެސްކުރައްވައި މިނިސްޓަރު ވިދާޅުވީ، މިއަދު ސާނަވީ މަރުހަލާ ނިންމި ދަރިވަރުންގެ ނަތީޖާ ދޫކުރާނެ ކަމަށާއި ދަރިވަރުންނަށް ދަންނަވާލަން ބޭނުންވަނީ މަތީ ސާނަވީ މަރުހަލާގައި ކިޔެވުމާ އެކު ކުރިއަށްދިއުމުގެ ތަފާތު މަގުތަކެއް މިހާރު ފަހިވެފައިވާނެކަން ކަމަށެވެ. އަދި، އެ މަގުތަކަކީ އެކަޑަމިކް ޕާތްވޭއާއި، ސްކޫލުގައި ކުރިއަށްގެންދާ ވޮކޭޝަނަލް އެޑިއުކޭޝަން ޕާތުވޭގެ އިތުރުން މަސައްކަތުގެ މާހައުލުގައި (ވޯކް-ބޭސްޑް) ކިޔެވުމުގެ އެޕްރެންޓިސްޝިޕް ޕާތުވޭއެވެ. އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އިއްޔެ ފޮނުވި ސާކިއުލާގައި ވަނީ ރާއްޖޭގައި އޭ-ލެވެލް ކިޔެވުމުގެ ފުރުސަތު ވީހާވެސް ގިނަ ކުދިންނަށް ދިނުމުގެ ގޮތުން ގްރޭޑް 11 އަދި 12 އަށް ދަރިވަރުން ވައްދާ ކްރައިޓީރިއާ ދަށްކޮށް އިސްލާހު ގެނެސްފައެވެ. މިއަދު ލިބޭ ނަތީޖާއަކީ ކިޔެވުން ހުއްޓާލަން ނިންމާ ދުވަސްކަމުގައި ނުހެދުމަށް އެދިވަޑައިގެން މިނިސްޓަރު ވިދާޅުވީ، ހުރިހާ ދަރިވަރުންނަކީ އެކަޑަމިކް ނަތީޖާ އެންމެ ރަނގަޅު ދަރިވަރުންކަމުގައި ނުވެދާނެ ކަމަށެވެ. ނަމަވެސް، ކޮންމެ ކުއްޖަކީ މިހާރު ހުޅުވާލެވިފައިވާ ގޮތަށް ކޮންމެ ވެސް އެއް ޕާތުވޭއެއްގައި ކިޔެވުމުގެ ފުރުސަތު ލިބޭނެ ކުއްޖެއްކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޯ-ލެވެލްގެ ނަތީޖާއަކީ ތިޔަ ދަރިވަރުންގެ ކިޔެވުމުގައި ސިއްކަޖެހޭ ދުވަސް ކަމުގައިވެފަވަނީ މާޒީގައި. މިއިން ކޮންމެ ވެސް އެއް ލާނިން ޕާތުވޭއެއް އިޚުތިޔާރުކޮށް، ﷲގެ ޙަޟްރަތުން ކާމިޔާބީއަށް އެދުމާއެކު، ދިރިއުޅުމުގެ މާހައުލަށް ފައްކާވުމަށް ތައްޔާރުވޭ! ﷲ ތިޔަ ދަރިވަރުންނަށް ކާމިޔާބު މިންވަރު ކުރައްވާށި! އާމީން، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އިއްޔެގެ ސާކިއުލާގައި މިނިސްޓްރީން ބުނި ގޮތުގައި ކީ ސްޓޭޖް ފަހެއްގައި ކިޔެވުމުގެ ފުރުސަތު ދިނުމުގައި ބަލާނީ ފާއިތުވެދިޔަ ދެ އަހަރުގެ އެސްއެސްސީ، އައިޖީއެސްސީ، ޖީސީއީ އޯ-ލެވެލް އަދި ބީޓެކް އިމްތިހާނުގެ ނަތީޖާއަށް ކަމަށެވެ. އަދި، ކީ ސްޓޭޖް ފަހަކަށް ވަނުމަށް ފުރުސަތު ދޭނީ ދިރާސީ އައު އަހަރަށް ނުވަތަ 31 ޑިސެމްބަރަށް 18 އަހަރު ފުރިފައިނުވާ ދަރިވަރުންނަށް ކަމަށް މިނިސްޓްރީން ބުންޏެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު -- އެހެންނަމަވެސް މަތީ ސާނަވީއަށް ކިޔަވައިދޭ އަތޮޅުތަކުގެ ސްކޫލުތަކުގައި ޖާގަ އޮތްނަމަ، މި ޝަރުތުތައް ފުރިހަމަ ނުވާ ދަރިވަރުންނަށް މިނިސްޓްރީގެ ހުއްދައާއެކު ކިޔެވުމުގެ ފުރުސަތު ދެވިދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އޭލެވެލް ކިޔަވާ ދަރިވަރުންގެ އަދަދު އިތުރު ކުރުމަށް ޓަކައި ސަރުކާރުން ވަނީ އެ ކަމަށް ޚާއްސަ ޕްރޮގްރާމެއް ވެސް ހިންގުމަށް ނިންމައިފައެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވި ގޮތުގައި އަތޮޅު ތެރޭގެ 23 ސްކޫލެއްގައި އޭލެވެލް ކިޔެވުމުގެ ފުރުސަތު ވެސް މިހާރު ވަނީ ފަހިކޮށްދީފައެވެ. މި އަހަރު އޭލެވެލްއަށް ކިޔަވަންފެށި ދަރިވަރުންގެ ނިސްބަތް 70 ޕަސެންޓަށްވުރެ އިތުރުވެފައިވާކަމަށް މީގެ ކުރިން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. ދައުލަތުން ތައުލީމީ ދާއިރާއަށް ހޭދަކުރާ މިންވަރާ އަަޅާބަލާއިރު އިމްތިހާނުތަކުން ފާސްވާ ދަރިވަރުންގެ ނިސްބަތް މަދުކަން ފާހަގަކުރައްވާ ޝަފީއު ވިދާޅުވީ އޭލެވެލް ކިޔަވާ ދަރިވަރުން ތެރެއިން ފާސްވާ ނިސްބަތް 60 އިންސައްތައިން 50 އިންސައްތައް ދަށްވެފައިވާ ކަމަށެވެ. ދައުލަތުން ހަތަރު ބިލިއަނެއްހާ ރުފިޔާ ހޭދަކުރާއިރު ވެސް ތައުލީމީ ދާއިރާއިން ހާސިލުކުރަން ބޭނުންވާ ނަތީޖާ ހާސިލު ނުވާ ކަމަށް މިނިސްޓަރު ވަނީ މީގެކުރިން ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ