ވިޔަފާރި ބަނދަރުގައި އާގުބޯޓު އިތުރުވެ، މުދާ ހުސްކުރުމުގެ ޚިދުމަތް ލަސްވެއްޖެ

މާލޭގެ ވިޔަފާރި ބަނދަރުގައި ބަނދަރުކުރާ އާގުބޯޓުފަހަރު އިތުރުވެ، މުދާތައް ހުސްކުރުމުގައި ލަސްތަކެއް ކުރިމަތިވެއްޖެއެވެ. މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ކުންފުނިން ބުނީ، ވިޔަފާރި ބަނދަރުގައި އާގުބޯޓުފަހަރު އިތުރުވުމުގެ ސަބަބުން އެ އުޅަނދުފަހަރުގައި ހުރި މުދާތައް ހުސްކުރުމުގައި ލަސްތަކެއް އެބައުޅޭ ކަމަށެވެ. މީގެ އިތުރުން ބައެއް ދަތުރުތައް ލަސްވުމާއި ބައެއް އާގުބޯޓުފަހަރުގައި ޖާގަ ކުޑަވުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއާއި ސްރީލަންކާއާ ދެމެދު އުފުލާ މުދާތައް ހުސްކުރުމުގައި ލަސްތަކެއް އެބައުޅޭ ކަމަށް އެމްއެސްއެސްއިން ބުންޏެވެ. އެހެންކަމުން މުދާތައް ލިބުމުގައި ލަސްވުން އެކަށީގެންވާ ކަމަށް، އެ ކުންފުނިން ބުންޏެވެ. އެމްއެސްއެސްއިން ބުނީ، މުދާތައް ހުސްކުރުމުގައި ލަސްތައްވާ ސަބަބުތައް ދެނެގަނެ، އެކަމުގެ ސަބަބުން ކޮށްފާނެ އަސަރުތައް މަދުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. https://sun.mv/217114 ފާހަގަކުރެވޭ ގޮތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ވަނީ، ތިރީހަށް ވުރެ ގިނަ އަހަރު ފަހުން، މާލޭގެ ވިޔަފާރި ބަނދަރަށް އަންނަ ބޭރުގެ އާގުބޯޓުފަހަރަށް މެދުކެނޑުމެއް ނެތި ވަދެވޭ ގޮތް މިދިޔަ ޖަނަވަރީ މަހުގެ 25ވަނަ ދުވަހު ހަދައިފައެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، މި ބަދަލާއެކު އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ދޭންޖެހޭ ހުއްދަތަކާއި، ޕައިލޮޓޭޖްގެ ޚިދުމަތްތައް މެދުނުކެނޑި ލިބޭނެ ކަމަށެވެ. މިނިސްޓްރީން ބުނިގޮތުގައި މި ބަދަލުގެ ސަބަބުން ބޯޓުފަހަރު ދުއްވާ ފަރާތްތަކުން ބޭރުގައި މަޑުކުރަންޖެހުމުން ކުރިން ހިނގާ އިތުރު ޚަރަދުތައް ސަލާމަތްވެ، ވަގުތު ސަލާމަތްކުރުމަށް ބޮޑު ލުޔެއް ލިބިގެން ދާނެއެވެ. މިއީ މާލޭގެ ވިޔަފާރި ބަނދަރު ބައިނަލްއަގުވާމީ ފެންވަރުގެ އިތުބާރު ހުރި ތަނަކަށް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި މިނިސްޓްރީން ސިފަކުރެއެވެ. އަދި މިއީ ރާއްޖޭގެ ކަނޑުގެ ދަތުރުފަތުރުގެ ދާއިރާ ތަރައްގީވެ، ރާއްޖެ އަންނަ އުޅަނދުފަހަރުގެ އަދަދު އިތުރުވުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ