ޓިކްޓޮކްގައި ރަސޫލާއަށް ފުރައްސާރަކުރި މީހާ ހޯދަން އިއުލާންކޮށްފި

އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ވަހީ އިއްވަވާ ކަމަށް ބުނެ ޓިކްޓޮކްގައި ވާހަކަ ދެއްކި މީހަކު ހޯދުމަށް ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.
ވީކިހިނެއް؟ - ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ޓިކްޓޮކް ލައިވްއެއްގައި އޭނާ ވަނީ އިސްލާމްދީނާއި ގްރުއާނަށް ވެސް ފުރައްސާރަކޮށްފަ އެވެ. ވަހީ އިއްވާނީ ހަމައެކަނި ރަސޫލާއަށް ނޫން ކަމަށާއި އޭނާއަށް ވެސް ވަހީ އިއްވާ ކަމަށް ބުނެ އޭނާ ވާހަކަދައްކާފައިވެ އެވެ.
ތަފްސީލް - އެ މީހަކީ އަހްމަދު އާމިރު، 51، ހ. ފިލިކުރިގެ އެވެ.
އެ މީހާ ހޯދަން ނެރުނު އިއުލާނުގައި ފުލުހުން ބުނީ އޭނާ ފުލުހަށް ހާޒިރުކުރަން މަސައްކަތްކުރަނީ، އޭނާއަށް ތުހުމަތުކޮށް، ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައެއްގައި ސުވާލުކޮށް އޭނާގެ ބަޔާން ނެގުމަށެވެ.
އޭނާއަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ހިމެނެނީ:
ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި އިސްލާމް ދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާފަދަ ވާހަކަ ދެއްކުން
އިސްލާމިކް މިނިސްޓްރީ ނައްތާލުމަށް ގޮވާލައި ވާހަކަ ދެއްކުން
އޭނާ ހާޒިރުކުރުމަށް މަސައްކަތްކުރަނީ ސާޖަންޓް އާދަމް ހަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް، މި އަންނަ މަހުގެ 10 ވަނަ ދުވަހުގެ ހަވީރަށެވެ.
ފާހަގަކޮށްލެވޭ - ފިޔަވަޅު އަޅަން ގޮވާލައި ދައުރުވަމުންދާ ވީޑިއޯތަކުގައި ބުނެފައިވާ ގޮތުގައި އޭނާއަކީ ނ. ކުޑަފަރީއަށް ނިސްބަތްވާ މީހެކެވެ. އެކަމަކު އެ މީހާ ދިރިއުޅެނީ ރާއްޖެއިން ބޭރުގަ ކަމަށްވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ