ޑޮލަރުން ލިބުނު އާމްދަނީ ދޮޅު ބިލިއަނާ ގާތަށް ޑޮލަރުން ލިބުނު އާމްދަނީ ދޮޅު ބިލިއަނާ ގާތަށް

މިދިޔަ އަހަރާއި އޭގެ ކުރީ އަހަރުގެ ތެރޭގައި ޓޫރިޒަމް ޓެކްސްތަކާއި ޓޫރިސްޓުން އަތުން ނަގާ ޑިޕާޗާ ފީގެ ރޭޓުތައް ބޮޑުކުރުމުން، ދައުލަތަށް ލިބޭ ޑޮލަރު އާމްދަނީ ވަރަށް ބޮޑަށް އިތުރުވެ ދޮޅު ބިލިއަނާ ގާތްކުރާ އަދަދަކަށް ޑޮލަރު ލިބިފައިވާ ކަމަށް މީރާ އާއި ފިނޭންސް މިނިސްޓްރީން އާންމުކޮށްފައި ހުރި މައުލޫމާތުން ދައްކައިފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން އާންމުކޮށްފައިވާ ނޮވެމްބަރު މަހުގެ ޓެކްސް ކަލެކްޝަން ރިޕޯޓުގައިވާ ގޮތުގައި، އެ މަހުގެ ނިޔަލަށް މީރާއިން ވަނީ 1.3 ބިލިއަން ޑޮލަރު ބަލައިގެންފަ އެވެ. މިއީ އޭގެ ކުރީ އަހަރު (2024 ގައި)، މުޅި އަހަރުގެ ތެރޭގައި ލިބުނު އެއް ބިލިއަން ޑޮލަރަށް ވުރެ ވެސް ބޮޑު އަދަދެކެވެ.
މިދިޔަ އަހަރު ޑޮލަރުން ލިބުނު ސީދާ އަދަދު އެނގޭނީ މީރާއިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ޓެކްސް ކަލެކްޝަން ރިޕޯޓު އާންމުކުރުމުންނެވެ. ނަމަވެސް 2024 ވަނަ އަހަރުގެ ޑިސެމްބަރުގައި، މީރާއިން 100 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ބަލައިގެންފައިވާތީ، ޑޮލަރުން ލިބުނު އާމްދަނީ 1.4 ބިލިއަން ޑޮލަރަށް ވުރެ މަދެއް ނުވާނެ އެވެ.
ދައުލަތަށް ޑޮލަރުން ބަލައިގަންނަ އާމްދަނީގެ އިތުރުން، ބޭރު ފައިސާގެ ގަވާއިދު ބަދަލުކޮށް، އެ ފަހުން ބޭރު ފައިސާގެ ގާނޫނު ބަދަލުކޮށްގެން، ވިޔަފާރިތަކުން މާރުކުރާ ޑޮލަރުން ވެސް ސަރުކާރަށް ޑޮލަރު ވަދެ އެވެ. އެ ގޮތުން އަހަރުގެ މެދާ ހަމައަށް އައިއިރު 362 މިލިއަން ޑޮލަރު ވަނީ މާރުކޮށްފަ އެވެ.
މިދިޔަ އަހަރުގެ މެދާ ހަމައަށް މާރުކުރި އަދަދާ އެއްވަރުގެ އަދަދެއް އަހަރުގެ ބާކި ބައިގައި ލިބުނަސް، 724 މިލިއަން ޑޮލަރު ވިޔަފާރިތަކުން މާރުކުރާނެ އެވެ. މި އަދަދާއި މީރާއިން ބަލައިގަންނާނެ ކަމަށް އަންދާޒާ ކުރެވާ 1.4 ބިިލިއަން ޑޮލަރާއެކީ، ސަރުކާރަށް އަތްފޯރާފަށުގައި ނޫނީ ބޭނުންކުރެވޭ ގޮތަށް ލިބުނު ޑޮލަރުގެ އަދަދު ދެ ބިލިއަނާ ގާތްކުރެ އެވެ.
މިހެން ނަމަވެސް، ޑޮލަރު ތާށިކަމުގެ މައްސަލައަކަށް ލުޔެއް ނުލިބެ އެވެ. މިހާރު ވެސް ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ހުރީ 20ރ. އިން މަތީގަ އެވެ. މިއީ ޓޫރިޒަމްގެ ހައި ސީޒަން ނަމަވެސް އަގަށް ހަމަ ކުޑަ ވެސް ބަދަލެއް ނާދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ