ހަރަދު ކުޑަކުރުމުގެ މަގުސަދުގައި 2 އިންތިހާބު އެއްކޮށްލަންޖެހޭ ސަބަބެއް ނެތް: ޔާމީން

ހަރަދު ކުޑަކުރުމުގެ މަގުސަދުގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަންޖެހޭ ސަބަބެއް ނެތް ކަމަށާއި އޭރުން އެ ނަގާލެވެނީ ސަރުކާރު ޖަވާބުދާރީކުރުވުމުގެ ފުރުސަތު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށާއި މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު 1 ޑިސެމްބަރު 2028އަށް ކުރުވާ ގޮތަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ވަނީ އިސްލާހެއް ހުށަހަޅައިފަ އެވެ. އެކަމަށްޓަކައި ދައުރުން ބޭރުން މިއަދު ބާއްވާ މަޖިލިސް ޖަލްސާ މިހާރު ދަނީ ކުރިއަށެވެ.
ބުނީ ކީކޭ؟ - ދެ އިންތިހާބު އެއްކޮށްލަން ތާއީދުނުކުރާކަން ހާމަކޮށް، ރޭ ޕީއެންއެފް އިން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ، ރައީސަކު ވެރިކަމަށް އައުމަށް ފަހު ގޯސް ހަދާ ތަން ފެނުނީމާ ރައްޔިތުންގެ މަޖިލީހަށް ހުއްޓުވޭނީ، ރިޔާސީ އިންތިހާބަށް ފަހުން މިހާރު އޮންނަ ގޮތަށް މަޖިލިސް އިންތިހާބު އޮވެގެން ކަމަށެވެ.
"ރައީސަކު ވެރިކަމަށް އައިސް މިކަހަލަ ގޯސް ހަދާ ތަން ފެނުނީމާ [ހުއްޓުވޭނީ] ދެން އަންނަ ރައްޔިތުންގެ މަޖިލީހަކަށް. އެކަމަކު މި ދެ ކަންތައް އެއްކޮށްލާފައި އެއްފަހަރާ ކުރީމާ ރައީސް ކަންތައް ކުރާ ގޮތެއް ފާރަވެރިވާނެ މަޖިލީހެއް ނޫން މި ހޮވެނީކީ. އެހެންވީމާ އަޅުގަނޑަކަށް ނުވިސްނޭ މީގެ ހިކުމަތެއް. ހަމައެކަނި މީގައި މިއޮންނަ ތަންކޮޅަކީ ދެ އިންތިހާބު އެއްކޮށްލީމާ ދައުލަތަށް ހަރަދުކުޑަވާނޭ،" ޔާމީން ވިދާޅުވި އެވެ.
އެކަމަކު ހަމައެކަނި ހަރަދު ކުޑަކުރުމުގެ މަގުސަދުގައި ދެ އިންތިހާބު އެއްކޮށްލަންޖެހޭ ސަބަބެއް ނެތް ކަމަށާއި އެ މަގުސަދުގައި އެކަން ކުރާ ނަމަ ހުރިހާ އިންތިހާބުތަކެއް އެއްކޮށްލަންވީ ކަމަށް ޔާމީން ވިދާޅުވި އެވެ. 
ފަސް ވަރަކަށް އިންތިހާބު ބާއްވާ މިންވަރަށް ރައީސް މުހައްމަދު މުއިއްޒު ތަންތަނަށް ދަތުރުކުރައްވާ ކަމަށާއި ހަރަދު ކުޑަކުރާ ނަމަ، އެ ފައިސާ އަނބުރާ ދައްކަވަންވީނޫންތޯ ޔާމީން ސުވާލުކުރެއްވި އެވެ.
ދެ އިންތިހާބު އެއްކޮށްލުމުން ފުށޫއަރަނީ އެއަށް ވުރެ މާ ބޮޑު މަސްލަހަތެއް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. ރައީސަކު އަދި މަޖިލިސް މެންބަރަކު ހޮވުމަށް ފަހު އޭނާ ކަންކަން ކުރާ ގޮތް ވެރިކަމުގެ މުއްދަތުގައި ބަލާނެ ކަމަށާއި އެއަށް ފަހު، ކަމުނުދާ ނަމަ ރައްޔިތުން އެ މީހަކު ދެވަނަ ފަހަރަށް އިންތިހާބެއް ނުކުރާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. 
ޔާމީން ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލައިގެން ނަގާލަނީ އެ ފުރުސަތު ކަމަށެވެ.
އެނގުން މުހިންމު - ދައުލަތުގެ ބަޖެޓުން 80 މިލިއަން ރުފިޔާ ސަލާމަތްވާނެކަން ފާހަގަކޮށް، މަޖިލީހަށް ހުށަހަޅާފައިވާ މި އިސްލާހު ފާސްވެ، އަމަލު ކުރަން ފެށުމުން 2028ގެ ރިޔާސީ އިންތިހާބާއި 2029ގެ މަޖިލިސް އިންތިހާބު ބާއްވަން ޖެހޭނީ އެއް ތާރީހެއްގަަ އެވެ.
އެގޮތުން:
މިހާރު އޮތް 20 ވަނަ މަޖިލީހުގެ ދައުރު ފެށުނީ 28 މެއި 2024ގައި
ގާނޫނުއަސާސީ މިހާރު އޮތް ގޮތުން އެ މެންބަރުންގެ ފަސް އަހަރު ދައުރު ހަމަވާނީ މެއި 2029އަށް 
ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އުމުރު ފެށޭނީ މެއި މަހުގެ ބަދަލުގައި 1 ޑިސެމްބަރުން ފެށިގެން ފަސް އަހަރުދުވަހަށް ކަމަށް؛ އެ މުއްދަތު ހަމަވުމުން މަޖިލިސް އުވުނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ