އިސްރާއީލުގެ ހަމަލާއެއްގައި އަލް ޖަޒީރާގެ ނޫސްވެރިޔާ މުހައްމަދު ވިޝާހު ޝަހީދުކޮށްލައިފި
އިސްރާއީލުން ވައިގެ މަގުން ދިން ޑްރޯން ހަމަލާއެއްގައި އަލް ޖަޒީރާގެ ނޫސްވެރިޔާ މުހައްމަދު ވިޝާހު ޝަހީދުކޮށްލައިފިއެވެ. ޣައްޒާގައި މަސައްކަތްކުރާ އަލް ޖަޒީރާ މުބާޝަރުގެ މުވައްޒަފެއް ކަމަށްވާ ވިޝާހު ޝަހީދުވީ ޣައްޒާ ސިޓީގެ ހުޅަނގުން ދަތުރުކުރާ އައްސޭރިފަށުގެ މަގު ކަމަށްވާ އަލް ރަޝީދު މަގުން އޭނާގެ ކާރުގައި ދަތުރުކުރަމުން ދަނިކޮށް ކާރަށް އަމާޒުކޮށް ދިން ހަމަލާއެއްގައެެވެ. އަލް ޖަޒީރާއިން ވަނީ އެ ހަމަލާ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އެ ހަމަލާގެ ސަބަބުން ކާރުގައި އަލިފާން ރޯވެފައިވާ ކަމަށް މަސްދަރުތަކާ ހަވާލާދީ އަލް ޖަޒީރާއަށް އިން ރިޕޯޓުކޮށްފައިވެއެވެ. ދެހާސް ތޭވީސް ވަނަ އަހަރު އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ނޫސްވެރިންނަށް އަމާޒުކޮށްގެން އިސްރާއީލުން ވަނީ އެތައް ހަމަލާއެއް ދީފައެވެ. ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނީ އޭގެ ފަހުން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މަދުވެގެން 262 ނޫސްވެރިން ޝަހީދުކޮށްލާފައިވާ ކަމަށެވެ. ރާވައިގެން އަމާޒުކުރަނީ ޣައްޒާ މީޑިއާ އޮފީހުން ބުނި ގޮތުގައި ވިޝާހު ޝަހީދުކޮށްލުމަކީ އިސްރާއީލުން ފަލަސްތީނުގެ ނޫސްވެރިންނަށް ނިޒާމީ ގޮތެއްގައި އަމާޒުކޮށް ހަމަލާދޭ ކަމުގެ މިސާލެއް ކަމަށެވެ. ޣައްޒާގައި ފަލަސްތީނުގެ ނޫސްވެރިންނާއި މީޑިއާގެ މަސައްކަތްތެރިންނާ ދެކޮޅަށް ހިންގާ މި ނިޒާމީ ޖަރީމާތައް ކުށްވެރިކުރުމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓުންނާއި އަރަބް ޖާނަލިސްޓް ޔޫނިއަން އަދި ދުނިޔޭގެ މީޑިއާތަކަށް އެ އޮފީހުން ވަނީ ގޮވާލާފައެެވެ. އެ އޮފީހުން ވަނީ ބައިނަލްއަގްވާމީ މުޖުތަމައު އާއި ކަމާބެހޭ ޖަމިއްޔާތަކަށް އިލްތިމާސްކޮށް، ތަކުރާރުކޮށް ދޭ ހަމަލާތައް ހުއްޓުވައި، ޒިންމާވާ މީހުންގެ މައްޗަށް ބައިނަލްއަގްވާމީ ކޯޓުތަކުގައި ދައުވާކޮށް، ނަސްލު ނައްތާލުމުގެ ޖަރީމާ ހުއްޓުވުމަށް ސީރިއަސް އަދި ފައިދާހުރި ޕްރެޝަރެއް ކުރުމަށާއި ޣައްޒާގައި ނޫސްވެރިން ހިމާޔަތް ކުރުމަށް އިލްތިމާސްކޮށްފައެވެ. ޣައްޒާއަށް ހަމަލާ ދޭން ފެށިފަހުން 72،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް 171،000 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލާފައިވާއިރު، އެމެރިކާއާއި، މިސްރު އަދި ގަތަރު މެދުވެރިވެގެން މިދިޔަ އަހަރު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައި އޮތް ނަމަވެސް އެއްބަސްވުމާ ޚިލާފުވެ އިސްރާއީލުން އަދިވެސް އަންނަނީ ޣައްޒާއަށް ހަމަލާ ދެމުންނެވެ. އެއްބަސްވުން އެކުލަވާލި ފަހުން މިހާތަނަށް މިހާތަނަށް 733 މީހުން ޝަހީދުކޮށްލައި، 2034 މީހުން ޒަޚަމްކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިއްޚަތާބެހޭ އިދާރާއިން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ