މަޖިލީހުގެ މެންބަރު ކަމުން ނަޝީދު ވަކިކުރަން ސުޕްރީމް ކޯޓަށް

ރައްޔިތުން މަޖިލީހުގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު މަޖިލީހުގެ މެމްބަރުކަމުން ވަކިކުރުމަށް ސުޕްރީމް ކޯޓަށް މިއަދު ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.
ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުއްވީ ގާނޫނީ ވަކީލު އަހުމަދު ތާލިބެވެ. އެއީ މިސްރުގައި މިހާރު ކުރިއަށްދާ ކޮޕް-27 ސަމިޓުގައި ސްރީ ލަންކާ ތަމުސީލުކުރާ ވަފުދުގައި ނަޝީދު ބައިވެރިވެވަޑައިގަތުމުން ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގެ ދައުވާ ބިނާ ކުރާ ގާނޫނީ ސަބަބުތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ނަޝީދު ގާނޫނުއަސާސީގެ 75 ވަނަ މާއްދާއާ ހިލާފުވުމެވެ. އެގޮތުން ނަޝީދުގެ އެ އަމަލަކީ ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ މަޖިލީހުގެ މެންބަރެއްގެ ޝަރުތުތަކާ ހިލާފު އަމަލެއް ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
މައްސަލާގައި ބުނެފައިވަނީ، މަޖިލީހުގެ މެންބަރުން އަމަލުކުރަން ޖެހޭނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ މަންފާއަށް އިސްކަންދީގެން ކަމަށާއި އަދި އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެން ނުވާނެ ކަމަށެވެ.
އެހެންކަމުން ކޮޕް-27ގައި ރާއްޖޭގެ ފަރާތުން ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވާއިރު، ދައުލަތުގެ އެހެން ބާރެއްގެ ވެރިއަކު އެހެން ގައުމެއް ތަމުސީލުކުރެއްވުމަކީ ދައުލަތުގެ ސިޔާސަތީ ބާރުގެ މަސްލަހަތުތަކާ ފުށުއަރާ ކަމެއް ކަމަށް ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ.
މި މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ