ރައީސް މައުމޫން ކަންބޮޑުވީ ރައީސް ޔާމީންގެ ތަރައްގީ އާއި ހެދި ލެގަސީ ގެއްލޭތީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ދެކޮޅުވެ، ސަރުކާރުގެ ތެރެއިން ރައީސް މައުމޫން އަބްދުލްގައްޔޫމް ނިކުންނެވީ ކޮއްކޯފުޅު ރާއްޖޭގެ ތަރައްގީއަށް ކުރައްވަމުން ގެންދެވި މަސައްކަތްތައް ފެނި އެއީ އެމަނިކުފާނުގެ ”ލެގެސީ“ ދުއްވާލުންގެ ގޮތުގައި ސިފަކުރަމުންކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިދިކޮޅުގެ ހަރަކާތްތައް ވަރުގަދަ ކުރުމާއި އެކު ޕާޓީއާއި އާ މެމްބަރުންތައް ދަނީ ގުޅެމުންނެވެ. ހާއްސަކޮށް ޕާޓީގައި މީގެ ކުރިން ތިއްބެވި މެމްބަރުން އޭގެ ތެރޭގައި ހިމެނެ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވަނީ ރޭ ޕީޕީއެމަށް ސޮއި ކުރައްވާފަ އެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ ދާދިފަހުން ރާއްޖޭގެ މީޑިއާއަކަށް އިންޓަވިއުއެއް ދެއްވައި ރައީސް ޔާމީނާއި ގުޅޭގޮތުން ރައީސް މައުމޫން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި ނުރުހުންފާޅު ކުރައްވާފަ އެވެ. ދެބެއިންގެ މެދުގައި ޖެހުނު ސިޔާސީ އަދި ޒާތީ މައްސަލަތަކުގެ ތަފްސީލުތައް ދެއްވައި އަބްދުއްރަހީމް ވިދާޅުވީ، ރައީސް މައުމޫންގެ އެދުމަށް އޭނާ އެމަނިކުފާނާއި ބައްދަލު ކުރިމަށެވެ. އޭރު ވެސް ދެބޭފުޅުންގެ ގުޅުން އޮތީ ގޯސްވެފައިކަން ފާހަގަކޮށް އަބްދުއްރަހީމް ވިދާޅުވީ، ރައީސް މައުމޫން ހުންނެވީ ރައީސް ޔާމީން ގައުމުގެ އިގްތިސޯދަށާއި ތަރައްގީއަށް ކުރައްވަމުން ގެންދެވި މަސައްކަތްތަކާއި މެދު ވަރަށް ބޮޑަށް ނުތަނަވަސްވެފައި ކަމަށެވެ. އަދި އެމަނިކުފާނަށް ގަބޫލު ކުރެވުނު ގޮތުން، ރައްތިތުންގެ ތާއީދު ގެއްލި ރައީސް ޔާމީނަށް ރައްޔިތުންގެ އިތުބާރު ދިޔައީ އިތުރުވަމުންނެވެ.
2016 ގެ އޮކްޓޫބަރު 7 ގައި ދެކެވުނު އެ ވާހަކައިން ރައީށް މައުމޫން އެންމެ ފުރަތަމަ ވެސް ސުވާލު ކުރެއްވީ މާލެ ހުޅުމާލެ ދެމެދު އަޅާ ބްރިޖާއި ގުޅޭގޮތުންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި އެއަށް ވުރެ މުހިންމުކަންކަން ސަރުކާރުގެ ތެރޭގައި އެބަހުރި ނޫންތޯ ބުނެ ނުރުހުން އަމާޒު ކުރެއްވި ކަމަށެވެ.
މީގެ އިތުރުން ރައީސް މަައުމޫން އެމަނިކުފާނުގެ ވެރިކަމުގައި މާލޭގައި އިސްލާމީ މަރިކަޒެއް ބިނާކޮށްފައިވަނިކޮށް، ކިންގް ސަލްމާން މިސްކިތް ހެދުމުގެ ބޭނުމަކީ ކޮބައިތޯ ވެސް ސުވާލު ކުރިކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ހުޅުމާލެ ހިއްކާފައިވަނިކޮށް، ޒުވާނުންގެ ސިޓީގެ ނަމުގައި ތަނެއް ހިއްކުމުގެ ބޭނުމެއް ނެތްކަމަށް ވެސް ވިދާޅުވި ކަމަށެވެ.
”މިއީ ވެރިކަމުގެ ތިއްބަވާފައި ނިކުމެވަޑައިގަންވަން ދެއްކެވި ހުއްޖަތް… މިރޭ ހަމަ ތަފްސީލުކޮށް ދަންނަވާނަން އެއީ ކޮން ބޭފުޅެއްކަން ވެސް… ރައީސް މައުމޫން ވިދާޅުވި އެއްޗެއް…. ދެކޮޅެއް ނެހެއްދެވޭނެ އަޅުގަނޑުގެ ގާތުގައި ވިދާޅުވީ. އަޅުގަނޑު ގާތުގައި ވިދާޅުވީ ތިމަންނަގެ މައްސަލައަކީ މިއީއޭ. ތިމަންނާގެ ލެގަސީ ދުއްވާލާށޭ ރައީސް ޔާމީން އެ މަސައްކަތް ކުރައްވަނީ…މަވެތި ކަމުގެ ކިހާ ބޮޑު… ކިހާ ރަނގަޅު މިސާލެއްތޯ މިއީ“ އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ނޫސްވެރިން މި ވާހަކަތައް ރައީސް މައުމޫނާއި ސުވާލުކުރަންވީކަމަށާއި، މި ވާހަކަ ދޮގު ކުރައްވަން ރައީސް މައުމޫނަށް ކެރިވަޑައިނުގަންނަވާނެކަމަށެވެ.
2013 ގައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ، ޕާޓީގެ ރައީސަކަށް ހުންނެވި ރައީސް މައުމޫންގެ ތާއީދާއި އެކު އެވެ. ސަރުކާރުގެ ވަކި ހިސާބަކުން ދެ ބޭފުޅުންގެ މެދުގައި މައްސަަލައްޖެހި، ރައީސް މައުމޫން ވަނީ ސަރުކާރު ހިންގަނީ އެމަނިކުފާނާއި އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތިކަމަށް ވިދާޅުވެފަ އެވެ. އެ ކޯޅުންގެ ތެރެއިން ޕާޓީ ދެބައިވެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގެ ތެރެއިން ރައީސް މައުމޫން ޕާޓީން ވަކި ކުރީ އެވެ.
ރައީސް ޔާމީނަށް ކުރި ތާއީދު އަނބުރާ ގެންދިޔައީކަން ރައީސް މައުމޫން ހާމަކުރެއްވީ 2016 ވަނަ އަހަރު އެމަނިކުފާނުގެ ފެކްޝަނާއި އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ