ހާރިޖީ ގުޅުންތަކަށް ނުރައްކާވާ ގޮތަށް ވާހަކަ ނުދައްކަން، ސަރުކާރުގެ ނުސީދާ ރައްދު ނަޝީދަށް

ރާއްޖޭގެ ހާރިޖީ ސިޔާސަތާ ހިލާފަށް، ގައުމުތަކާ އެކު ގުޅުންތައް ހީނަރުވާ ގޮތަށް ވާހަކަ ނުދައްކަން އެދި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ސަރުކާރުން މިއަދު ނުސީދާ ރައްދެއް ދީފި އެވެ.
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މިދިޔަ ހަފުތާގައި ބޭއްވި 10 ވަނަ އިންޑިއަން އޯޝަން ޑައިލޮގްގައި ބައިވެރިވެވަޑައިގެން، ނަޝީދު ވަނީ ހާރިޖީ ގުޅުންތަކާ ބެހޭގޮތުން އިންޑިއާގެ މީޑިއާތަކާ ވެސް ވާހަކަފުޅު ދައްކަވައިފަ އެވެ.
އިންޑިއާ އިން ނަގާފައިވާ ދަރަންޏާ ގުޅޭގޮތުން ނަޝީދުގެ ހިޔާލުތައް ހިއްސާ ކުރައްވާފައިވާއިރު، ޗާގޯސްގެ ސިޔާދަތީ މިލްކުވެރިކަމާ މެދު އުފެދިފައިވާ އަރާރުމުގައި ރާއްޖެއާ ގުޅުން ކަނޑާލާފައިވާ މޮރިޝަސްއާ ބެހޭ ގޮތުން ވެސް އެ މަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ.
The most trusted news source in the Maldives
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުން ގެންގުޅޭ "މޯލްޑިވްސް ފަސްޓް" ހާރިޖީ ސިޔާސަތު ބިނާކޮށްފައިވަނީ، ބައިނަލްއަގުވާމީ ގުޅުންތަކުގެ މިންގަނޑުތަކާ އެއްގޮތަށް ރާއްޖޭގެ މަސްލަހަތުތައް ހިމާޔަތްކުރުމުގެ މައްޗަށް ކަމަށެވެ.
ދައުލަތުގެ އިސް މަގާމުތައް އަދާކުރައްވާފައިވާ ބޭފުޅުން، އެ މިންގަނޑުތަކާ ހިލާފަށް، ހާރިޖީ ގުޅުންތައް ހީނަރުވާ ގޮތަށް ދައްކަވާ ވާހަކަފުޅުތަކަކީ، އޭގެ ނޭދެވޭ އަސަރުތައް ކުރާނެ ކަމެއް ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެހެންކަމުން، އެފަދަ ބޭފުޅުން، ގައުމުތަކާ އެކު ގުޅުންތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާއިރު، ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަން މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.
އިންޑިއާ އަށް ކުރެއްވި ދަތުރުގައި، މޮރިޝަސްގެ ފޮރިން މިނިސްޓަރު ރިޓިޝް ރާމްފުލް ވެސް ބައްދަލުކުރައްވައި، ދެ ގައުމުން ވާހަކަ ދައްކައިގެން ސުލްހަވެރި ގޮތްތައް ހޯދުމަށް އެދިފައިވާނެ ކަމަށާއި އެ ގައުމުން އޮތީ ރާއްޖެއާ އެކު މަޝްވަރާ އަށް ދާން ތައްޔާރަށް ކަން މިނިސްޓަރު ހާމަކުރެއްވި ކަމަށް ނަޝީދު ވިދާޅުވެފައި ވެ އެވެ. 
"އެއްވެސް ހާލެއްގައި އަވަށްޓެރި ގައުމުތަކާ އެހެން ޑިޕްލޮމެޓިކް ގުޅުން ނެތުމަކީ ރަނގަޅު ކަމެއް ނޫން. ދެން އެ ބޭފުޅުން ތިއްބެވީ ތައްޔާރަށް. އަޅުގަނޑު އުއްމީދު ކުރަން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް މޮރިޝަސް ސަރުކާރާާ އެކު މި ފުރުސަތުގެ ބޭނުންކޮށް ކުރިއަށް ދާނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ