އިންޑިއާގެ އިމްތިހާނުތަކުގެ ކަރުދާސްތައް ލީކުވާ މައްސަލަ އާއި ތައުލީމީ ނިޒާމަށް އިސްލާހުތަކެއް ގެނައުމަށް އެދި އިންޑިއާގެ ދަރިވަރުން ކުރަމުން ގެންދާ މުޒާހަރާތަކަށް ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ޚާން ފުރިހަމައަށް ތާއީދުކޮށްފި އެވެ.
ސަލްމާން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އިމްތިހާނު ކަރުދާސްތައް ލީކުވުމަކީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
ތައުލީމީ ނިޒާމު ރަނގަޅުކުރުމަށް ދަރިވަރުން ކުރިއަށް ގެންދާ އެ ބޮޑު އިހުތިޖާޖަށް ތައުރީފުކުރަމުން ސަލްމާން ބުނީ ދަރިވަރުންގެ މި މަސައްކަތުގައި އެކުދިންގެ ބެލެނިވެރިން ވެސް ސާބިތުކަމާ އެކު ތިބުމަކީ އުފާކުރާ ކަމެއް ކަމަށެވެ.
ސަލްމާން ބުނީ ސުލްހަވެރިކަމާ އެކު ފެށުނު އިހުތިޖާޖުގެ ތެރެއަށް ހަމަނުޖެހުން ވަދެގެން ދިއުމުން ކަންބޮޑުވާ ކަމަށެވެ. އަދި ފުލުހުންނާއި ދަރިވަރުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި އަނިޔާވި ކުދިންނަށާއި އެ ކުދިންގެ އާއިލާތަކަށް ސަލްމާން ވަނީ އޭނާގެ ހަމަދަރުދީ ވެސް ފޮނުވައިފަ އެވެ.
މިއީ ދަރިވަރުންނާއި ތައުލީމީ ނިޒާމާ ދެމެދު އޮތް މައްސަލައެއް ކަމަށާއި ސިޔާސީ ދާއިރާގެ އެއްވެސް ބަޔަކު މި އިހުތިޖާޖުގެ ނާޖާއިޒު ފައިދާ ނަގައި "ހައިޖެކް"ކޮށްގެން ނުވާނެ ކަމަށް ސަލްމާން ބުންޏެވެ.
މީގެ މުޅި ކުރެޑިޓް ލިބެން ޖެހޭނީ ހަމައެކަނި ދަރިވަރުންނަށް ކަމަށް ސަލްމާން ބުންޏެވެ.
ސަލްމާން ބުނީ އިންޑިއާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުދިން ގޮސް ތައުލީމު އުނގެނޭ "ގްލޯބަލް އެޑިއުކޭޝަން ހަބަކަށް" ވާންޖެހޭ ކަމަށެވެ. އަދި ތައުލީމަކީ އަހަރަކަށް ވުރެ އަހަރެއް މީހުންގެ މެދުގައި މަގުބޫލު އަދި ފެޝަނަބަލް ކަމަކަށް ހަދަންޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.
ސަލްމާން އެކްސްގައި މި ޕޯސްޓު ކުރީ ދަރިވަރުންގެ މި ބޮޑު މުޒާހަރާ ގުޅިގެން ބޮލީވުޑްގެ ބޮޑެތި ސްޓާރުން އެއްވެސް އެއްޗެއް ނުބުނެ ހިމޭނުން ތިބޭތީ އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ޖަންތަރު މަންތަރު ސަރަހައްދުގައި ދަރިވަރުން އިހުތިޖާޖު ކުރަމުންދަނީ ސިއްހީ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކުދިން ހަދާ އިންޑިއާގެ އިމްތިހާނެއް ކަމަށްވާ ނީތު-ޔޫޖީ އިމްތިހާނުގެ ކަރުދާސްތައް ލީކުވި މައްސަލައިގަ އެވެ. އެ މުޒާހަރާގެ ތެރެއިން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ބޮޑު ހިނގާލުމުގެ ތެރެއިން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް، ކަރުނަގޭސް ޖަހައި ގިނަ އަދަދެއްގެ ދަރިވަރުންނަށް އަނިޔާކޮށްފަ އެވެ.
ސަލްމާންގެ އިތުރުން ރިތިކް ރޯޝަން، ދިލްޖީތު ދޮސާންޖް، ޝަބާނާ އަޒްމީ، ރާކީ ސާވަންތު، އާމިރް ޚާން، ސޮނާކްޝީ ސިންހާ، އިމްރާން ޚާން އަދި ނަސީރުއްދީން ޝާހު ކަހަލަ ބޮލީވުޑްގެ ބައެއް ފަންނާނުން ވެސް ވަނީ ދަރިވަރުންގެ ހައްގުގައި އަޑުއުފުލައިފަ އެވެ. އަދި ބައެއް ތަރިން ވަނީ އަމަލީ ގޮތުން މުޒާހަރާގައި ބައިވެރިވެފަ އެވެ.
އިމްތިހާނު ކަރުދާސްތައް ލީކުވުމަކީ ވަރަށް ނުރައްކާތެރި ކަމެއް: ސަލްމާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ