ބައިނަލްއަޤްވާމީ އޮބްޒަރވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފި

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހަރަކާތްތެރިވާން ބޭރުން ވަޑައިގެންނެވި އޮބްޒަރވަރުންނަށް މަޢުލޫމާތު ދިނުމުގެ ޚާއްސަ ސެޝަނެއް ބާއްވައިފިއެވެ.
މަޢުލޫމާތު ދިނުމުގެ ސެޝަން ބާއްވާފައިވަނީ ރޭ ކްރޮސްރޯޑްސްގައި ބޭއްވި ހަފްލާއެއްގައެވެ. އިލެކްޝަންސް ކޮމިޝަނުގެ ދަޢުވަތަށް ބޭރުގެ އެކި ޤައުމުތަކުން ރާއްޖެ ވަޑައިގެންނެވި އޮބްޒަރވަރުން މި ހަފްލާގައި ބައިވެރިވަޑައިގެންނެވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަ ކުރެއްވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ އިންތިޚާބު އޮބްޒާވްކުރެއްވުމަށް ބައިނަލްއަޤްވާމީ އޮބްޒާވަރުންް ރާއްޖެ ވަޑައިގަންނަވަން ފެށީ އިއްޔެގެ ވަގުތެއްގައެވެ.
ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި މާދަމާ ބާއްވާ މަޖިލިސް އިންތިޚާބުގައި 2495 އޮބްޒާވަރުން ބައިވެރިވާއިރު މީގެ ތެރޭގައި 45 ބައިނަލްއަޤްވާމީ އޮބްޒަރވަރުން ހިމެނެއެވެ. އަދި އިންތިޚާބުގައި ޖުމްލަ 4614 މޮނިޓަރުން ބައިވެރިވާއިރު، ބޭރުގެ އެއް މޮނިޓަރަކު ހަރަކާތްތެރިވާނެއެވެ.
އިންތިޚާބަށް 11 ޤައުމަކުން އޮބްޒަރވަރުން ވަޑައިގަންނަވަން ވަނީ ހަމަޖެހިފައެވެ. އެގޮތުން ވަޑައިގަންވާ އޮބްޒާރވަރުން ނިސްބަތްވެ ވަޑައިގަންނަވަނީ އިންޑިޔާ، ބަންގްލަދޭޝް، ސްރީލަންކާ، ޖޯރޖިޔާ، ތައިލެންޑު، ރަޝިޔާ، އަޒަރބައިޖާން، ފިލިޕީންސް، ތުރުކީ، ބޫޓާން އަދި ކެމްބޯޑިޔާއަށެވެ.
މި ޓީމުގެ ޗީފް އޮބްޒަރވަރގެ ގޮތުގައި އިންޑިއާގެ އިލެކްޝަން ކޮމިޝަނުގެ ކުރީގެ ޗީފް، ޑރ. ޝަހަބުއްދީން ޔައުޤޫބް ޤުރެއިޝީ ހަރަކާތްތެރިވާނެ ކަމަށް މައުލޫމާތު ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ