ރަސޫލް ޞޢވ ގެ ސުންނަތަށް ފުރިހަމައަށް ތަބަޢަނުވާ މީހުންގެ ފަހަތުގަ ނުތިބޭށެވެ! އެއީ ޤިޔާމަތް ދުވަހު ކަރުނައަޅަން ޖެހޭނެ ކަމެކެވެ!

"އަދި އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! ހަމަކަށަވަރުން، އަޅަމެންގެ ސާހިބުންނަށާއި، އަޅަމެންގެ ބޮޑުންނަށް، އަޅަމެން ކިޔަމަންވީމުއެވެ. ފަހެ، އެއުރެން އަޅަމެން މަގުފުރެއްދީއެވެ. (67) އަޅަމެންގެ ވެރިރަސްކަލާކޮ! ޢަޒާބުގެ ތެރެއިން ދެގުނަ، އެއުރެންނަށް ދެއްވާނދޭވެ! އަދި ބޮޑުވެގެންވާ ލަޢްނަތްލެއްވުމަކުން، އެއުރެންނަށް ލަޢްނަތްލައްވާނދޭވެ! (68)"  
މިއަދު އަޅުގަނޑުމެން މުސްލިމުންގެ ތެރެއިން މި ފެނިގެންދަނީ ކޮން މަންޒަރެއްތޯއެވެ؟ އަޅުގަނޑުމެންނަށް ފެނިގެން މިދަނީ މާތް ނަބިއްޔާ  صلى الله عليه و سلم ގެ  އަބުރުފުޅަށާއި އެކަލޭގެފާނުގެ ޠާހިރު ސުންނަތަށް ކާފަރުންނާއި މުނާފިޤުން ހަމަލާދެމުން ދާއިރު މުސްލިމުންކަމަށް ދަޢުވާ ކުރާ ޙާލު އެފަދަ މީހުން ބާއްވާ އެއްވުންތަކުގައި ތިބެގެން އެފަދަ ވާހަކަދައްކާ މީހުންނަށް ތަރުހީބުދެމުންދާ މަންޒަރެވެ. އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ ހަމަ އެ މާތް ޞަޙާބީބޭކަލުންވެސް އީމަންވީ ޤުރްއާނެވެ. އަދި މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތްވެސް އަޅުގަނޑުމެންގެ ކުރިމަތީގައި ރައްކާތެރިކަމާއެކު ފެންނަން އެބައޮތެވެ. މިޔާއެކުވެސް އަޅުގަނޑުމެން މިވަނީ މާތް ނަބިއްޔާ صلى الله عليه و سلم ގެ ބަދަލުގައި އަޅުގަނޑުމެން ތަބާވާ ޖަމާޢަތުގެ ބޮޑުންނަށް ތަބަޢަވާން ފަށާފައެވެ. 
ނަތީޖާއެއްގެގޮތުން އެބައިމީހުންގެ ނަޖިސް ދޫތަކުން ﷲ އާއި ނަބިއްޔާ صلى الله عليه و سلم އަށް ފުރައްސާރަކުރެވޭއިރުވެސް ރުހިގެން ތިބެވެނީއެވެ. އަދި ﷲ ގެ ޝަރީޢަތަށް މަލާމާތްކޮށް އިންސާނިއްޔަތާއި ޚިލާފުއެއްޗެކޭ އަދި މާތް ނަބިއްޔާގެ ސުންނަތަކީ ނާތަހުޒީބު ކުރީޒަމާނުގެ އުސޫލުތަކެކޭ ބުނެ ވާހަކަދައްކާއިރުވެސް އަތް ޖަހަޖަހައި އެ ވާހަކަ ދައްކާމީހުންނަށް ތަރުހީބުދީދީ ތިބެވެނީއެވެ. އެހެންނަމަވެސް މާތް ﷲ އާއި ނަބިއްޔާ صلى الله عليه و سلم ދެކެ އިންތިހާޔަށް ލޯބިވާ ކަމުގެ ދޮގު ދަޢުވާވެސް ކުރާޙާލުގައެވެ. އަޅުގަނޑުމެން ހޭ އަރަންވެއްޖެއެވެ! އެހެން ބަޔެއްގެ ސިކުނޑިން ވިސްނުމުގެ ބަދަލުގައި އަޅުގަނޑުމެންގެ އަމިއްލަ ސިކުނޑިތަކުން ވިސްނަންވެއްޖެއެވެ. އަޅުގަނޑުމެންނަކީ ޙަޤީޤަތުގައިވެސް ﷲ އާއި ނަބިއްޔާ صلى الله عليه و سلم ދެކެ ލޯބިވާ ބަޔެއް ނަމަ އެފަދަ ވާހަކަތައް ދެކެވޭ ތަންތަނުގައި ނުތިބޭނެއެވެ. އަދި އެފަދަ ވާހަކަ ދައްކަމީހުން ދިފާޢުވެސް ނުކުރާނެއެވެ. އަދި އެފަދަ ވާހަކަދައްކާ މީހުންނަށް ތާޢީދުވެސް ނުކުރާނެއެވެ. 
ނަމަވެސް މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢު މިވަނީ ޑިމޮކްރަސީ އާއި ތައްރައްޤީގެ ނަމުގައި ބައިބަކޮށް ހަލާކުކޮށްލާފައެވެ. މާތް ﷲ އާއި ނަބިއްޔާ صلى الله عليه و سلم އާއި ދީނުގެ މަސްދަރުތަކަށް ފުރައްސާރަކުރުން ޢާއްމުކަމަކަށް ހަދާފައެވެ. އެފަދަ ނުބައި ޢަމަލުތައް ހިންގާމީހުންނަކީ އެބައިމީހުންގެ ބޮޑުންކަމަށް ބަލައިގެން ތަބަޢަވީ މީހުންނާއިމެދު ﷲ ތަޢާލާ ވަނީ ހަރުކަށި ވަޢީދުގެ ބަސްފުޅު ވަޙީކުރައްވާފައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. 
يَوْمَ تُقَلَّبُ وُجُوهُهُمْ فِي النَّارِ يَقُولُونَ يَا لَيْتَنَا أَطَعْنَا اللَّـهَ وَأَطَعْنَا الرَّسُولَا ﴿٦٦﴾ وَقَالُوا رَبَّنَا إِنَّا أَطَعْنَا سَادَتَنَا وَكُبَرَاءَنَا فَأَضَلُّونَا السَّبِيلَا ﴿٦٧﴾ رَبَّنَا آتِهِمْ ضِعْفَيْنِ مِنَ الْعَذَابِ وَالْعَنْهُمْ لَعْنًا كَبِيرًا ﴿٦٨﴾ الأحزاب: ٦٦ – ٦٨ 
މާނައީ: ” އެއުރެންގެ މޫނުތައް، ނަރަކައިގައި ފުރޮޅަފުރޮޅައިތިބޭ ދުވަހެވެ. އެއުރެން ބުނާނެތެވެ. ތިމަންމެން اللَّه އަށް ކިޔަމަންވެ، އަދި (އެކަލާނގެ) ރަސޫލާއަށް ކިޔަމަންވީނަމަ ކިހާރަނގަޅު ހެއްޔެވެ! (66) އަދި އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! ހަމަކަށަވަރުން، އަޅަމެންގެ ސާހިބުންނަށާއި، އަޅަމެންގެ ބޮޑުންނަށް، އަޅަމެން ކިޔަމަންވީމުއެވެ. ފަހެ، އެއުރެން އަޅަމެން މަގުފުރެއްދީއެވެ. (67) އަޅަމެންގެ ވެރިރަސްކަލާކޮ! ޢަޒާބުގެ ތެރެއިން ދެގުނަ، އެއުރެންނަށް ދެއްވާނދޭވެ! އަދި ބޮޑުވެގެންވާ ލަޢްނަތްލެއްވުމަކުން، އެއުރެންނަށް ލަޢްނަތްލައްވާނދޭވެ! (68)  
ޤިޔާމަތާއި ޖެހެންދެން ﷲ ސުބުހާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި ދީނެއްގެ ގޮތުގައި ޤަބޫލުކުރެއްވިގެންވަނީ އިސްލާމްދީން ކަމާމެދު އެއްވެސް މުސްލިމަކު ދެބަސްނުވާނެކަން ކަށަވަރެވެ. ހަމަ އެބީދައިން، މުޅި ޢާލަމަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ނަބިއްޔާ މުޙައްމަދު  صلى الله عليه وسلم އަކީ ދުނިޔެ ދުށް އެންމެ ވަރުގަދަ ޢިއްޒަތްތެރި ޝަޚްސިއްޔަތްކަމާމެދު އިންކާރުކުރާނެ މަޚްލޫޤެއް ނުވާނެކަމާމެދުވެސް ޝައްކެތްނެތެވެ. ﷲގެ އަޅުތަކުންގެ ޙައްޤުތައް އޭގެ އެންމެ ފުރިހަމައަށް ހޯދައިދިން މިމާތް ދީނާއި މީސްތަކުންނަށް ހައްޤުޤޮތުގައި އެދީން ފޯރުކޮށްދެއްވި މާތް ނަބިއްޔާ صلى الله عليه وسلم ގެ ދިފާޢުގައި، އެބައެއްގެ މުދަލާ ފުރާނަ ޖެހިލުމެއްނެތި ޤުރުބާންކުރެއްވި އެކަލޭގެފާނުގެ އަޞްޙާބުންގެ ޙަޔާތުގެ ޞަފްޙާތައް ދިރާސާކުރެއްވި ކޮންމެ މީހަކަށްވެސް އެބޭކަލުން އިސްލާމްދީނާއި މާތް ނަބިއްޔާދެކެވާ އިޚްލާސްތެރި ލޯބީ ހާމަވެގެންދާނެއެވެ. 
އެމީހެއްގެ މައިންބަފައިންނާއި ދަރިންނާއި މީސްތަކުންނަށްވުރެ ބޮޑަށް އެކަލޭގެފާނުދެކެ ލޯބިވެއްޖައުމަށް ދާންދެން ތިޔަބައިމީހުންކުރެ އެކަކުވެސް އީމާންވީކަމުގައި ނުވާނެކަމަށް ޚަބަރު ދެއްވާފައިވާއިރު، އެމާތް ނަބިއްޔާ صلى الله عليه وسلم އަށާއި އެކަލޭގެފާނުގެ ޠާހިރު ސުންނަތަށް ހަޖޫޖަހައި މަލާމާތްކުރާ ބަޔަކަށް ތިޔަ ލޮބުވެތި މުސްލިމު އުޚްތުންގެ އަބުރާއި ޤަދަރާއި ޝަރަފު އަމިއްލަ އަތުން މޮޑެލަން މުޒާހަރާތަކުގެ އިސްސަފުތަކުގައި ހަރަކާތްތެރިވަނީ އީމާންކަމުގެ ކޮން ދަރަޖައަކަށް ވާޞިލްވެވިގެންތޯއެވެ؟ 
އިސްލާމުދީނުގެ އާ ވާރޝަނެއް އުފެއްދުމަށާއި މާތް ނަބިއްޔާ صلى الله عليه وسلم ގެ ޠާހިރު ސުންނަތަށްވުރެ މޮޅުގޮތްތަކެއް ގެންނަށް އެދޭ ބައެއްގެ ދިފާޢުގައި ތިޔަ ލޮބުވެތި އަޚުންގެ ޖާނާއި މާލާއި ފުރާނަ ފަނާތިކުރަނީ ނަރަކައިގެ ވޭންދެނިވި ޢަޛާބުން ރައްކާތެރިވެވިދާނެކަމުގެ ފޮނި އުއްމީދުގައިތޯއެވެ؟ ﷲ ގަންދީ ހުވާކޮށް ބުނަމެވެ! ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ صلى الله عليه وسلم ގެ ޠާހިރު ސުންނަތް، ދުނިޔެވީ ވަޤުތީ އުފަލާއި އަރާމަށްޓަކައި ދޫކޮށްގެން އުޚްރަވީ ޙަޔާތުގައި ކާމިޔާބާއި ފަލާޙް ލިބިދާނެކަމަށް ހީކޮށްގެން ތިބޭ ބަޔަކަށްވުރެ ވަކިން މޮޔަކަން ބޮޑު ބަޔަކު ނުތިބޭނެކަށްކަށަވަރެވެ. 
ލޮބުވެތި މުސްލިމު އަޚުންނާއި އުޚްތުންނޭވެ! ޤުރުއާނާއި މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގައި ހިފަހައްޓައިފި މީހަކު މަގުފުރެދިގެން ނުދާނެކަން ދަނެގަންނާށެވެ. އެކަލޭގެފާނުގެ ސުންނަތަށް ފުރަގަސްދީގެން ސުވަރުގޭގެ މަތިވެރި ނިޢްމަތުން މަޙްރޫމުވެގަންނަ ބައެއްކަމުގައި ނުވާށެވެ. އަޅުގަނޑުމެންގެ މައިންބަފައިންނާއި ފިރިންނާއި އަނބިންނާއި ދަރިންނާއި އެންމެހާ މީސްތަކުންނަށްވުރެ ބޮޑަށް އަޅުގަނޑުމެން ލޯބިވާ އިންސާނަކީ މާތް ނަބިއްޔާ صلى الله عليه وسلم ކަމުގައި ހަދާށެވެ. އިސްލާމުދީނަށާއި މާތް ނަބިއްޔާ صلى الله عليه وسلم އަށާއި އެކަލޭގެފާނުގެ ސުންނަތަށް ހަޖޫޖަހައި ފުރައްސާރަކުރާ މީހުންނަކީ އަޅުގަނޑުމެންގެ ޢަދުއްވުންކަމުގައި ބަލާށެވެ. 
- މަސްދަރު: ދިސަލަފިއްޔާ
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ