ތިނަދޫ 5 ނަންބަރު ވޯޓު ފޮށި ގުނަންޖެހޭ ހާލަތެެއް ނެތް - އީސީ

ގދ. ތިނަދޫ ސިޓީގެ ފަސް ނަންބަރު ވޯޓު ފޮށި އަލުން ގުނަންޖެހޭ ހާލަތެއް ނެތް ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ން މިއަދު ވިދާޅުވެއްޖެއެވެ.
އެ ސިޓީގެ ގައުމީ ޔުނިވާރސިޓީ ހޯލް ގައި ބެހެއްޓި ފަސް ނަންބަރު ވޯޓް ފޮށި އަލުން ގުނުމަށް ހުށަހެޅީ ޕީއެންސީ ކެނޑިޑޭޓް އަބްދުﷲ ޝަރީފެވެ.
ޝަރީފް އެ މައްސަލަ ހުށަހެޅީ އޭނާގެ މަންދޫބެއް ނެތި ވޯޓު ގުނުން ކުރިއަށް ގެންދިޔަ ކަމަށް ބުނެއެވެ.
އެ ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވަނީ އެ މައްސަލަ އެ ކޮމިޝަނަށް ހުށަހަޅާފައިވާކަން ޔަގީން ކޮށްދެއްވާފައެވެ.
އަދި ވިދާޅުވީ އެ ހުށަހެޅުމާއި ގުޅިގެން އެ ފޮށި އަލުން ގުނަންޖެހޭ ހާލަތެއް ނެތް ކަމަށް އީސީން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އެ ފޮށި އަލުން ނުގުނާނެ ކަމަށް ވިދާޅުވިއެވެ.
އެ ދާއިރާގެ ގޮނޑި ނެގީ އަމިއްލަ ގޮތުން ވާދަކުރެއްވި މުހައްމަދު އަލްސަން އަހްމަދެވެ. އޭނާއަށް 870 ވޯޓު ލިބުނުއިރު، އޭނާއާ އެންމެ ގާތުން ވާދަކުރެއްވީ ޝަރިފެވެ. އޭނާއަށް ލިބުނީ 799 ވޯޓެެވެ.
ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި 602 ވޯޓު ފޮށި ބެހެއްޓިއެވެ. މާލޭގައި 181 އަދި ހުޅުމާލޭގައި 51 ވޯޓު ފޮށި ބެހެއްޓިއެވެ. އަދި ވިލިމާލޭގައި ނުވަ ވޯޓު ފޮށި ބެހެއްޓިއިރު، އަތޮޅު ތެރޭގެ ރަށްތަކުގައި 319 ވޯޓު ފޮއްޓެއް ބެހެއްޓިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ