12 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި 61 އަހަރު ފިރިހެނަކު ހައްޔަރުކޮށްފި

ރާއްޖޭގެ ދެކުނުގެ އަތޮޅުގެ ރަަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވާ މައްސަލައާ ގުޅިގެން 61 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން 61 އަހަރުގެ ދިވެހި ފިރިހެނެއް ކޯޓު އަމުރުގެ ދަށުން އިއްޔެގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ތަހުގީގު މަރުހަލާ ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މީގެކުރިން ބުނެފައި ވަނީ ސައުތު ޕޮލިސް (ގއ. ގދ. ޏ. އަދި ސ. އަތޮޅު) ހިމެނޭ ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ކޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ އާދިއްތަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލަ ހިނގި ރަށުގައި އާންމުންގެ ބަޔަކު ވަނީ އެރަށުގެ ފުލުސް އޮފީސް ކައިރިއަށް އެއްވެ އިހުތިޖާޖުކޮށް، ޖިންސީ ގޯނާ ކުރި މީހާ ހައްޔަރު ކުރުމަށް ގޮވާލާފައެވެ. އާންމުވެފައި ވާ ބައެއް ފޮޓޯތަކުންނާއި ވީޑިއޯތަކުން ފެންނަ ގޮތުން އާންމުންގެ ގިނަ ބަޔަކު ވަނީ ފުލުސް އޮފީސް ދޮށަށް އެއްވެ، ކުއްޖާއަށް އިންސާފު ހޯދަ ދިނުމަށް ގޮވާލާ އަޑުއުފުލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ