ފަލަސްތީނަށް އިންސާފު ހޯދައިދޭން އިސްލާމީ އުންމަތަށް ރާއްޖޭން ގޮވާލައިފި

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން އިންތިޒާމްކޮށްގެން ގެމްބިޔާގެ ވެރިރަށް ބަންޖުލްގައި މިއަދު ފަށާފައިވާ، އިސްލާމީ ގައުމުތަކުގެ އެންމެ އިސްވެރިންގެ 15 ވަނަ ސަމިޓު (އިސްލާމިކް ސަމިޓު) ގައި ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބުގެ ވާހަކަގައި ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށާއި، އެކަށީގެންވާގޮތެއްގައި އަދި ވީ އެންމެ އަވަހަކަށް އިންސާނީ އެހީތެރިކަން ފަލަސްޠީނުގެ ރައްޔިތުންނަށް ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވުމަށް ގޮވާލެއްވިއެވެ.
ދެމެހެއްޓެނިވި ސުލްހައަށްޓަކައި އދ.ގެ ސަލާމަތީ މަޖިލީހުން އަވަސް އަދި ޒަރޫރީ ފިޔަވަޅެއް އަޅާފައި ނުވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ޑރ. ޝަހީމް އިސްލާމީ ގައުމުތަކުގެ ފަރާތުން އެދިވަޑައިގެންނެވީ، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް އިސްލާމީ ގައުމުތަކުން އިތުރު މަސައްކަތްތަކެއް ކުރެއްވުމަށެވެ.
އަދި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، ފަލަސްޠީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމުކުރުމަށް ދިވެހިރާއްޖެއިން ތާއީދުކުރާކަން ފާހަގަކުރައްވައި، ފަލަސްޠީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ހޯދުމަށް ކުރާ މަސައްކަތަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަންވެސް އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.
މީގެ އިތުރުން މިޔަންމާގައި ރޮހިންޔާ ނަސްލު ނައްތާލުމަށް ހިންގަމުންގެންދާ ލާއިންސާނީ އަމަލުތަކުގެ މައްސަލަ ފާހަގަކުރައްވައި، އިންޓާނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި މިޔަންމާއާ ދެކޮޅަށް ގެމްބިއާއިން ހުށަހަޅާފައިވާ މައްސަލައިގައި އެގައުމުން ކުރަމުންދާ މަސައްކަތްތަކުގައި ގާތުން މަސައްކަތްކުރުމަށް ދިވެހިރާއްޖެއިން ޝައުގުވެރިވާ ކަމުގައި ޑރ. ޝަހީމް ވިދާޅުވެފައެވެ.
އަދި އިސްލާމްދީނަށް ފުރައްސާރަކުރުމާއި އިސްލާމްދީނާ ދެކޮޅަށް ހިންގަމުންދާ އެކިއެކި ހަރަކާތްތައް ހުއްޓުވުމަށްޓަކައި، އިސްލާމްދީނުގައި ބާރުއަޅާ ސުލްހަވެރި އެކުވެރިކަމާއި، އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމްކުރުމާއި، ކެތްތެރިކަން އިސްކުރުން ފަދަ އަސްލުތަކުގެ މައުލޫމާތު ފެތުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ކޮންމެ ތިން އަހަރަކުން އެއް ފަހަރު ބާއްވާ މި ސަމިޓަކީ އިސްލާމީ އުއްމަތަށް ކުރިމަތިވާ އެކިއެކި ކަންތައްތަކާ ގުޅޭގޮތުން އިސްލާމީ ޤައުމުތަކުގެ އިސްވެރިން މަޝްވަރާކޮށް، ސިޔާސަތުތައް ކަނޑައަޅައި، އުއްމަތާ ގުޅުންހުރި ކަންކަމުގައި އިރުޝާދު ދިނުމަށް ބާއްވާ ސަމިޓެކެވެ. މި ސަމިޓް ކުރިއަށްދާނީ މި ހިނގާ މޭ މަހުގެ 4-5 އަށެވެ. މި އަހަރުގެ ސަމިޓުގެ ޝިއާރަކީ "ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި މަޝްވަރާ މެދުވެރިކޮށް އެއްބައިވަންތަކަން އިތުރުކުރުން" މިއެވެ.
މިއަހަރުގެ ސަމިޓްގައި 14 ވަނަ އިސްލާމިކް ސަމިޓުގެ ރިޔާސަތު ބެލެހެއްޓެވި ސަޢޫދީ އަރަބިއްޔާއިން ވަނީ ސަމިޓުގެ ރިޔާސަތު ބެލެހެއްޓުން ގެމްބިއާއާ ހަވާލުކޮށްފައެވެ. މި ސަމިޓުގައި ތިން ލިޔުމަކަށް ގޮތެއްނިންމެވުން ހިމަނާފައިވެއެވެ. އޭގެތެރޭގައި ފަލަސްޠީނާއި އަލްޤުދުސް އަޝް-ޝަރީފްގެ މައްސަލައިގެ ޤަރާރަށް ގޮތެއް ނިންމުން ހިމެނެއެވެ.
ދިވެހިރާއްޖެ އޯއައިސީގެ މެންބަރު ޤައުމަކަށްވީ 1976 ވަނަ އަހަރުއެވެ. އަދި 57 މެންބަރު ޤައުމު ހިމެނޭ އޯއައިސީ ގައި ދިވެހިރާއްޖެ ބައިވެރިވީއްސުރެ އަންނަނީ ހަރަކާތްތެރި މެންބަރެއްގެ ދައުރު އަދާކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ