މާރިޗު މަހުގައި، ފަތުރުވެރިކަމުގެ ސިނާއަތުގައި އެނދު ބޭނުންކުރާ މިންވަރު ހުރީ 69 އިންސައްތާގައި: އެމްއެމްއޭ

މިދިޔަ މާރިޗު މަހު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ އެންދުތައް ފުރޭ މިންވަރު (އޮކިއުޕޭންސީ) ހުރީ 69.1 އިންސައްތާގައިކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިއީ މިދިޔަ އަހަރާއި އަޅާބަލައި  މިދިޔަ އަހަރުގެ މާރިޗު މަހާއި އަޅާބަލައި 3 އިންސައްތައިގެ ކުރިއެރުމެކެވެ. އެހެންނަމަވެސް މިދިޔަ ފެބްރުއަރީ މަހާއި އަޅާބަލާ ނަމަ މިއީ 14 އިންސައްތައިގެ ވެއްޓުމެކެވެ. އެގޮތުން ފެބްރުއަރީ މަހު މި އަދަދު އުޅުނީ 83.7 އިންސައްތައިގައެވެ. 
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މާޗްމަހުގެ ނިޔަލަށް ދިވެހިރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތަށް ހާއްސަކޮށްގެން ބޭނުންކުރަމުން އައީ 843 ގެސްޓްހައުސްއާއި، 175 ރިސޯޓާއި، 15 ހޮޓަލުގެ އިތުރުން 147 ސަފާރީއެވެ. މި ތަންތަނުގައި ހުރި ޖުމްލަ އެންދުތަކުގެ އަދަދު 61،952އަށް އަރައެވެ. 
މި މާޗްމަހު ފަތުރުވެރިކަމުގެ ސިނާއަތުގެ އޮކިއުޕޭންސީ ރޭޓު އެންމެ ބޮޑަށް ދަށީ ރިސޯޓުތަކުން ކަމަށް ވާއިރު ރިސޯޓުތަކުގެ އެނދުތައް ފުރޭ މިންވަރު މިއަހަރުގެ ފެބްރުއަރީ މަހާއި އަޅާ ބަލާއިރު މާޗް މަހު 16.7 އިންސައްތަ ދަށަށް ގޮސްފައިވާކަން އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. 
މީގެ އިތުރުން، މިއަހަރުގެ މާޗްމަހު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ބޭނުންކުރަމުންދާ ހޮޓާތަކުގެ އެނދުތައް ފުރޭ މިންވަރު 28.7 އިންސައްތާގައި ހުރިއިރު ފެބްރުއަރީމަހު އެއަދަދު ހުރީ 39.1 އިންސައްތާގައެވެ. މިއީ 10.4 އިންސައްތައިގެ ވެއްޓުމެކެވެ. 
އެ ދެ ދާއިރާއިން ޓޫރިޒަމް އޮކިޔުޕެންސީ ދަށްވެފައިވީ ނަމަވެސް މިދިޔަ މަހު ސަފާރީގެ އެނދުތައް ފުރޭ މިނަވަރު ވަނީ އިތުރުވެފައެވެ. އެގޮތުން، މިދިޔަ މަހު އެ އަދަދު 43.2 އިންސައްތާގައި ހުރި އިރު، ފެބްރުއަރީ މަހު ހުރީ 39.9ގައެވެ.
ޓުއަރިޒަމް އޮކިއުޕޭންސީ ރޭޓަށް ބަދަލު ގެންނަ އެންމެ ބޮޑު އެއްކަމަކީ އެ ސިނާއަތުގައި ބޭނުންކުރާ އެނދުގެ އަދަދު އިތުރުވުމެވެ. މީގެ ސަބަބުން އެދު ފުރޭ މިންވަރު ދަށަށް ގޮސް އޮކިއުޕޭންސީ ރޭޓު ދަށްވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ