ގާސިމް، ރައީސް މުއިއްޒުއަށް: ގެއްލުނު މަސްކަނޑު އަނބުރާ ހޯދުމަށް ވީހާވެސް އަވަހަކަށް މަސައްކަތް ފަށްޓަވައިދެއްވާ

ޗާގޮސް މައްސަލައިގައި ދިވެހިންނަށް ގެއްލިފައިވާ ކަނޑުގެ ސަރަހައްދު ދިވެހިންނަށް އަނބުރާ ހޯއްދަވައި ދެއްވުމަށް ވީހާވެސް އަވަހަކަށް މަސައްކަތް ފަށްޓަވައި ދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ގޮވާލައްވައިފިއެވެ.
ގާސިމް އިބްރާހިމް މިކަމަށް ގޮވާލެއްވީ، އެކްސް ޕްލެޓްފޯމްގައި މިރޭ ޕޯސްޓްކުރެއްވި މެސެޖެއްގައެވެ.
ގާސިމް އިބްރާހިމް މެސެޖްގައި، ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ދައުލަތުން ކުރިން ނިންމި ނިންމުން ބަދަލުކުރިކަން އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާތީ، މި ދަނޑިވަޅުގައި، އިޓްލޮސްގެ ނިންމުމާއެކު ރާއްޖެއާއި ޗާގޮސްގެ މައްސަލައިގައި ދިވެހިންނަށް ގެއްލިފައިވާ ސަރަހައްދު ހޯއްދަވައި ދެއްވުމަށް ވިސްނުންތެރި ކަމާއެކު ވީހާވެސް ހަލުވިކޮށް މަސައްކަތްޕުޅު ފަށްޓަވައި ދެއްވުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރިހުން އެދިވަޑައިގެންފައި ވެއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެނުގައި، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންފިނަމަ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިމައްސަލަ އިސްތިއުނާފަށް ވައްދާނެ ކަމަށް ޑރ. މުއިއްޒު، ވައުދުވެވަޑައިގެންފައިވާކަން ގާސިމް އިބްރާހިމް ފާހަގަ ކުރައްވާފައި ވެއެވެ.
ޖޭޕީގެ ލީޑަރުގެ މެސެޖްގައި، އިނގިރޭސި ދައުލަތާއެކު އަވަސް މަޝްވަރާތަކެއް ފަށްޓަވައި، ޒަމާނުއްސުރެ ދިވެހިން ގެންގުޅެމުން އައި ސްޓޭންޑް ދަމަހައްޓަވައި، މިކަމުގައި ދިވެހިންނަށް ކާމިޔާބު ހޯއްދަވައި ދެއްވުމަށް ރައީސް ޑރ. މުއިއްޒު މަސައްކަތްޕުޅު ކުރައްވާނޭ ކަމަށް ޔަގީންކުރައްވާ ކަމަށް ވިދާޅުވެފައި ވެއެވެ.
ހަމަ އެއާއެކު، މި މަސައްކަތުގައި ދެއްވެންއޮތް ކޮންމެ އެހީތެރިކަމަކާއި، އެއއްބާރުލުމެއް ދެއްވުމަށް އެމަނިކުފާނާއި، ޖުމްހޫރީ ޕާޓީވެސް އޮތީ ތައްޔާރަށް ކަމަށް ވިދާޅުވެފައި ވެއެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއެރި ސަރަހައްދުގެ މައްސަލަ ނިންމައި، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) މައްސަލަ ނިންމާފައިވަނީ މިއަހަރުގެ އޭޕްރީލްމަހުގެ 28 ވަނަ ދުވަހުއެވެ.
އޭގެ ނަތީޖާއެއްގެގޮތުން، ދިވެހިން ޒަމާނުއްސުރެ މަސްވެރިކަން ކުރަމުން އައި ބޮޑު ސަރަހައްދެއް ދިވެހި މަސްވެރިންނަށް ގެއްލިގެންދިޔައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ