ސަރުކާރުން ކުރާ ސިއްރު ކަންތައްތައް ބަލަން ފެށުމާއެކު ރައްޔިތުންގެ މަޖިލިސް ހުއްޓުވާކަމުގެ ތުހުމަތު މަޖިލީހުގެ މާފަންނު މެދު ދާއިރާ ތަމްސީލް ކުރައްވަމުން ގެންދަވާ އިބްރާހިމް ރަޝީދު (ބޮންޑާ) ކުރައްވައިފިއެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ އެމްޑީޕީ ދޫކުރައްވާ ސިޔާސީ މުޅިން އައު ޕާޓީއެއްވެސް އުފައްދަން މަޖުބޫރުވީ ސަރުކާރުން ކުރަމުންދާ ސިއްރު ކަންތައްތައް ބެލޭނެ ރަނގަޅު ގޮތެއް މަޖިލީހުގެ ތެރެއިން ހޯދުމުގެ ބޭނުމުގައި ކަމަށެވެ.
ސަރުކާރުން މަސައްކަތް ވަކި މީހަކާ ޒާތީގޮތުން ޖައްސާލައިގެން އާންމު ރައްޔިތުންނަށް ޚިދުމަތް ނުދިނުމުގެ ސަބަބުން މަޖިލީހުގެ ކަންތައްތައް ގޯސްވިކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ ސަރުކާރުން އިސްކުރަނީ ބުއްދީގެ ބޭނުން ނޫން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިޚާބުކޮށްފައި ތިބެނީ ރައްޔިތުންގެ އަޑު އިއްވުމަށް ކަމަށާއި ނަމަވެސް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ މަޖީލިސް ހުއްޓުވާފައި ބާއްވަން ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްގެންދަން ސަރުކާރުން ބޭނުންނުވާކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ ކޮވިޑުގެ ދުވަސްވަރުގައިވެސް ސަރުކާރުން ބޭނުންވީ މަޖިލީހުގައި ތަޅުއަޅުވާފައި ބަހައްޓަން ކަމަށެވެ.
އެހެންނަމަވެސް ރައްޔިތުންގެ ހައްގުގައި މަޖިލީހުގެ މަސައްކަތްތައް އެދުވަސްވަރުގައިވެސް ކުރެއްވިކަން މެމްބަރު ފާހަގަކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ ސަރުކާރުން ފޮނުވި ބިލެއް އަދި ގަރާރެއް ހުއްޓުވާފައި ނޯންނާނެ ކަމަށާއި ނަމަވެސް ސަރުކާރުން ބައެއް ކަންކަން ރައްޔިތުންނަށް ހާމަކުރަން ދެކޮޅު ހަދާ ކަމަށެވެ.
ސިޔާސީ ޕާޓީތައް ހިންގަން ޖެހޭނީ ގޭންގް ސްޓައިލަށް ނޫން ކަމަށާއި ދައުލަތުގެ ހުރިހާ ބާރެއް މުށުތެރެއަށް ލައްވައިގެން ވެރިކަން ކުރައްވަން މަސައްކަތް ކުރެއްވުމުގެ ނަތީޖާއަކީ އިންތީޚާބުގެ ދެވަނަ ބުރުންވެސް ސަރުކާރު ފެއިލްވުން ކަމުގައި މެމްބަރު އިބްރާހީމް ރަޝީދު ފާހަގަކުރެއްވިއެވެ.
ސަރުކާރުން ކުރާ ސިއްރު ކަންތައްތައް ބަލަން ފެށުމާއެކު މަޖިލީސް ހުއްޓުވާ: މެމްބަރު ބޮންޑާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ