ކެއުމަށްފަހު ބިލް ނުދައްކާ ފިލި މީހެއްގެ ބަންދަށް 10 ދުވަސް ޖަހައިފި

މާލޭގެ ކެފޭއަކުން ކެއުމަށްފަހު ބިލް ނުދެއްކި މައްސަލައިގައި ދިވެހި ފިރިހެނަކު 10 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ބަންދުކޮށްފައި ވަނީ އުމުރުން 23 އަހަރުގެ ޒުވާނެކެވެ. އޭނާގެ މައްޗަށް ކުރަނީ ހުއްދަ ނޫން ޚިދުމަތެއް ހޯދުމުގެ ތުހުމަތެވެ. ކޯޓަށް ހާޒިރުކުރުމުން އޭނާ ބުނީ، ކެފޭއިން ކެއި ކަމަށާއި، ބިލު ދެއްކުމަށް ބޭބެއަށް ގުޅިކަމަށެވެ. ނަމަވެސް ފަހުން ބޭބެގެ ފޯނު އޮތީ ނިވިފައިކަމަށާއި އެ ފައިސާ އޭނާ ފޮނުވާފައިވާނެކަމަށެވެ. އެހެންނަމަވެސް އޭނާ އެ ބިލަށް ފައިސާ ދައްކާފައި ނުވާކަމަށް އިންވެސްޓިގޭޓިވް އޮފިސަރު (އައިއޯ) ފާހަގަކުރި ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
މި ޒުވާނާ އަކީ ބަންދު ރެކޯޑު އޮތް މީހެކެވެ. އޭނާ އެފަދަ އަމަލުތައް ތަކުރާރުކޮށް ކުރަމުންދާކަން އާއިލާގެ ފަރާތުން ހިއްސާކޮށްފައިވާކަން އައިއޯ ބުނެފައިވެއެވެ. މި މައްސަލައިގައި ވަކީލެއްގެ ފުރުސަތު ބޭނުންނުވާކަމަށް އޭނާ ބުނެފައިވެއެވެ.
އޭނާ ބަންދުގައި ބެހެއްޓުމުގެ ސަބަބެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން ފާހަގަކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންކުރާ ކަންކަން ފުރިހަމަކަމަށް ބެލެވޭތީއެވެ. އަދި އެ މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެ ވެސް މިންވަރެއްގެ ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ