ލަންކާގެ ހޮސްޕިޓަލެއްގައި އަންހެން ޑޮކްޓަރަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ސްރީ ލަންކާގެ އަނޫރާދަޕޫރާ ޓީޗިން ހޮސްޕިޓަލުގައި މިދިޔަ ހޯމަ ދުވަހު އަންހެން ޑޮކްޓަރަކު ރޭޕްކުރި މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ހައްޔަރުކުރި މީހާއަކީ ކުރީގެ ސިފައިންގެ މީހެއް ކަމަށެވެ. ހޯމަ ދުވަހުގެ ރޭ ސްޕެޝަލިސްޓެއްގެ ގޮތުގައި ތަމްރީނު ހޯދަމުން ދިޔަ އުމުރުން 32 އަހަރުގެ ޑޮކްޓަރަކަށް ޖިންސީ ގޯނާ ކުރުމަށް ފަހު ފިލައިގެން ދިޔަ އެ މީހާ ހައްޔަރުކުރުމަށްފަހު ފުލުހުން މިހާރު ވަނީ ތަހުގީގު ފަށާފައެވެ. ހައްޔަރުކުރި މީހާއަކީ އެހެން މައްސަލައަކާ ގުޅިގެން މީގެކުރިން ބަންދުކޮށްފައި ހުރި މީހެއް ކަމަށްވެސް ފުލުހުންނާ ހަވާލާދީ ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. އަންހެން ޑޮކްޓަރު ރޭޕްކުރި މައްސަލައިގައި އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ވަނީ މަސައްކަތަށް ނުނިކުމެ ހަޅުތާލުކޮށްފައެވެ. ލަންކާގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި އެ ޑޮކްޓަރު އޮން ކޯލް ޑިއުޓީގައި ހުއްޓާ ކަމަށާއި، ރޭޕްކުރީ ވަޅިން ބިރު ދެއްކުމަށްފަހުއެވެ. އިންޑިއާގެ ކަލްކަތާގައި ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލައެއް ވެސް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފެންމަތިވިއެވެ. އެއްތީރީސް އަހަރުގެ ޑޮކްޓަރު މަރައިލާފައި އޮއްވާ ފެނުނީ ކަލްކަތާގެ ސަރުކާރު ހޮސްޕިޓަލެއް ކަމަށްވާ، އާރްޖީ ކާރު މެޑިކަލްގެ ލެކްޗާ ހޯލެއްގައެވެ. ޑޮކްޓަރުގެ ހަށިގަނޑު އެތައް އަނިޔާތަކެއް ލިބިފައިވާއިރު، އެކަމަށް އިންސާފު ހޯދުމަށް އޮގަސްޓް މަހު އިންޑިއާގައި ވަނީ މުޒާހަރާތައް ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ