ކޮލަމްބިއާ ޔުނިވާސިޓީގެ ކުރީގެ ދަރިވަރު އަދި އެމެރިކާގެ އެކި ޔުނިވާސިޓީތަކުގައި އިޒްރޭލާ ދެކޮޅަށް ފަލަސްތީނަށް ތާއީދުކޮށް ކުރާ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި މަހްމޫދު ހަލީލް އެމެރިކާގެ ފެޑެރަލް ޖަލުން ހުކުރު ދުވަހު ދޫކޮށްލައިފި އެވެ.
"މިކަމަށް ތިން މަސް ނަގާކަށް ނުޖެހޭ،" ފަލަސްތީނުގެ ކެފިޔޭހް ސްކާފް އަޅައިގެން ހުރެ، ޖަލުން ދޫކޮށްލުމުން ހަލީލް އެމެރިކާގެ ނޫސްވެރިންނަށް ވިދާޅުވި އެވެ.
"[ރައީސް ޑޮނަލްޑް] ޓްރަމްޕާއި އޭނާގެ ސަރުކާރުން މިކަމަށް ހޮވާފައި ވަނީ ނާތަހުޒީބު ބައެއް. ނަސްލެއް ނައްތާލުމާ ދެކޮޅަށް ގާނޫނީ ގޮތުން އިހުތިޖާޖު ކުރި މީހަކު ބަންދުގައި ބަހައްޓަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތް."
ޓްރަމްޕްގެ ސަރުކާރުން ބުނަމުން އަންނަނީ އެ މުޒާހަރާތަކުގައި ބައިވެރިވާ އެމެރިކާގެ ރައްޔިތުން ނޫން މީހުން ޑީޕޯޓް ކުރަން ޖެހޭނީ އެ މީހުންގެ ވިސްނުމަކީ ޔަހޫދީންނާ ދެކޮޅު ވިސްނުމެއް ކަމަށް ބެލެވޭތީ ކަމަށެވެ. މުޒާހަރާގެ ބައިވެރިންނާއި މަދަނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ބުނަމުން އަންނަނީ ސަރުކާރުން އެފަދަ ފިޔަވަޅުތައް އަޅަނީ އިޒުރޭލުން ކުރާ ނޭދެވޭ ކަންކަމުގެ އަޑު ކަނޑުވާލުމުގެ ނިޔަތުގައި ކަމަށެވެ.
ޑިސްޓްރިކްޓް ގާޒީ މައިކަލް ފަރްބިއާޒް ނިންމެވީ ހަމައެކަނި ހާރިޖީ ސިޔާސަތު ބަލިކަށިވެދާނެ ކަމަށް ސަރުކާރުން ބުނާ ބުނުމުގެ މައްޗަށް ހަލީލް ޑީޕޯޓް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ގްރީން ކާޑު އެޕްލިކޭޝަނާ ދޮގު ހެދި ކަމަށް ބުނެ، ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ގާޒީ ވަނީ ސަރުކާރަށް ލުއި ދެއްވައިފަ އެވެ. ހަލީލު އެ ވާހަކަ ދޮގުކުރައްވަ އެވެ.
ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީން ފަރްބިއާޒްގެ ނިންމުން ވަނީ ކުށްވެރިކޮށްފަ އެވެ. އަދި ބުނީ ބައެއް ފަނޑިޔާރުން އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް އަމަލުތައް ބަހައްޓާ ކަމަށެވެ.
އޭނާ ދޫކޮށްލުމުގެ ޝަރުތުތަތައް ބުނާ ގޮތުން "އަމިލަށްއަށް ޑީޕޯޓް" ކުރުމުގެ ބޭނުމުގައި ނޫނީ އެމެރިކާ އިން ބޭރަށް ނުކުތުމުގެ ހުއްދައެއް ނޯންނާނެ އެވެ. އޭނާ އެމެރިކާގެ ތެރޭގައި ދަތުރުކުރެއްވުމުގައި ދަތިތަކެއް ވަނީ ކުރިމަތިކޮށްފަ އެވެ.
މަހްމޫދު ހަލީލް އެމެރިކާގެ ޖަލުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ