ފުލުހުންނަކީ ހަމައެކަނި ގާނޫނު ތަންފީޒުކުރުމަށް ތިބި ބައެއް ނޫންކަމަށާއި ގާނޫނަށް ތަބާވާ އަހުލާގު ރަނގަޅު ގާބިލު އަދި ނަމޫނާ ބަޔަކަށް ފުލުހުން ވާންޖެހޭ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ ނެޝަނަލް ކޮލެޖް އޮޕް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ހިންގި ބައެއް ކޯސްތައް ނިންމި ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އިސްކަންދަރު ބިލްޑިންގގައި ރޭ ބޭއްވި މި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުން އަދި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ފުލުހުންނަކީ ހަމައެކަނި ގާނޫނު ތަންފީޒުކުރުމަށް ތިބި ބައެއް ނޫންކަމަށާއި ގާނޫނަށް ތަބާވާ އަހުލާގު ރަނގަޅު ގާބިލު އަދި ނަމޫނާ ބަޔަކަށް ފުލުހުން ވާންޖެހޭ ކަމަށެވެ. އަދި އެކަން ކަށަވަރުކުރުމަށް މަތީ ތައުލީމާއި ތަމްރީނުގެ މުހިންމުކަމަށް ވިދާޅުވިއެވެ.
އަދި ރާއްޖޭގައި މިވަގުތު ތަންފީޒުކުރަމުންދާ މަތީ ތައުލީމުގެ މަންހަޖުގެ ތެރެއަށް، ސައިބަރ ކުށްތަކާއި ޑިޖިޓަލް އަދި ފޮރެންސިކްގެ ދާއިރާ ފަދަ ދާއިރާތައް ހިމެނުމުގެ މަސައްކަތް މަތީ ތައުލީމާ ބެހޭ ވުޒާރާގެ ފަރާތުން ކުރައްވަމުންގެންދަވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ، އެކި ދާއިރާތަކުން ތަމްރީނު އުނގެނުމުގެ ފުރުސަތު ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯއެންފޯސްމަންޓުން މިހާރު ފަހިވެފައިވާކަމަށެވެ. އަދި ގްރޭޑު 10 ނިންމައި ފުލުހުންގެ ޚިދުމަތާ ގުޅުމަށްފަހު މާސްޓާސް ޑިގްރީއާ ހަމައަށް ތައުލީމު ހާސިލުކޮށްފައިވާ އެތައް އޮފިސަރުންނެއް މިހާރުވެސް ފުލުހުންގެ ޚިދުމަތުގައި ތިބިކަން ފާހަގަކުރެއްވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު
މި ރަސްމިއްޔާތުގައި، ނެޝަނަލް ކޮލެޖް އޮޕް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ހިންގި ހަތަރު ކޯހަކުން 297 ދަރިވަރުން ދަސްވެނިވެފައި ވެއެވެ. އެއީ ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން ކޯހުގެ 208 ދަރިވަރުންނާއި، ޑިޕްލޮމާ އިން ސެކިއުރިޓީ އެންޑް ރިސްކު މެނޭޖްމަންޓް ކޯހުގެ 27 ދަރިވަރުންނާއި، މާސްޓާސް އިން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް (ޕޮލިސިންގ އެންޑް ސެކިއުރިޓީ) ކޯހުގެ 37 ދަރިވަރުންގެ އިތުރުން ޑިޕްލޮމާ އިން ފޮރެންސިކް އިންވެސްޓިގޭޝަން ކޯހުގެ 25 ދަރިވަރުންނެވެ.
ފުލުހުންނަކީ ގާނޫނަށް ތަބާވާ އަހުލާގު ރަނގަޅު ގާބިލު އަދި ނަމޫނާ ބަޔަކަށް ވާންޖެހޭ: ޑރ. މަރިޔަމް މާރިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ