ސައުދީއަށް ކަނޑައަޅާ ދިވެހި ސަފީރުކަމަށް ސަރީރު
ސަޢުދީ އަރަބިއްޔާ އަށް ރާއްޖެ އިން ކަނޑައަޅާ ސަފީރުގެ މަގާމަށް އަޙްމަދު ސަރީރު އައްޔަން ކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.1986 ވަނަ އަހަރުން ފެށިގެން ހާރިޖީ ދާއިރާގެ އެކި މަގާމުތައް ފުރުއްވާފައިވާ ސަރީރަކީ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގައި އެކި ފެންވަރުގެ މަގާމުތައް އަދާކުރައްވާފައިވާ، ހާރިޖީ ހިދުމަތުގެ ތަޖުރިބާ ބޮޑު ބޭފުޅެކެވެ. ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ދޮރިން ސެކްރެޓަރީގެ މަގާމު ފުރުއްވި ސަރީރަކީ އދ.އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަގާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި ބަންގުލަދޭޝަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ އިތުރަށް އެހެން ބައެއް ގައުމުތަކުގެ ސަފާރާތަކުގައިވެސް އެކި ފެންވަރުގައި އޭނާ މަސައްކަތް ކުރައްވާފައިވެ އެވެ. އެންމެ ފަހުން ސަރީރު ހުންނެވީ އޯގަނައިޒޭޝަން އޮފް ދަ އިސްލާމިކް ކޮންފަރެންސް (އޯއައިސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރެއްގެ ހައިސިއްޔަތުން އެ ޖަމްއިއްޔާގެ އޭޝިއަން އެފެއާޒް ޑިރެކްޓަރު ކަމުގަ އެވެ. އޭނަ އަކީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަސިޓީން ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ރޮނގުން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ