އަންނަ އަހަރުން ފެށިގެން ޙައްޖާ ޢުމްރާގެ ޚިދުމަތްދޭ އެންމެ ރަނގަޅު ކުންފިނިތަކަށް ސްޓާރ ދީ އެންމެ ރަނގަޅު 5 ކުންފުންޏަކަށް އެވޯޑްދެނީ!

އަންނަ އަހަރުން ފެށިގެންކަނޑައަޅާ އުޞޫލެއްގެ ތެރެއިން ޙައްޖާ ޢުމްރާގެ ޚިދުމަތްދޭ އެންމެ ރަނގަޅު ކުންފިނިތަކަށް ސްޓާރ ދީ އެންމެ ރަނގަޅު 5 ކުންފުންޏަކަށް އެވޯޑްދޭން ފަށާނެ ކަމަށް އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 
މިއަދު ބޭއްވި ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތަކަށް ޚާއްޞަކޮށްގެން މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ކޮންފަރަނސްގައި ޑރ. ޝަހީމް ވިދާޅުވީ އެކަން ކުރިއަށް ގެންދަވާނީ ކޮންފަރެންސްގެ ބައިވެރިން ދެއްވާ ޚިޔާލުތަކުގެ މައްޗަށް ކަމަށެވެ. "ތިއަބޭފުޅުންގެ ކަންކަމުގައި ޙިސާބުކިތާބު ބަލާނީ ތިއަބޭފުޅުން ދެއްވާ ޚިޔާލުފުޅުތަކުގެ މައްޗަށް" 
ޑރ. ޝަހީމް ވިދާޅުވީ ޙައްޖާއި ޢުމުރާއަށް މީހުންގެންދިއުމުގައި ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އިތުރަށް ހަރުދަނާ ކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަމަށާއި އެމަނިކުފާނު ދެއްވާ އިރުޝާދުތަކަށް ޢަމަލުކުރެވުމުން ކަންކަން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ. 
ޙައްޖާއި ޢުމްރާއަށް މީހުން ގެންދާ ބައެއް ކުންފުނިތަކުން މީހުންނަށް ވަރަށް ރަނގަޅު ފެންވަރުގައި ޚިދުމަތްދެމުން ގެންދާއިރު އަނެއްބައި ކުންފުނިތަކުން ވަރަށް އަނިޔާވެރި ގޮތުގައި ކަންކަން ކުރަމުން އަންނަކަން ގިނަ ބައަކު ގެންދަނީ ފާހަގަކުރަމުންނެވެ. 
"އަޅުގަނޑުމެން ޢުމްރާއަށް ދިއަ ދަތުރުގަ ފުރަތަމަ ދުވަހު ފުރީ އަޅުގަނޑުމެން. 1 ޖެހިއިރު ކޮޓަރިން ނެރެ ކޮޓަރިތައް ތަޅުލައިފި. ބަހަށް އެރުޥީ ހަވީރު . އެއާޕޯޓަށް ދެވުނީ ރޭގަނޑު. ދިއަލެއް އަވަސްކަމުން އެއާޕޯތަށް ނުވެއްދީމާ 2 ގަޑިއިރު ބަހުގަ ތިބެންޖެހުނު. ހަވީރު ސައެއް ނުލިބޭ، ރޭގަނޑުގެ ކެއުމެއް ނުލިބޭ. އެއާޕޯޓަށް ވަދެވުމާއި ހަމައަށް ކާން ލިބުނީ ޑްރައިވަރު ގަނެދިން ބާގަރއެއް އެކަނި ހުރިހާ ވަޤުތެއްގެ ކޮއްތަކަށް." 
މިފަދަ އެތައް ޝަކުވާ ތަކެއް އަބަދުހެން އަންނަނީ ލިބެމުންނެވެ. 
"ޢުމްރާއަށް ގެންދިއުމުގެ ކުރިން ދޭ ބްރީފިންގގައި ދަތުރުގައި ކުރިމަތިވާ ކަންކަމަށް ކެތްތެރި ނުވެއްޖެނަމަ ޢުމްރާ ބާޠިލްވެދާނެކަމަށް ބިރުހީވާ ވަރަށް ކެތްތެރިވުމުގެ ވާހަކަ ދައްކައެވެ. އެދައްކަނީ ބުނާހާ ވަރަކަށް ފައިސާ ދައްކައިގެން ދިއައިމަ ކުރާ މިފަދަ ބޮޑެތި އަނިޔާތަކަށް ކެތްތެރިވުމުގެ ވާހަކަ ކަމަށްވާނަމަ ދެން ބުނާނެ އެއްޗެއް ނެތެވެ." މިއީވެސް ޢުމްރާއަށް ދިއަ މީހަކު ބުނެފައިވާ ވާހަކަތަކުން ތަންކޮޅެކެވެ.
އިސްލާމީ ވަޒީރު އެވިދާޅުވިފަދައިން ސްޓާރދީ އެންމެ ޚިދުމަތް ރަނގަޅު ކުންފުނިތަކަށް އެވޯޑްދޭން ފެށުމުން މިފަދަ ބޮޑެތި އަނިޔާ ކުރާ ކުންފުނިތަކުން ކޮންމެވެސް މިންވަރަކަށް ޖެހިލުންވާނެ ކަމަށް ބެލެވެއެވެ. ވީމާ މިނިންމެވުމަކީ ޚިދުމަތް ހޯދާ މީހުން އުފާކުރާނެ ނިންމުމެއް ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ