މާލޭ ރައްޔިތުންނަށް ފަސްހާސް ގޯއްޗަކީ މިވަގުތަަށް ބަލާއިރު ރަނގަޅު ހައްލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
”ސަންގު“ ޓީވީ ގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަހުމަދު އަބްދުﷲ ވިދާޅުވީ މާލެ ރައްޔިތުންނަށް ދިނުމަށް ކަނޑައަޅުއްވާފައިވާ ފަސްހާސް ގޯއްޗަކީ މިވަގުތައް ބަލާއިރު ބޯހިޔާވަހި ކަމަށް ދިމާވެފައިވާ މައްސަލަ އަށް ރަނގަޅު ހައްލެއް ކަމަށެވެ.
އޭނާގެ ވާހަކައިގައި ބޯހިޔާވަހިކަމުގެ މައްސަލަ އަކީ ހައްލުކުރަން ދަތި މައްސަލައެއް ކަން ފާހަގަ ކުރައްވައި އެކަން ހައްލުކުރުމަށް އެކި ފަހަރު މަތިން މާލެ އާއި ހުޅުމާލޭގައި ވަނީ ފްލެޓް އެޅިފައިކަން ހާމަކުރެއްވިއެވެ. މީގެ އިތުރުން ބޯހިޔާވަހިކަމުގ ދަތިކަން ތަހައްމަލްކުރަމުންދާ ފަރާތްތަކަށް އެ ފްލެޓްތަކުގެ ސަބަބުން ލުޔެއް ލިބިގެން ދާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. ހަމަ އެއާއެކު ބޯހިޔާވަހިކަމުގެ ދަތިކަމަކީ އެއްކޮށް ހައްލު ކުރުމަށް ފަސޭހަ މައްސަލައެއް ނޫން ކަމުގައިވެސް އަހުމަދު ވިދާޅުވިއެވެ.
މީގެ އިތުރުން މިސަރުކާރުން ބޯހިޔާވަހިކަން ހައްލުކުރުމަށް މަސައްކަތް ނުކުރާ ކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ދައްކަވަމުންދާ ވާހަކަ ތަކަށް ރައްދު ދެއްވަމުން އަހުމަދު ވިދާޅުވީ މުއިއްޒު އަށް ގޯތި ދޫކުރުމަށް ހަތް އަހަރު ކުރީގެ ހައުސިންގ މިނިސްޓަރު ކަމުގައި ލިބިލެއްވި އިރު ގޯތި ދިންނަމަ މިއަދު މި މައްސަލަތައް ކުރިމަތި ނުވީސް ކަމުގައެވެ.
ރައީސްގެ ރިޔާސީ ބަޔާނުގައި ހުޅުމާލޭގައި ފަސްހާސް ހައުސިންގ ޔުނިޓް އިމާރާތްކުރެވެމުންދާ ވާހަކަ ފާހަގަކުރައްވައި އިތުރު ދެހާސް ހައުސިންގ ޔުނިޓް ފެށިގެންދާނެ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން މާލެ ރަށްވެހިންނަށް ހުޅުމާލެއިން އެއްހާސް ގޯތި، ގުޅިފަޅުން މަދުވެގެން ދެހާސް ގޯއްޗާއި، އަދި ގިރާވަރު ހިއްކައިގެން ދެހާސް ގޯއްޗާއިއެކު ޖުމްލަ ފަސްހާސް ގޯތި މާލެ ރައްޔިތުންނަށް ހާއްސަ ކުރުމަށް ނިންމާފައިވެއެވެ.
މާލެރައްވެހިންނަށް ފަސްހާސް ގޯއްޗަކީ މިވަގުތަށް ބަލާއިރު ރަނގަޅު ހައްލެއް: އަހުމަދު އަބްދުﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ