ރަސްގެތީމް ސްކޫލް ތަފާތު، ފެން ބޯން ވެސް ރަނގަބީލެއް ޖަހަނީ!

ރ. ރަސްގެތީމް ސްކޫލުގެ ދަރިވަރުންނާއި ޓީޗަރުން ފެން ބޯނެ ވަކި ގަޑިއެއް ހަމަޖައްސައި "ފެން ރަނގަބީލު"ގެ ނަމުގައި ރަނގަބީލެއް ޖަހަން ފަށައިފިއެވެ.
"ވަގުތު" އާ ވާހަކަ ދައްކަމުން އެ ސްކޫލުގެ ޕްރިންސިޕަލް އަޒްލީނާ ގާސިމް ވިދާޅުވީ ދިރާސީ އާއަހަރު ފެށުމާ އެކީގައި ޖަހަން ފެށި މި ރަނގަބީލަށް ބެލެނިވެރިންގެ ވަރަށް ބޮޑު ތާއީދެއް ވެސް ލިބެމުންދާ ކަމަށެވެ.
އަޒްލީނާ ވިދާޅުވި ގޮތުގައި މި ރަނގަބީލު ޖަހަނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:10 ގަ އެވެ. އެ ވަގުތު ކްލާސްތަކުގައި ތިބޭ ޓީޗަރުންނާއި އެކު ދަރިވަރުން ފެން ބޯން ޖެހޭނެ ކަމަށް ވެސް އަޒްލީނާ ވިދާޅުވި އެވެ.
"އެންމެ ފުރަތަމަ މިކަން ކުރަން ފެށި އިރު ބޮޑެތި ކުދިން ވަރަށް ބޮޑާ ހާކާނެ. އެކުދިން ބޭނުމެއް ނުވާނެ ފެން ބޯން، ފެންފުޅި ގެންނަން ވެސް ބޭނުމެއް ނުވާނެ. އެކަމަކު އަޅުގަނޑުމެން ފަހުން ހެދީ އެ ވަގުތު ފެން ނުބޯ ކުއްޖެއް ބޭރަށް ނުދެވޭ ގޮތަށް." އަޒްލީނާ ވިދާޅުވިއެވެ.
އަޒްލީނާ ވިދާޅުވި ގޮތުގައި ފެން ނުބޯ ކުއްޖަކަށް ބޭރަށް ނުދެވޭ ގޮތް ހެދުމުން ހުރިހާ ކުދިން ވެސް އެ ގަޑީގައި ފެން ބޯނެ ކަމަށެވެ. އެ ސްކޫލްގައި ރަނގަބީލު ޖެހުމާ ވިދިގެން ފެން ބޯ ކުދިން ސްކޫލް ގޯތިތެރޭގައި އުޅެން 10 މިނިޓުގެ ބްރޭކެއް ލިބެ އެވެ.
އަޒްލީނާ ވިދާޅުވީ މި އާދަ ކުދިންގެ ގައިގައި އަށަގެންނެވުމުގެ ސަބަބުން އެކުދިން ގައިގައި ގިނައިން ފެންބުއިމުގެ ރަނގަޅު އާދަތައް ހަރުލަމުންދާ ކަމަށެވެ. އަދި އެކަން ކުރިއަށް އޮތް ތަނުގައި ވެސް ކުރިއަށް ގެންދާނެ ކަމަށް އަޒްލީނާ ވިދާޅުވިއެވެ.
"މިހާރު ބައެއް ބެލެނިވެރިން ވެސް އައިސް ބުނާނެ ބޮޑެތި ކުދިންވެސް ފެން ބޯތީ އުފާވާ ވާހަކަ. މީގެ ކުރިން އެކުދިން ނުގެންނާނެ ފެން ފުޅިއެއް. މިއީ ކާމިޔާބު ދުޅަހެޔޮ ކުދިންތަކެއް އުފެއްދުމަށް ވަރަށް މުހިންމު ކަމެއް" އަޒްލީނާ ވިދާޅުވިއެވެ.
މިއަހަރު އެއްދަންފަޅިއަށް ކިޔަވައިދޭން ފެށި ސްކޫލުގައި ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 10އާ ހަމައަށް 125 ދަރިވަރުން ކިޔަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ