މިއީ އިމްތިހާނެއް، އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދީ

ކޮވިޑް-19 އާއި ގުޅިގެން މިހާރު ދިމާވެފައިވާ ހާލަތަކީ އިމްތިހާނެއް ކަމަށާއި، މިއީ އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދޭންވީ ވަގުތު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޒާހިރު ވިދާޅުވީ މާތްﷲ އެކި ގޮތްގޮތުން އިންސާނުން އިމްތިހާނު ކުރައްވާނެ ކަމަށާއި އެގޮތުން މިއީ ވެސް އެގޮތުން އިމްތިހާނެއް ކަމަށެވެ. އަދި މި ހާލަތަކީ އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ހާލަތެއް ކަމަށާއި އެގޮތުން ތިމާގެ އަޚާ އަށް އެހީތެރިކަން ފޯރުކޮށްދިނުން މުހިއްމު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި ކަމާބެހޭ އިރުޝާދުތަކަށް ބޯނުލަނބައި ވާންހުރި ކަމެއް ވާނެއޭ ކިޔާފައި އުޅުމުން މި ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށާއި އެއީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫންކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭންޖެހޭ ވަގުތަކީ މިއީ. ކީރިތި ރަސޫލާ ހުރިހާ މުސްލިމުންގެ މިސާލު ޖައްސަވާފައި ވަނީ އެއް ހަށިގަނޑެއް ފަދައިން. އެކަކަށް ކަމެއް ވެއްޖެނަމަ، ރަސޫލާ އެ ބަޔާން ކުރައްވަނީ ހަށިގަނޑުގެ އެންމެ ގުނަވަނަކަށް ގެއްލުމެއް ލިބުނު ކަމަށްވަނީނަމަ މުޅި ހަށިގަނޑު އެ ތަދުގައި ބައިވެރިވާހެން، މުސްލިމު އަޚަކަށް ގެއްލުމެއް ލިބިއްޖެއްޔާ އަނެއް މުސްލިމުގެ އަޚާ އަށް ވެސް އެމީހެއްގެ އެ އަޅާ ވޭނުގައި އެބަޖެހޭ ބައިވެރިވާން" މިނިސްޓަރު ވިދާޅުވިއެވެ.
މިއީ އެކަކު އަނެކަކަށް އަޅާލަންޖެހޭ ވަގުތު ކަމަށާއި އެގޮތުން މީހަކު އޭނާގެ އަޚާ އަށް އަޅާލުމުގައި ދެމި ހުންނަހާ ހިނދަކު މާތްﷲ އެމީހަކަށް އަޅާލުމުގައި އަދި މަދަދު ކުރުމުގައި ދެމި ހުންނަވާނެކަން ރަސޫލާ ބަޔާންކުރައްވާފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން އެދޭނެ ކޮންމެ މީހަކަށް ވެސް އަމިއްލަ ނަފްސަށް ހެވާއި ލާބަ. އަޅުގަނޑުމެން އެދޭނެ އަމިއްލަ ދަރިން ސަލާމަތްކުރަން. އަޅުގަނޑުމެން އެދޭނެ ލޯބިވާ މީހުން ސަލާމަތްކުރަން، މައިންބަފައިން ސަލާމަތްކުރަން. ހަމަ އެގޮތަށް މަސައްކަތް ކުރަން އެބަޖެހޭ ތިމާގެ މުސްލިމު އަޚާ ވެސް ސަލާމަތް ކުރެވޭތޯ" މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވަނީ ހެނދުނާއި ހަވީރު ކިޔަން ހާއްސަ ދުއާތަކެއް އެބަހުރި ކަމަށާއި މިފަދަ ދަނޑިވަޅެއްގައި މި ދުއާތައް ކިޔުން ވަރަށް މުހިއްމު ކަމަށްވެސް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ