މަހުޖަނަކާ ރާއްޖޭގެ ވެރިކަން ހަވާލު ނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެފައިވާތީ އެއީ ވަރަށް ހިނި އަންނަޒާތުގެ ވާހަކަފުޅެއް ކަމަށް ވިދާޅުވެ ރައީސް ވަހީދުއަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ފާޑު ވިދާޅުވެއްޖެއެވެ.
ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި ޖުމްހޫރީ ގުޅުމުން މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ގާސިމް މަހުޖަނަކަށް ވެގެން ރާއްޖޭގެ ވެރިކަން ނުކުރެވޭނެ ކަމަށް ރައީސް ވަހީދު ވިދާޅުވާއިރު އެމަނިކުފާނުގެ ނާއިބު ރައީސް ވަހީދުއްދީން އާއި އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސް ވަހީދުގެ ރަނިންމޭޓް އަހުމަދު ތަސްމީން އަލީ އަކީ ހަމަ ގާސިމް ފަދަ މަހުޖަނުން ކަމަށާއި މިހާރުވެސް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ހުސްވެއްޖެ ނަމަ ގައުމާ ހަވާލުވާން ހުންނެވީ ހަމަ ގާސިމް ފަދަ މަހުޖަނު ވަހީދުއްދީން ކަމަށެވެ.
"އަޅުގަނޑު ނިކުމެ މިހުރީ ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސްކަމާއި އުފާ ފާގަތި ދުވަސްތަކެއް ހޯދާދިނުމަށް. އެގޮތުން އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތި ލީމާ އަޅުގަނޑު ދަންނަކަމެއް ނުދަންނަ ކަމަކަށް ހަދަން އުޅުނަސް، އަދި މަހުޖަނަކަށް ވާތީ އެކަން (ވެރިކަން) ނުދޭށޭ ވިދާޅުވާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ރޭގަވެސް ބޭފުޅަކު ވާހަކަ ދައްކަމުން ވިދާޅުވި އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ ކަމަކަށް ކަމަކު ނުދޭ ބުނީމާ ކުޑަކޮށް ހިނިއާދޭ. އެހެން މިދަންނަވާ ސަބަބަކީ އެމަނިކުފާނު (ރައީސް ވަހީދު) ނާއިބު ރައީސް ވަހީދުއްދީން އަކީ ހަމަ އަޅުގަނޑު ކަހަލަ ފަގީރަކަށް ވާނީ ދެއްތޯ. އަޅުގަނޑަށް ހީވަނީ މިވަރުވީމާ އެއީ ތަންކޮޅެއް ބޮޑުވަރު މީހުންނަށް ފުރައްސާރަކުރަން. އަދި މިހާރު އެމަނިކުފާނު ހޯއްދެވި ރަނިންމޭޓް އަކީ ހަމަ އަޅުގަނޑު ކަހަލަ އަނެއް ފަގީރު. އަޅުގަނޑަށްވުރެވެސް ބޯޑު ފަގީރެއްހެން ހީވަނީ އިނގޭތޯ،" ދާދިފަހުން ރައީސް ވަހީދު ގާސިމްއަށް ނިސްބަތްކޮށް "މަހުޖަނަކަށް ވެރިކަން ހަވާލު ނުކުރެވޭނެ" ކަމަށް ވިދާޅުވެފައިވާތީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަގާމުގައި ހުންނެވި ވަހީދުއްދީން އަށާއި މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ރައީސް ވަހީދުގެ ރަނިންމޭޓަށް ނިސްބަތްކޮށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އޭނާ ޗުއްޓީ ހަދާލަން ދާނެ އަމިއްލަ ފަޅު ރަށެއް ނޯންނަ ކަމަށާއި ނަމަވެސް ތަސްމީން ޗުއްޓީ ހޭދަކޮށްލަން ފެންވަރު ރަނގަޅަށް ހަދާފައޮތް ރަށެއް (ވ.އާރަށް) އެބައޮތް ކަމަށެވެ. ވާހަކަ ކުރިއަށް ގެންދަވަމުން ގާސިމް ވިދާޅުވީ ރައީސް ވަހީދު ދެކޮޅު ނުޖެހޭ ވަހަކަފުޅު ދައްކަވަނީ ކަމަށާއި އަމިއްލަ ފައިގަ ކަތިވަޅިން ޖަހަން ނުވާނެ ކަމަށެވެ. އަދި އެއީ ދެރަވަރު ކަމެއް ކަމަށާއި ހަސަދަވެރިވާން ވާނީ އަދި ކެމްޕެއިންގަވެސް ވާހަކަ ދައްކަވަންވާނީ އަސާސްތަކެއްގެ މައްޗަށް ބިނާކޮށްކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ އޭނާގެ އަތުގައި ހުރި މުދަލަކީ އޭނާގެ އަނބިދަރިން ބަހާލެވޭނެ ތަރިކަ މުދަލެއް ނޫން ކަމަށާއި މިހާނަތަށް ކުރެއްވި މަސައްކަތެއް ކުރައްވާފައިވާނީ މިގައުމުގެ ކުރިއެރުމާއި މަންފާއަށްޓަކައި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަ ދުވަހެއްގައިވެސް ދައުލަތުގެ އެއްވެސް މުދަލެއްގައި ފައިދާ ނާޖާއިޒު ގޮތެއްގައި ނުނުގާނެ ކަމަށާއި ދައުލަތުގެ މާލިއްޔަތުން ޒައްރެއްގެ މިންވަރުވެސް ނުނަންގަވާނެކަމަށް ވިދާޅުވެ ގާސިމް ވިރޭ ވަނީ ހުވާވެސް ކުރައްވާފައެވެ.
"އަޅުގަނޑު ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ އަޅުގަނޑު ކޮށްގެންހުރި ހުވަޔާ ހިލާފަށް ހަމައެއްވެސް އެއްޗެއް، ޒައްރެއްގެ މިންވަރުވެސް އަޅުގަނޑު މިދިވެހި އުއްމަތުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަ ދުވަހެއްގައި ނުނަގާނެކަން މާތްﷲ ގަންދީ އަޅުގަނޑު ހުވާ ކުރަން،" ހަތިމެއްގައި އަތްލާހުރެ ގާސިމް މިރޭ ހުވާ ކުރައްވަމުން ވިދާޅުވިއެވެ.
އަދި މިރޭގެ ޖަލްސާއަށް ވަޑައިގެންނެވި ރައީސް މައުމޫންގެ ދައުރުގައި މިނިސްޓަރު ކަންކުރެއްވި އަދި ދައުލަތުގެ އިއްޒަތްތެރިން ކަމަށްވާ އިލްޔާސް އިބްރާހިމް އާއި އައްބާސް އިބްރާހިމް އަށް ގާސިމް ވަނީ ވަރަށް ބޮޑަށް ޝުކުރުދަންނަވާ ތައުރީފު ކުރައްވާފައިވެއެވެ. އަދި މިރޭގެ ޖަލްސާއަށް ރައީސް މައުމޫންގެ ދައުރުގެ މިނިސްޓަރުން ކަމަށްވާ ސަމަރުބުލޫ އިބްރާހިމް މަނިކު އާއި އަބްދުﷲ ކަމާލުއްދީންވެސް ބައިވެރި ވަޑައިގެންނެވިއެވެ. އަދި ރައީސް ނަޝީދުގެ ސަރުކާރު ބަދަލުވި ދުވަހު (2012 ފެބްރުއަރީ ހަތް ވަނަދުވަހު) ޑިފެންސް މިނިސްޓަރަކަށް ހުންނެވި ތޮލްހަތު އިބްރާހިމް ކަލޭފާނުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މަހުޖަނަކާ ވެރިކަން ހަވާލު ނުކުރެވޭނޭ ވިދާޅުވީމާ ހިނި އާދޭ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ