ރައްޔިތުން ކަނޑައަޅާ ވެރިއަކާއިއެކު ކުރިއަށް ދިއުމަށް ރައީސް އެދިވަޑައިގަންނަވައިފި

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައިރައްޔިތުންގެ ނިންމުމަށް އިޙްތިރާމުކޮށް ރައްޔިތުން ކަނޑައަޅާ ވެރިއަކާއެކު، މުޅި ޤައުމު އެކުގައި ތެދުވެ މަސައްކަތް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު ވަހީދު ހަސަން މަނިކު އެދިވަޑައިގަންނަވައިފިއެވެ.
ރައީސް މިކަމަށް އެދިވަޑައިގެންނެވީ ދައުލަތުގެ މީޑިއާ މެދުވެރިކޮށް ގައުމާ މުހާތަބު މިރޭ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ކުރަން ވެފައިހުރި، ބޮޑެތި ދުސްތޫރީ، އިޤްތިޞާދީ، ޤާނޫނީ، އަދި އިޖުތިމާޢީ މަސައްކަތްތައް ގައުމުޔގައި އެބަހުރި ކަމަށާއި އެ މަސައްކަތްތައް އަވަސްކަމާއި ހަރުދަނާކަމާއެކު ކޮށް، އުޖާލާ މާދަމައަކަށް އެންމެންއެކުގައި މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާ ކަމުގައެވެ.
މީގެ އިތުރުން 2011 ވަނަ އަހަރުގެ ފަހުކޮޅާއި 2012 ވަނަ އަހަރުގެ ކުރީކޮޅު ހިނގައިދިޔަ ކަންކަމުގެ ސަސަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ގެއްލުންވިކަމަށާއި ދައުލަތަށް ލިބުނު އާމްދަނީއަށްވެސް ވަރަށް ބޮޑަށް އަސަރުކުރިކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޤައުމުގައި ހަމަނުޖެހުން އުފެދި، މިއަދާ ހަމަޔަށް ހޯދާފައިވާ ކުރިއެރުންތައް ފަހަތަށް ޖެހި، އިޤްތިޞާދަށާއި ވިޔަފާރިތަކަށް ގެއްލުންވާފަދަ އެއްވެސް ކަމަކަށް ސަރުކާރުން އެއްވެސް ފުރުޞަތެއް ނުދޭނެކަމުގެ ޔަގީންކައް ދެއްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ޑިމޮކްރަސީ ގެނައުމަކީ، ނުވަތަ ކުރީގައި ނެތް މިނިވަންކަމެއް ލިބުމަކީ، ޤައުމުގައި ހުރި ހެޔޮ ރަނގަޅުކަންކަން ގެއްލެންވީ ސަބަބެއްނޫން. ރާއްޖެއަށް ޑިމޮކްރަސީ ގެނެވުނީ، ނިސްބަތުން އެހެން ޤައުމުތަކަށްވުރެ ފަހުން ކަމުގައިވުމަކީ، އެހެން ޤައުމުތަކުން ޑިމޮކްރަސީގެ މަގުގައި ހޯދައިފައިވާ ފިލާވަޅުތަކުން ޢިބުރަތް ލިބިގަންނަންވީ ކަމެއް. އެ ޤައުމުތަކުން ޤާއިމުކޮށްފައިވާ ރީތި މިސާލުތައް ޤާއިމުކޮށް، ގޯސްތައް ތަކުރާރުނުކުރުމަށް ލިބިފައިވާ ރަނުގެ ފުރުޞަތެއް" ރައީސް ވަހީދު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިންތިޚާބުގައި އެންމެ މުސްކުޅި އެންމެ ޟަޢީފު މީހާއަށްވެސް ރައްކާތެރިކަމާއެކު ވޯޓު ދިނުމުގެ ޙައްޤު، ޤާއިމުކުރެވޭނޭކަން ޔަޤީންކޮށް ދެއްވުމަށް އެދިވަޑައިގަންނަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ