ސުޕްރީމް ކޯޓްގެ ތަސައްވުރު ގެއްލުވާލާ މީހުނަށް ފިޔަވަޅު އަޅާނަން: އުއްތަމަ ފަނޑިޔާރު

ސުޕްރީމް ކޯޓާމެދު އެކިއެކި ފަރާތްތަކުން ދެމުންދާ ނުބައި މެސެޖުތަކަށް ފާރަވެރިވެ އޮތް ކަމަށާއި އެފަދަ ކަންކަން ކުރާ ފަރާތްތަކާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުން ކުރިއަށް ގެންދާ ސުމޯޓޯ މައްސަލަތަކާ ގުޅޭގޮތުން ވީނިއުސް އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓުން އެއްވެސް ފަރާތެއްގެ މަސައްކަތަކަށް އަދި އެއްވެސް މުއައްސަސާއެއްގެ ގާނޫނީ ޒިންމާތަކަކަށް އަރައިގަންނަމުން ނުދާނެ ކަމުގަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ މުސްތަގިއްލު ކަމާއި، ހައިބަތާއި، ކަރާމާތް ގެއްލޭގޮތަށް އެއްވެސް ފަރާތަކުން މަސައްކަތް ކުރާނަމަ އެކަމުގެ ދިފާއުގައި ސުޕްރީމް ކޯޓުގެ ގާނޫނީ ޒިންމާ އަދާކުރާނެ ކަމުގައި ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓުގެ މުސްތަގިއްލު ކަމާއި މިކަންކަމަށް ބުރޫއަރާނެހެން ހީވާ ކަމަށް ވަންޔާ ސުޕްރީމް ކޯޓުން އެކަމުގައި އަމަލުކުރެވޭނެ މަގުތައް ހުންނާނެ. އެބަހުރިވެސްމެ. އެހެންވީމާ އެކަންކަމުގައި ހަމަކުރިއަށް އޮތް ތަނުގައިވެސް ސުޕްރީމް ކޯޓުގެ މަސްލަހަތު ނޫނީ ސުޕްރީމް ކޯޓުގެ މުސްތަގިއްލުކަން ނުނީ ސުޕްރީމް ކޯޓާއި ދޭތެރޭގައި ދެކޭގޮތް އެހެން ގޮތަކަށް އަބުރާލުމަށް ބަޔަކު މަސައްކަތް ކުރަންޔާ އަބަދުވެސް ހަމައެކަމަށް ފާރަވެރިވެ ސުޕްރީމް ކޯޓް އޮންނާނަން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސުޕްރީމް ކޯޓަކީ ރާއްޖޭގެ އެންމެ މަތީ ކޯޓު ކަމަށާއި ޝަރުއީ ދާއިރާގެ މަސްލަހަތު ހިމާޔަތްކުރަންޖެހޭ އެންމެ މަތީ ފަރާތަކީ ވެސް ސުޕްރީމް ކޯޓް ކަން ގާނޫނު އަސާސީއާ ގާނޫނުތަކުން އިނގޭ ކަމުގަ އެވެ. އެހެންކަމުން ސުޕްރީމް ކޯޓާއި ޝަރުއީ ދާއިރާގެ ދިފާއުގައި ކުރަންޖެހޭ ކަންކަން އަދި އަޅަންޖެހޭ ފިޔަވަޅުތައް ސުޕްރީމް ކޯޓުން އަޅަމުންގެންދާނެ ކަމުގައެވެ. އެގޮތަށް އަމަލުކުރަންޖެހެނީ ސުޕްރީމް ކޯޓުގެ ތަސައްވުރު ގެއްލުވާލިޔަ ނުދީ މާދަމާގެ ޖީލްތަކަށް ފޯރުކޮށްދޭންޖެހޭތީ ކަމުގައި ވެސް ވިދާޅުވި އެވެ.
"މިކަން މިގޮތަށް ނުކުރާނަމަ ކޯޓު ތަކުގެ އަމުރުތަކަށް ބަޔަކު އިހްތިރާމެއް ނުކުރާނެ. ގަބޫލެއް ނުކުރާނެ. އެހެންވީމާ ކޯޓު ތަކުގެ ބާރުވެރިކަން ދެމެހެއްޓުމަކީ ކޯޓު ތަކުގެ ޒިންމާއެއް. ހަމައެގޮތަށް ސުޕްރީމް ކޯޓުގެ ބާރުވެރިކަން ދެމެހެއްޓުމަކީ ސުޕްރީމް ކޯޓުގެ ޒިންމާއެއް އެއީ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދާ ސުމޯޓޯ މައްސަލަތަކާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ކަންބޮޑުވާ މައްސަލައާއި އެކަމާއި ގުޅިގެން އަމާޒުވާ ފާޑު ކިޔުންތަކާއި ގުޅޭގޮތުން ވެސް އުއްތަމަ ފަނޑިޔާރު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން ވިދާޅުވީ ސުމޯޓޯ މައްސަލަތައް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިއުމަކީ އެއްވެސް ފަރާތަކުން ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށާއި އެކަންކުރަނީ ސުޕްރީމް ކޯޓާއި ޝަރުއީ ދާއިރާގެ ހިމާޔަތުގައި ކަމަށެވެ.
"އެހެން އެއްވެސް މައްސަލައެއް އޮވެގެނެއް ނޫން ސުޕްރީމް ކޯޓުން މިފަދަ މައްސަލަތައް ބަލަނީ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ގާނޫނު އަސާސީއާ ގާނޫނުތަކުން ސުޕްރީމް ކޯޓަށް ދީފައިވާ ބާރުތަކަށް ބަލާއިރު ސުމޯޓޯ މައްސަލަތައް ބެލުމަކީ ސުޕްރީމް ކޯޓަށް ނުކުރެވޭނެ ކަމެއް ކަމަށް ބުނެ އެއްވެސް ފަރާތަކަށް ސުވާލު އުފެއްދިދާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ސުމޯޓޯ މައްސަލަތައް ބެލުމަކީ އެ ގައުމުތަކުގެ ސުޕްރީމް ކޯޓު ތަކުގައި ކުރަމުންދާ ކަމަކަށްވާތީ މިކަމަކީ ހަމައެކަނި ރާއްޖޭގައި އެކަނި ކުރާ ކަމެއް ނޫން ކަމުގައި ވެސް ވިދާޅުވި އެވެ.
"އެހެންވީމާ މިފަދަ މައްސަލަތައް ބެލޭނެތޯ އިހްތިސޯސް އޮތްތޯ އެއީ އުފެއްދޭނެ ސުވާލެއް ނޫން. މިއަދު ވެސް ހަމަ ހިނގާދިޔަ މައްސަލައިގައި (ސުމޯޓޯ މައްސަލައިގައި އެޗްއާރްސީއެމްގެ މެންބަރުން ހާޒިރުކުރުން) އެއޮތީ ދެންނެވިފައި އަސްލު އިހްތިސޯސްގެ ދަށުން ހިނގާ މައްސަލައެކޭ. އެއީ އެހެންވީމާ ސުވާލު އޮތް ކަމެއް ނޫން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ސުމޯޓޯ މައްސަލަތައް ބަލާނެ އުސޫލެއް އެކުލަވާލާ އެ އުސޫލު ސުޕްރީމް ކޯޓުން ވަނީ އާންމުކޮށްފަ އެވެ. ސުމޯޓޯ މައްސަލަތަކަކީ ސުޕްރީމް ކޯޓުން އިސްނަގައިގެން ކޯޓުން އެ މައްސަލައެއް ބަލާ ފިޔަވަޅު އަޅަމުން ގެންދާ މައްސަލަތަކެކެވެ.
ސުމޯޓޯ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓުން މިހާތަނަށް ބަލާ ނިންމާފައިވަނީ އެންމެ މައްސަލައެކެވެ. އެމައްސަލަ ބެލުމަށްފަހު އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގުއާއި ކުރީގެ ނައިބް ރައީސް އަހްމަދު ފަޔާޒު ހަސަން ސުޕްރީމް ކޯޓުން ވަނީ މަގާމުން ވަކިކުރައްވާފަ އެވެ.
ސުޕްރީމް ކޯޓުން ސުމޯޓޯ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދާ ދެވަނަ މައްސަލައިގެ ފުރަތަމަ އަޑުއެހުމަށް މިއަދު ވަނީ އެޗްއާރްސީއެމްގެ ފަސް މެންބަރުން ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުވާލުކުރައްވާފަ އެވެ. އެބޭފުޅުންގެ މައްޗަށް ސުމޯޓޯ މައްސަލައެއް ކުރިއަށް ގެންދަނީ އެޗްއާރްސީއެމުން ރާއްޖޭގެ އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން ތައްޔާރުކޮށް އދ ގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހަޅާފައިވާ ޔުނިވާސަލް ޕީރިއޮޑިކް ރިވިއު ރިޕޯޓުގައި ސުޕްރީމް ކޯޓުން ޝަރުއީ ދާއިރާ ކޮންޓްރޯލްކޮށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެފައިވާތީ އެވެ. އަދި އެކަމާ ގުޅިގެން ދަށު ކޯޓުތަކުގެ ޝަރުއީ ބާރުތައް ހަނިވެ ކޯޓުތަކުގެ ބާރު ކެނޑިފައިވާ ކަމަށް ވެސް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ