ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމަށް ގާސިމް އިބްރާހިމް އަނެއްކާ ވެސް އިންތިހާބު ކޮށްފި އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމަށް ގާސިމް އިންތިހާބު ކުރީ އާދިއްތަ ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ނެގި ފެންނަ ނުފެންނަ ވޯޓަކުންނެވެ.
ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހުނީ އެ ޕާޓީގެ ލީޑަރުގެ މަގާމަށް ގާސިމް އިބްރާހިމް އެކަނި ކުރިމަތިލައްވާފައި އޮތުމުންނެވެ. ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން 61 މެމްބަރުން ވޯޓު ދެއްވިއިރު އެ ހުރިހާ މެމްބަރުން ވެސް ވޯޓު ދެއްވީ ގާސިމް އެ މަގާމަށް އިންތިހާބު ކުރުމަށް ފެންނަ ކަމަށެވެ.
ޖޭޕީ އުފެދުނީއްސުރެ އެ ޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނެވީ ގާސިމެވެ. ނަމަވެސް ގާސިމްގެ މައްޗަށް ޖަލު ހުކުމެއް އިއްވުމާއެކު ޕާޓީގެ ލީޑަރުގެ މަގާމު މިދިޔަ އަހަރު ގެއްލުނެވެ. އަދި އޭގެ ފަހުން މިއަހަރު ބޭއްވި ކޮންގްރެސްގައި ވެސް ޕާޓީގެ ލީޑަރުގެ މަގާމަށް އޮތީ ބޭފުޅަކު އައްޔަން ނުކޮށެވެ. އަލުން ޖޭޕީގެ ލީޑަރުގެ މަގާމަށް ގާސިމް އިންތިހާބުކުރީ ގާސިމަށް އިއްވި ޖަލު ހުކުމް ހައި ކޯޓުން ބާތިލް ކުރުމާ ގުޅިގެންނެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ޖަލު ހުކުމެއްގައި ތަންފީޒު ކުރަމުންދާ މީހަކަށް ޕާޓީގެ ލީޑަރުގެ މަގާމު ނުފުރޭނެ ކަމަށް ބުނެފައި އޮންނައިރު ގާސިމަށް ކުރި ހުކުމް ބާތިލްކޮށްފައި ވާތީ މިހާރު ގާސިމަށް އެ މަގާމަށް ވަޑައިގަތުމަށް އެއްވެސް ހުރަހެއް ނެތެވެ.
ކައުންސިލް ބައްދަލުވުމުގައި ގާސިމް އެ މަގާމަށް އިންތިހާބު ކުރުމުން ލީޑަރުގެ މަގާމުގެ އެންމެހާ ބާރުތައް ވަގުތުން ގާސިމަށް ވަނީ ހަވާލު ކޮށްފައެވެ. ވަގުތީ ގޮތުން އެ މަގާމުގެ މައްސޫލިއްޔަތު އުފުލަމުން އައިސްފައިވަނީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ.ހުސެއިން ރަޝީދެވެ.
ގާސިމް ވަނީ މިއަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ޖޭޕީ ހިމެނޭ ކޯލިޝަނުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކޮށްފައިވާތީ ރިޔާސީ ފަސް އަހަރުގެ ދައުރު ނިމެންދެެން ކޯލިޝަނުގެ ތެރޭގައި ތިބުމަށް ޕާޓީން މަސައްކަތް ކުރުމަށް ގޮވާލާފައި އެވެ. ގާސިމް ވިދާޅުވެފައިވަނީ ހިތް ނުތަނަވަސްވާ ކަންކަން ދިމާވި ނަމަވެސް ކޯލިޝަން ރޫޅޭ ފަދަ ކަންކަން ނުކުުރުމަށް އެފަދަ ކަންކަމާ އަޅާ ނުލުމަށް ޕާޓީގެ ހުރިހާ މެމްބަރުން ކިބައިން އެެދިވަޑައިގެންފަ އެވެ. އަދި މީގެ ކުރިން ޖޭޕީ ހިމެނޭ ސަރުކާރު ކޯލިޝަން ރޫޅުނަ ނުދިނުމަށް އެ މިސްޓޭކް ނުހެދުމަށް ތަކުރާރުކޮށް އެދިވަޑައިގެންނެވި އެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ގާސިމް ޖޭޕީގެ ލީޑަރު ކަމަށް އިންތިހާބު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ