ރާއްޖޭގައި އިސްލާމިކް ޔުނިވަސިޓީއެއް ގާއިމުކުރަންޖެހެނީ ﷲ ގެ ދީނަށް ނަސްރު ދެއްވާ ދީނީ އަދި އިލްމީ ދަރިންތަކެއް ބިނާކުރަން ކަމަށާއި ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި އެކަން ކުރާނެ ކަމަށް އެގުޅުމުގެ ރިޔާސީ ކެންޑިޑޭޓު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ކޯލިޝަންގެ ދެ ސިޔާސަތެއް އިފްތިތާހުކުރުމަށް ރޭ އަރަބިއްޔާ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ގާސިމް ވިދާޅުވީ ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި ކީރިތި ޤުރުއާނާއި، ދިވެހި ބަހާއި، އިސްލާމީ ތަރުބިއްޔަތު މަޖުބޫރު މާއްދާތަކެއްގެ ގޮތުގައި ހަމަޖައްސަވާނެ ކަމަށެވެ.
އަދި މީގެއިތުރުން ރާއްޖޭގެ ރައްޔިތުންގެ ތެރެއިން މަދު ބަޔަކު ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނެއް އޮތުމަށް ބޭނުންވި ކަމުގައިވި ނަމަވެސް ރާއްޖޭގެ އާބާދީގެ 99 ޕަސެންޓް މީހުން ބޭނުން ވާނީ އިސްލާމްދީން ކަމަށް ގާސިމް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރާއްޖޭގެ ހުރިހާ ރަށަކަށްހެން ވަޑައިގެންނެވުނުއިރު ހުރިހާ ރަށެއްގައިހެން ސުކޫލުތަކާއި ކައުންސިލް ތަކުގެ އިސްވެރިންނާއި ބައްދަލުކުރެއްވުމުން އެތަންތަނުގެ ވެރިންނާއި ބެލެނިވެރިން ގުރުއާނާއި، ދިވެހި ބަހާއި އިސްލާމީ ތަރުބިއްޔަތު މަޖުބޫރު މާއްދާއެއްގެ ގޮތުގައި ހަދައިދިނުމަށް އެދިވަޑައިގެންނެވި ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ސަރުކާރެއްގައި ގުރޭޑް ދިހަޔަކާއި ހަމައަށް ކިޔަވައިދޭނެ ކަމަށާއި އެއީ މަޖުބޫރު މާއްދާއެއްގެ ގޮތުގައި ހިމަނަން ނިންމީ އަޅުގަނޑު އަމިއްލަ ހިޔާލަކަށެއް ނޫން. ދިވެހި ރައްޔިތުން އެދޭތީ. ދިވެހި ރައްޔިތުން ބޭނުންވާތީ. އެބައި މީހުންގެ ދަރިންނަށް އެ ކިޔަވައިދޭން ބޭނުންވާތީ. އާދެ އެ ސަބަބަށްޓަކައި އަޅުގަނޑު ހިމެނީ އިނގޭތޯ؟ ދެން މިއާ ޗެލެންޖް ކުރާނީ ކާކުތޯ؟" ގާސިމް ވިދާޅުވި އެވެ.
ގާސިމް އިބްރާހިމް އިތުރަށް ވިދާޅުވީ ބައިނަލްއަޤުވާމީ އުސޫލުތައްވެސް ހަދަންޖެހޭނީ ހުރިހާ ރައްޔިތުންގެ ހައްގުތައްވެސް ހިމާޔަތް ކުރެވޭ ގޮތަށް ކަމަށާއި، ދިވެހިންގެ ހައްޤުތައް ގެއްލޭގޮތަށް ހެދޭ އުސޫލުތަކެއް ހުރެގެން ނުވާނެ ކަމަށެވެ.
އިލްމީ އަދި ދީނީ ދަރިންތަކެއް ބިނާކުރާނަން - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ