އަހަރެމެން މިތިބީ ފާތާޅަޔަށް ވެއްޓިފައި: ޕީކޭ

ބާސެލޯނާ އެއްކޮށް އަޑިއަޅާލާފައިވާ ކަމަށާއި، ބޮޑެތި ބަދަލުތަކެއް ބޭނުންވާ ކަމަށް އެ ޓީމުގެ ޑިފެންޑަރު ޖެރާޑް ޕީކޭ ބުނެފިއެވެ.
މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގައި ހުކުރު ދުވަހުގެރޭ ބާސާ ވަނީ ބަޔާން އަތުން 8-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފައެވެ. މިއީ ޔޫރަޕްގެ މުބާރާތެއްގައި މިހާ ތަފާތު ބޮޑުކޮށް ބާސާ ބަލިވި ފުރަތަމަ ފަހަރެވެ. އަދި މިއީ ފާއިތުވި 74 އަހަރު ތެރޭ އެއް މެޗެއްގައި ބާސާ ކޮޅަށް 8 ލަނޑު ވަން ފުރަތަމަ ފަހަރެވެ.
މިހާތަނަށް ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ބާސާއިން މި މުބާރާތުގެ ފައިނަލްގައި އެންމެ ފަހުން ކުޅެފައިވަނީ 2014-2015 ވަނަ އަހަރުގެ ސީޒަނުގައެވެ.
ހުކުރު ދުވަހުގެރޭ ލަދުވެތޮ ގޮތަކަށް ބާސާ ބަލިވިއިރު، މެޗަށްފަހު ޕީކޭ ވަނީ ބާސާއަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ބުނެފައެވެ. އޭނާ ބުނީ ބާސާ އެއްކޮށް ފާތާޅަޔަށް ވެއްޓިފައިވާ ކަމަށާއި، މިކަމުން އަރައިގަތުމަށް ބޮޑެތި ނިންމުންތަކެއް ނިންމަން ޖެހޭ ކަމަށެވެ. އަދި ބާސާއިން ބޭނުންވެއްޖެ ނަމަ، ކުލަބު ދޫކޮށްލަން ތައްޔާރަށް ހުރި ކަމަށްވެސް ޕީކޭ ބުންޏެވެ.
ޕީކޭ އިތުރަށް ބުނީ ފާއިތުވެދިޔަ އަހަރުތަކުގައި ބާސާއަށް ޔޫރަޕްގެ މުބާރާތްތަކުގައި އެންމެ ރަނގަޅު ނަތީޖާތަކެއް ނެރެވިފައިނުވާއިރު، މިކަން ރަނގަޅު ކުރުމަށް އެންމެން އެކުގައި މަސްކަތް ކުރަން ޖެހޭ ކަމަށެވެ.
ބަޔާން އަތުން ލިބުނު ބޮޑު ނާކާމިޔާބީއާއެކު ބާސާގެ ކޯޗުގެ މަގާމާ ޖެނުއަރީ މަހު ހަވާލުވި ކިކޭ ސެޓިއެން މަގާމުން ވަކިކުރާނެ ކަމަށް ބެލެވެއެވެ. މި ސީޒަން ހުސްއަތާ ބާސާއިން ނިންމާލަން ޖެހުނުއިރު، މިއީ ފާއިތުވި 12 ސީޒަނުގެ ތެރޭގައި ބާސާއިން ތައްޓެއް ނުލިބި ނިންމާލި ފުރަތަމަ އަހަރެވެ.
މީގެ އިތުރުން ބާސާގެ ސަޕޯޓަރުން އަންނަނީ އެ ކްލަބުގެ ރައީސްގެ މަގާމުން ޖޯސެފް މާރިއާ ބާޓޮމެއޫ އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ. ބާސާގެ ތެރޭގައި ސިޔާސީ ގޮތުންނާއި އެހެނިހެން ސަބަބުތަކެއް މެދުވެރިވެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާއިރު، އަންނަ އަހަރު ބާސާގެ ރައީސަކު ހޮވާ އިންތިޚާބު އޮންނާނެއެވެ. މި އިންތިޚާބުގައި ބާޓޮމެއު އިތުރު ދައުރަކަށް ހޮވޭނެ ކަމާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ