ސޯލިހްގެ ސަރުކާރަށް 2 އަހަރު: ކަރަންޓު ބިލްތައް ބޮޑުވެގެން ދިޔައީ މިލިއަނުން!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް މިއަދު 2 އަހަރު ފުރޭއިރު، ގިނަ ކަންތައްތަކަކުން ރައްޔިތުންނަށް ވަނީ ދަތިވެފައެވެ. އަސާސީ ގިނަ ހިދުމަތްތަކުގެ އަގު ބޮޑުވެފައިވާއިރު، ވަރަށް ގިނަ ރައްޔިތުންނަށް އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވަނީ ކަރަންޓު ބިލް އަގު ބޮޑުވުމުގެ ސަބަބުންނެވެ.ކަރަންޓުގެ އަގު ހެޔޮ ކުރުމަކީ ރައީސް ސޯލިހް ފުރަތަމަ 100 ދުވަސްތެރޭ ކުރައްވާނެކަމަށް ވައުދުވެވަޑައިގެންނެވި ކަމެކެވެ. ފުރަތަމަ 100 ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވަނީ ކަރަންޓުގެ އަގު ހެޔޮ ކުރެވިފައިވާކަމަށް އިއުލާން ކުރައްވާފައެވެ. އެހެން ނަމަވެސް އާންމު ރައްޔިތުން ކަރަންޓު ބިލްތަކަށް ދައްކަން ޖެހޭ މިންވަރު މަދެއްނުވެއެވެ.2020 ވަނަ އަހަރު ފެށުނު ކޮވިޑު-19 ބަލިމަޑުކަމުގެ ތެރޭގައި އެތައް ހާސް ރައްޔިތުންނެއް އިންތިހާއަށް ދަތި ހާލުގައި ތިބި ދަނޑިވަޅުގައިވެސް ކަރަންޓު ބިލް ކުޑައެއް ނުވެއެވެ. ސަރުކާރުން ވަނީ ކޮވިޑު-19 އާއި ގުޅިގެން ކަރަންޓު ސަބްސިޑައިޒްކޮށްފައިވާ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް ކޮވިޑު-19 ގެ ބަލިމަޑުކަން ފެށުނުފަހުން ކަރަންޓު ބިލްތައް އިހުނަށްވުރެ ބޮޑުވިއެވެ.ކުރިން 1000 ރުފިޔާ ބިލަށް ނާރާ ގެތަކުގެ ބިލަށް 10،000 ރުފިޔާ އަރާގޮތެއް މާލެ ސަރަހައްދުގައި ކަރަންޓުގެ ހިދުމަތްދޭ ސްޓެލްކޯއަކަށް ބުނެނުދެވުނެވެ. ބައެއް އާއިލާތަކުން ކަރަންޓު ބިލް ނުދެއްކިގެން ދެތިން ހަފްތާ ވަންދެން ކަނު އަނދިރީގައި ތިބެން މަޖުބޫރުވެފައިވެއެވެ. އަދި ބިލްތައް ބޮޑުވެ، އެކަމުގެ ސަބަބުން މާލޭގައި ނޫޅެވި، އެހެން ރަށްތަކަށް ބަދަލުވާން މަޖުބޫރުވި އާއިލާތައްވެސް ބައިވަރެވެ. ކަރަންޓު ބިލް އިންތިހާއަށް ބޮޑުވާއިރު، ސްޓެލްކޯގެ އިސްވެރިން ދަނީ ބޮޑެތި މުސާރަ ނަގަމުންނެވެ. މިގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަށް ލައްކައަކަށްވުރެ ގިނަ ރުފިޔާ މުސާރައިގެ ގޮތުގައި ލިބޭ އިރު ސްޓެލްކޯއިން ދަނީ ސަރުކާރުގެ މޫނުމަތި ރީތިކުރަން، ނޫސްތަކަށްވެސް މިލިއަނުން ފައިސާ ހަރަދުކުރަމުންނެވެ. މިއަދު ފާހަގަ ކުރާ ސަރުކާރަށް 2 އަހަރު ފުރޭ މުނާސަބަތުގައިވެސް ބައެއް ނޫސްތަކަށް ސްޓެލްކޯ އިން ފައިސާ ދީގެން ސަރުކާރު ޕްރޮމޯޓުކޮށް ރިޕޯޓުތައް ލިޔެފައިވާކަން ފާހަގަކުރެވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ