ކޮލި އަލި މަނިކުގެ ޖަނާޒާގައި ރައީސްގެ މަންދޫބެއްގެ ގޮތުން އުމަރު

ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅެއްކަމުގައިވާ ކޮލި އަލީ އުމަރު މަނިކުގެ ޖަނާޖާގައި ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އަލީ އުމަރު މަނިކުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު އުމަރު މިރޭ ސިންގަޕޫރަށް ފުރާ ވަޑައިގަންނަވާނެ ކަމަށެވެ. Marhoom Ali Umar Manik ge janaazaa ah, Raees ge khaassa mandhoob Minister Hon. @UmarNaseerPPM mirey Singapore ah furaavadaigannavaane. — Ibrahim Muaz Ali (@SpokespersonMV) December 20, 2015 އަލީ އުމަރު މަނިކު އަވަހާރަވުމާ ގުޅިގެން ދިވެހި ގައުދީ ދިދަ ތިން ދުވަސް ވަންދެން ބައިދަނޑިއަށް ތިރިކުރަން ވެސް ރައީސް ޔާމީން ވަނީ ނިންމަވައި ދިދަ ބައިދަނޑިއަށް ތިރިކޮށްފަ އެވެ. އަލީ އުމަރު މަނިކު އަވަހާރަވީ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ. އެމަނިކުފާނު އަވަހާރަވީ އުމުރުފުޅުން 77 އަހަރުގަ އެވެ. އަލީ އުމަރު މަނިކަކީ ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ރާއްޖޭގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ހަމައެހެންމެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ވެސް އޭނާ ވަނީ ދައުލަތަށް ޚިދުމަތް ކުރައްވައިފަ އެވެ. އަލީ އުމަރު މަނިކު އަވަހާރަވި ހަބަރު ލިބިވަޑައިގަތުމާ ގުޅިގެން، އެމަނިކުފާނުގެ ދަރިކަލުން ޑޮކްޓަރު މުހައްމަދު އަލީއަށް ރައީސް ޔާމީން ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ. އަދި އަލި މަނިކު އަވަހާރަވި ވާހަކަފުޅު އެއްސެވީ ވަރަށް ފުން ހިތާމަޔާ އެކުގައި ކަމަށް ވިދާޅުވި އެވެ. އަލި މަނިކަކީ ދިވެހި ދައުލަތަށާއި، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި އަދި ރާއްޖެ މިއަދު ދެކެމުންދާ ތަރައްގީގެ މުހިއްމު ހިއްސަދާރެއްކަން ރައީސް ޔާމީން ފާހަގަ ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ