2021 ވަނަ އަހަރުވެސް އެންމެ އިސްކަންދޭނީ ރައީސް ޔާމީން މިނިވަންކުރުމަށް: އިދިކޮޅު ކޯލިޝަން

މި ފެށުނު 2021 ވަނަ އަހަރުވެސް އެންމެ އިސްކަމެއް ދީގެން މަސައްކަތްކުރާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމަށް ކަމަށް ޕީޕީއެމް ޕީއެންސީ ހިމެނޭ އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ. އެ ކޯލިޝަނުން މިހެން ބުނެފައިވަނީ އައު އަހަރުގެ ތަހުނިޔާ ފޮނުވުމަށް އާންމުކުރި ހާއްސަ މެސެޖުގައެވެ.
މި މެސެޖުގައި ރައީސް ޔާމީން ޖަލުގައި ހުންނެވުމަކީ ނުހަނު ބޮޑު ބޭއިންސާފެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. އަދި އެކަން ބަދަލުކޮށް، ރައީސް ޔާމީން މިނިވަންކުރުމަށް 2020 ވަނަ އަހަރު އެ ކޯލިޝަނުން ކޮށްފައިވާ މަސައްކަތްތައް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ސިޔާސީ ހަރަކާތްތައް ވަރުގަދަކޮށް، ސްޓިއަރިންގ ކޮމިޓީ އުފައްދައި، ހަރުދަނާ ނިޒާމެއްގެ ތެރެއިން މަސައްކަތްކުރަން ފެށިފައިވާކަމަށް ވަނީ ބުނެފައެވެ.
މީގެއިތުރުންވެސް، ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ދަތި ހާލަތުގެ މައްޗަށްވެސް އިދިކޮޅު ކޯލިޝަނުންވަނީ އަލިއަޅުވާލާފައެވެ. މުޅި ދުނިޔޭގެ އިގްތިސާދުވެސް ކޮވިޑް-19ގެ ސަބަބުން ދަށަށް ގޮސްފައިވާއިރު، އެކަމުގެ ނޭދެވޭ އަސަރު ދިވެހިރާއްޖޭގެ އިގްތިސާދަށްވެސް ކުރިމަތިވެފައިވާކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ. އިގްތިސާދަށްކުރި ނޭދެވޭ އަސަރުގެ ސަބަބުން ރައްޔިތުން ނިކަމެތިވެފައިވާކަމަށާއި، އެކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭނީ ސަރުކާރުން ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ. އެހެންނަމަވެސް، ލޮކްޑައުންގެ ހާލަތުގައި އެޗްޕީއޭގެ އެންގުންތަކާއި ހިލާފަށް އިދިކޮޅު ކޯލިޝަނުން ވަނީ މުޒާހަރާތައްވެސް ބާއްވާފައެވެ.
ފުރަބަންދުގެ ހާލަތުގައި ބައިތުލްމާލުން ވައްކަން ކޮށްފައިވާކަމަށާއި، އެކަމުގެ ސަބަބުން ނުހަނު ބޮޑު ގެއްލުމެއް ރައްޔިތުންނަށް ވެފައިވާކަމަށްވެސް އެ ކޯލިޝަނުން ވަނީ ބުނެފައެވެ. އަދި، މިހާރަށްވުރެ ސަރުކާރު ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ހިދުމަތްތައް އަވަހަށް ދެވޭނެ މަގު ފަހިކޮށްދޭން ޖެހޭ ކަމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.
ކޮވިޑް-19ގެ ސަބަބުން ދިވެހިރާއްޖެ ލޮކްޑައުން ކޮށްފައިވާއިރު، ހިނގި ކޮރަޕްޝަންގެ އަމަލުތައް ސަރުކާރުގެ "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ގެ ޕޮލިސީގެ ދަށުން އަންނަނީ ތަހުގީގުކުރަމުންނެވެ. އެގޮތުން، އޭސީސީއަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައްސަލަ ހުށަހަޅާފައިވާއިރު، މި މައްސަލައާއި ގުޅިގެން ގިނަ ފަރާތްތަކަށް ވަނީ ފިޔަވަޅުވެސް އަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ