ގައުމީ ސްކޮޑުގައި ކިތުނަ ހިމަނައިފި

މިއަހަރު ބޭއްވި ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އާދަމް ނިޒާމް (ކިތުނަ) ގައުމީ ފުޓުބޯޅަ ޓީމުގެ ސްކޮޑުގައި ހިމަނައިފި އެވެ.
ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބުނު ގޮތުގައި ކިތުނަ ވަނީ ގައުމީ ސްކޮޑުގައި ހިމަނައިފައެވެ. އަދި ކިތުނަގެ ރިލީޒް ހޯދުމަށް އެފްއޭއެމް އިން ވަނީ މިހާރު އޭނާ މަސައްކަތް ކުރަމުން އަންނަ ސޮނޭވާފުށި ރިސޯޓުގައި ރަސްމީކޮށް އެދިފައެވެ. އަދި ރިލީޒް ލިބުނުހާ އަވަހަށް އޭނާ ގައުމީ ޓީމާއިއެކު ފަރިތަކުރުން ތަކުގައި ބައިވެރިވާނެ އެވެ.
ދެވަނަ ޑިވިޝަނުގައި މޮޅު ކުޅުމެއްދެއްކި ކިތުނައަށް ގައުމީ ސްކޮޑުން ޖާގައެއް ދިން އެއް ސަބަބަކީ މާޒިޔާ އަށް ކުޅެމުން އަންނަ ތަޖުރިބާކާރު ފޯވާޑް އަސަދުﷲ އަބްދުﷲ އަށް އަނިޔާވެ ކުޅުމާއި ދުރަށްދާން ޖެހުމުންނެވެ. އަސަދުﷲ އަށް އަނިޔާވީ އޭއެފްސީ ކަޕް ޕްލޭއޮފްގައި މާޒިޔާ އަދި ބެންގަލޫރު އެފްސީ މާލޭގައި ބައްދަލުކުރި މެޗުގެ ތެރެއިންނެވެ.
އައު ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ އިރުޝާދުގެ ދަށުން އެންމެ ފުރަތަމަ އެކުލަވާލި ސްކޮޑަށް މިހާރު ވަނީ ބައެއް ބަދަލުތައް ގެނެސްފައެވެ. އެގޮތުން ކިތުނަގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބުގެ އިސްމާއިލް އީސަ (މެސީ) އާއި އިޝާން އިބްރާހިމް (ސައްޓު) އަދި ކްލަބު ގްރީން ސްޓްރީޓްސްގެ މުހައްމަދު އުމެއިރާއި ކްލަބް އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް ވެސް ފަހުން ވަނީ ފުރުސަތު ދީފައެވެ.
ކޮލިފައިންގައި އަންނަ މަހު 26 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ. އަދި 31 ވަނަ ދުވަހު މާލޭގައި ސީރިއާއާ ބައްދަލުކުރާނެ އެވެ.
ކޮލިފައިންގައި ރާއްޖެ އޮތް ގްރޫޕް އޭގެ އެއްވަނައިގައި ސީރިއާ އޮތީ 5 މެޗުންވެސް މޮޅުވެ 15 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ޗައިނާއިން ވަނީ 4 މެޗުން 7 ޕޮއިންޓް ހޯދާފައެވެ. ތިންވަނައިގައި އޮތް ފިލިޕީންސް ވެސް ވަނީ 5 މެޗުން 7 ޕޮއިންޓް ހަމަކޮށްފައެވެ. ހަތަރުވަނައިގައި އޮތް ރާއްޖެއަށް 5 މެޗުން ލިބިފައިވަނީ 6 ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ