ކިޔެވުމުގެ އައު އަހަރަކާ ކުރިމަތިލީ އެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެހީތެރިކަމާ އެކު ސުކޫލުތައް އައު އަހަރަށް މަސައްކަތް ފެށީ އެވެ. ސުކޫލު ޒީނަތްތެރިކޮށް، އާބާތުރަފިލުވުމުގައި ސުކޫލުގެ މުވައްޒަފުން އަވެދިނެތި އުޅުނެވެ. ސުކޫލަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ފުރިހަމަކުރުމުގަ އެވެ.
އައު އަހަރަށް ތައްޔާރުވަނީ މިނސްޓްރީ އޮފް އެޑިއުކޭޝަނާއި ސުކޫލުތަކުން އެކަންޏެއް ނޫނެވެ. މައިންބަފައިން ވެސް އުޅެނީ ހަމަ އެހާ ބުރަކޮށެވެ. ޔުނީފޯމު ފެހުމާއި އެހެނިހެން ސާމާނު ހޯދާ އަތްމަތިކުރުމުގަ އެވެ.
މި ހުރިހާ ފަރާތްތަކުން ހުރިހާ މަސައްކަތަކާއި ޚަރަދެއް ކުރަނީ ވަރަށް ފޮނި އުއްމީދުތަކެއްގަ އެވެ. ނަމަވެސް މި އުއްމީދުތަކުގައި ހަގީގީ ކުލަ ޖެއްސެނީ ކިހާ ވަރަކަށް ހެއްޔެވެ؟ ތައުލީމީ ނަތީޖާ ފާހަގަކޮށް ސުކޫލާއި، ރަށާއި، އަތޮޅާއި އަދި ގައުމީ ފެންވަރުގައި ވެސް ހަފްލާތައް ބާއްވަ އެވެ. ނަމަވެސް މި ހަފްލާތަކަށް ނަޒަރު ހިންގާލުމުން، ތައުލީމީ ނިޒާމުގެ ތެރޭގައި ގިނައީ އެކަށީގެންވާ ނަތީޖާއެއް ހާސިލް ނުކުރެވޭ ދަރިވަރުންކަން ހިތާމައާ އެކު ފާހަގަކުރަން ޖެހެ އެވެ. ތަޢުލީމީ ހަޔާތް ނިންމާލާ ކުދިންގެ އާބާދީގެ ބޮޑު ބަޔަކީ ސުކޫލު ނިންމުމަށް ފަހު، ދާނެ ވަކި މިސްރާބެއް ނެތް ކުދިންނެވެ. މަގުމަތިވާ ކުދިންނެވެ. މިއީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ. މިކަން މިހެން ދިމާވާ ސަބަބާ ދޭތެރޭ ފުންކޮށް ވިސްނާލަން ޖެހެ އެވެ. ދިރާސާކޮށް މި މައްސަލަ ހައްލުކުރުމަކީ މިއަދު ކުރަން ޖެހިފައި އޮތް އެންމެ މުހިއްމު އެއް މަސައްކަތެވެ.
ގަބޫލުކުރަން ޖެހޭ ޙަޤީގަތަކީ ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެއް ކަމެވެ. ހުނަރާއި ޤާބިލުކަމުގެ ގޮތުންނެވެ. އެކި ކުދިން ޝައުގުވެރިވަނީ ވެސް އެކި ކަންކަމަށެވެ. ޤާބިލުކަން ފެންނަނީ އެކި ފަންނުންނެވެ. އެހެންވީމާ ކުއްޖެއްގެ މުސްތަޤުބަލު ކަނޑައަޅާ މިންގަނޑަކީ ތައުލީމީ ނަތީޖާއޭ ދެންނެވޭކަށް ނެތެވެ. ނަމަވެސް ހިތާމައަކީ މުޖުތަމައުގެ ގިނަ ބަޔަކު އަދިވެސް ގަބޫލުކުރާ ގޮތުގައި މޮޅެތި ކުދިންނަކީ ތަޢުލީމީ ނަތީޖާ ރަނގަޅު ކުދިންނެވެ. ދަރިވަރުންގެ އަގު ވަޒަންކުރުމަށް ބާއްވާ އެކިއެކި ޙަފުލާތައް މިކަމުގެ ހެއްކަކަށް ފުދެ އެވެ. މިގޮތުން މަދު ކުއްޖެއްގެ ތައުލީމީ ނަތީޖާ ރަނގަޅުވެ، އެކަން އަޅުގަނޑުމެން ފާހަގަކުރާއިރު ގިނަ ކުދިންތަކެއް ހަގީގަތުގައި ވަނީ ބާކީ އެވެ. މިކަމުގެ ހައްލަކީ އެ ކުއްޖެއްގެ ފަންނުން އެ ކުއްޖަކު ކުރިއަށް ދިއުމަށް ފުރުސަތު ތަނަވަސްކޮށްދިނުމެވެ. ފަސޭހަ ނޫނަސް މިއީ ނުކުރެވޭނެ ކަމެއް ނޫނެވެ. އަދި ކުރުން އެހާމެ މުހިއްމު ކަމެކެވެ.
ދެން އޮތީ ދަރިވަރުންގެ އަޚްލާޤެވެ. ދަރިވަރުންގެ އަޚުލާޤާއި އުޅުން ހުރީ އެ ވާހަކަދައްކަން ވެސް ލަދުގަންނަ ހިސާބުގަ އެވެ. އެހެނީ އާންމު ގަވާއިދުތަކަށް އިހުތިރާމު ކުރާ ކުދިން މަދުވެއްޖެ އެވެ. ކުށްތަކަށް އަރައިގަންނަ ކުދިން ގިނަވެއްޖެ އެވެ. ސުކޫލު ކުދިންގެ އަޚްލާޤީ ފެންވަރު ދަށް ވާހަކަ، މިއަދު މުޅި މުޖުމައުގެ އެންމެން ދައްކަ އެވެ. އެންމެންގެ ކަންބޮޑުވުމަށް ވެއްޖެ އެވެ. އެހެންނަމަވެސް ކުދިންގެ އަޚުލާޤު ދަށްވުމުގެ ޒިންމާ ކުދިންގެ ބޮލުގައި އެކަނި އެޅުވޭކަށް ނެތެވެ. އާނއެކެވެ. ރިވެތި އަޚުލާޤު އަށަގަންނާނީ ރިވެތި ނަމޫނާ ދައްކައިގެންނެވެ. މިއީ ދުނިޔެ ދައްކާ ޙަޤީގަތެވެ. އެހެންކަމުން ދަރިވަރުންގެ އަޚުލާޤު ގޯސްވަނީ މުޅި މުޖުތަމަޢުގެ އަޚުލާޤީ ފެންވަރު ވެސް ދަށްވުމުންނޭ ބުނެވިދާނެ އެވެ.
ދަރިވަރުންގެ އަޚުލާޤު ރަނގަޅުކުރަން ބޭނުން ނަމަ ކަންކަމުގައި އިޚުލާސްތެރިވާން ވެސް ޖެހެ އެވެ. ހެޔޮ ކަންކަމަށް އަމުރުކޮށް، ނަސޭހަތްދީ ހަދާއިރު ތިމާއަކީ އެގޮތަށް އަމަލުނުކުރާ މީހަކަށް ވާ ނަމަ، އެ އަމުރަކުން ނުވަތަ ނަސޭހަތަކުން ކުރާނެ މާ ބޮޑު މަންފާއެއް ނޯންނާނެ އެވެ. ކީރިތި ޤުރުއާނުގައި ވެސް ވަނީ ތިމާ ނުކުރާ ކަމެއް ކުރުމަށް އެހެން މީހުންނަށް އަމުރު ނުކުރުމަށް އަންގަވާފަ އެވެ. ނަބަވީ އިރުޝާދުން ވެސް ފެންނަން އޮތީ އެގޮތެވެ. އެހެންނަމަވެސް މިއަދުގެ މުޖުތަމަޢަށް ނަޒަރު ހިންގާލަމާތޯ އެވެ! ރަނގަޅު ގޮތް ކިޔައިދީ ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް ދުވަހަކު ވެސް ނުހިންގާ ވަރަށް މިހާރު އެބަ ހިންގާ ނޫންތޯ އެވެ؟ ނަމަވެސް އެކަމުން މާ ބޮޑު އަސަރެއް ކުރޭ ހެއްޔެވެ؟ އެދެވޭ ބަދަލެއް މުޖުތަމަޢަށް އާދޭ ހެއްޔެވެ؟ ނާދެއެއް ނޫންތޯ އެވެ؟ މިއީ ކަންދެއްކުމަށް އަމަލުކުރާތީ ވާ ގޮތް ކަމަށް ވުން ވަރަށް އެކަށީގެންވެ އެވެ.
ދިރާސީ އައު އަހަރު ފެށުނު އިރު ވިސްނަންވީ މި ދެންނެވި ކަންކަމާ މެދުގަ އެވެ. ދަރިވަރުންގެ ތަޢުލީމީ ނަތީޖާގެ އަގުވަޒަންކުރާ ފަދައިން ފަންނީ ހުނަރުވެރިކަމުގެ ވެސް އަގުވަޒަން ކުރުމަށެވެ. ފަންނުވެރި، ހުނަރުވެރި ކުދިބަޔަކު އުފެއްދުމަށެވެ. އެފަދަ ފުރުސަތުތަކެއް ދަރިވަރުންނަށް ހޯދައި ދިނުމަށެވެ. އެއާ އެކު އަޅުގަނޑުމެންގެ ނަފުސު އިސްލާހު ކުރުމަށެވެ. އަޚުލާޤު ރަނގަޅުކުރުމަށެވެ. ކޮންމެ ކަމެއްގައި ވެސް ރިވެތި ނަމޫނާ ދައްކާ ބަޔަކަށް ބޮޑެތި މީހުން ވުމަށެވެ. މިކަމަށް ބޭނުންވަނީ ހެޔޮ ނިޔަތެވެ. ނުގުޑާ ފަދަ އަޒުމެވެ. އިޚްލާޞްތެރި މަސައްކަތެވެ.
މާތްﷲ އަޅުގަނޑުމެން އެންމެނަށް މި މަގަށް މަގު ދައްކަވާށި އެވެ! އާމީން.
އެޑިޓަރުގެ ނޯޓު
އަބްދުﷲ އަކީ ފ. ނިލަންދޫގައި ހުންނަ ފ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލެވެ. ހިސާބު ޓީޗަރެއްގެ ގޮތުން ތައުލީމީ ދާއިރާއަށް ވެންނެވި އަބްދުﷲ ވަނީ ސްކޫލް މެނޭޖްމަންޓްގެ ރޮނގުން، އިންޑިއާގެ މައިސޫރު ޔުނިވަސިޓީން މާސްޓާޒް ނަންގަވައިފަ އެވެ. ފިޒްކްސް، ކެމިސްޓްރީ އަދި މެތެމެޓިސް ހިމެނޭ ގޮތުން، ފުރަތަމަ ޑިގްރީ ނެންގެވީ ބެންގަލޯ ޔުނިވަސިޓީންނެވެ.
ސްކޫލް ގައިޑް: އާ އަހަރު، ނަމޫނާ މަސައްކަތްތަކެއް ވެސް ބޭނުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ